އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެމްއެމްއޭގެ މައި އޮފީހަށް ވަންނަވަނީ. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްއޭ

ރާއްޖޭގެ ދަރަނި ރީސްޓަކްޗާކުރަން ޖެހޭ ވަގުތު އަތުވެއްޖެ، ނޫނީ މަގުތައް ބަންދުވެދާނެ: އެމްއެމްއޭ

ހަރުދަނާ ފިސްކަލް ސިޔާސަތަކާ ނުލާ ރާއްޖެއަށް ދެން ކުރިއަށް ދެވެން ނެތް ކަމަށާއި ދަރަނި ނެގެން ހުރި މަގުތައް ރާއްޖެއަށް ބަންދުވަމުންދާ ކަމުގެ ކަންބޮޑުވުން އެމްއެމްއޭއިން ފާޅުކުރި
20 ނޮވެމްބަރު 2023

ރާއްޖޭން މިހާރު ނަގާފައި ހުރި ލޯނުތައް ނުވަތަ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށަން ލަފާ ދޭ ކަމަށާއި، އެއީ މިވަގުތު ރާއްޖެއިން ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ދޭ ލަފާ ހުށަހަޅަން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސުވާލުކުރެއްވީ މިއީ ދަރަނި ރީސްޓްރަކްޗާ ކުރުން ރަނގަޅު ވަގުތެއްތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަލީ ހާޝިމް ވިދާޅުވީ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ އެންމެ ރަނގަޅު ދަނޑިވަޅަކީ މި އަހަރު ފެށުނުއިރު ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އެގޮތަށް އެކަން ފާހަގަކޮށްފައިވާ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެ ޖަވާބާ ގުޅިގެން ޝަރީފް ވަނީ އެންމެ ރަނގަޅު ގޮތަކީ ދަރަނި ރީސްޓްރަކްޗާ ކުރުންތޯ ރީފައިނޭންސް ކުރުންތޯ އައްސަވައިފަ އެވެ. އެ ސުވާލާ ގުޅިގެން އަލީ ހާޝިމް ވަނީ، އަވަށްޓެރި ސްރީ ލަންކާއިން އަމަލުކުރި ގޮތް ކޮމިޓީއަށް ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ލަންކާ އިން ވެސް، މިހާރު ދައްކަން ހުރި އެއްޗެއް ލަސްކޮށް، އެ ލޯނުތައް ދެއްކުން ދިގު މުއްދަތަކަށް ދަންމާލީ 

  • އެއީ ސަރުކާރުގެ އަތްމަތީގައި އޮންނަ ކަމެއް؛ ރާއްޖެއިން ވެސް މިވަގުތަށް އަމަލުކުރަން ޖެހޭ ގޮތް ކަމަށް ދެކެނީ ލަންކާއިން އަމަލުކުރި ގޮތް

"މިހާރު ދައްކަން ހުރި އެއްޗެއް ލަސްކުރުން، އެ ލޯނުތައް ދިގު ރާސްތާއަކަށް ގެންދިއުން ސިލޯނުން އެއީ އަމަލުކުރި ގޮތަކީ. މިއީ ރަނގަޅު ދަޑިވަޅެއް ކަމަށް އަޅުގަނޑުމެން އިރުޝާދު ދެން އެކަން ކުރަން އަންނަ އަހަރު،" އަލީ ހާޝިމް ވިދާޅުވި އެވެ. 

'ފައިސާ ހޯދުމުގެ މަގުތައް އަންނަނީ ބަންދުވަމުން'

މިއަދުގެ ބަޖެޓް ކޮމިޓީގައި އެމްއެމްއޭއިން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ކޮންމެ އަހަރެއްގެ ވެސް ބަޖެޓް އެކުލަވާލާ ގޮތާ އެއްގޮތަށް ހަރަދުކުރުމުގެ ކަންކަން ނުދިޔުމެވެ. 

އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތާއި އިގްތިސާދަށް ކުރާ އަސަރުތައް ތަފްސީލްކޮށް މެންބަރުންނަށް ވިދާޅުވެދެއްވަމުން، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ:

  • ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓަށް ވެސް ކަންކަން އިތުރުކޮށް މަޖިލީހުން ބަޖެޓް ފާސްކުރުމުން އެ ބަޖެޓް ތަންފީޒު ކުރަން އުނދަގޫވޭ 

  • ނަތީޖާއަކަށް ވަނީ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަަހަޅަން ޖެހި، 4 ބިލިއަން ރުފިޔާގެ ތަފާތެއް އޮތުން

އެކަން ހައްލުކުރެވޭނީ، އެންމެން ގުޅިގެންކަން ޒިންމާ ނަގައިގެން ފާހަގަކުރައްވައި އިމާދު ވިދާޅުވީ އެންމެން އަމަލުކުރަން އެއްބަސްވާ 2-3 އަހަރުގެ ދައުލަތުގެ ހަރަދުކުރުމާއި އާމްދަނީއާ ގުޅޭ ފިސްކަލް ސްޓްރެޓެޖީއެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެ ސްޓްރެޓެޖީއަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ ވެސް ރުހުން އޮންނަ އެއްޗަކަށް ވާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުޅި ބަޖެޓަކީ އޯވަރޯލްކޮށް ތަފްސީލީ ގޮތެއްގައި ތަންފީޒު ކުރާ ބަޖެޓެއް ހެދުމުގައި އަޅުގަނޑުމެން، އެންމެން ޒިންމާ ނަންގަވަން އެބަ ޖެހޭ،" އިމާދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ސްޓްރެޓަޖީ ނުހަދައި ރާއްޖެއަށް ދެން ކުރިއަށް ދެވެން ނެތް ކަމަށެވެ. އަދި އެފަދަ ހަރުދަނާ ސިޔާސަތެއް ނެތި އަބަދު ހަރަދުތައް ހަމަޖައްސަން ބޭރުން ފައިސާ ނުހޯދޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާދު ވަނީ ރާއްޖެއަށް ފައިސާ ނުވަތަ ދަރަނި ނެގެން ހުރި މަގުތައް ބަންދުވަމުން ދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިކަން ނުކޮށް ކުރިއަށް ދެވޭކަށް ނެތް. ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން، މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީއެއް އެކުލަވާލައިގެން ނޫން ގޮތަކަށް ނެތް ދެވޭކަށް. ދަރަނި ނެގުމުގެ ހުރިހާ ދިމާލެއް އެ ދަނީ ބެދެމުން، އިންތިހާއަށް އަގުބޮޑުވެގެން މި ދަނީ މާކެޓްތައް،" އިމާދު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް