އެސްޑީއެފްސީގެ އޮފީސް އިމާރާތް (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެސްއެމްއީ ފައިނޭންސް ފޯރަމުގެ މެންބަރުކަން އެސްޑީއެފްސީއަށް
އިގްތިސޯދީ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމު ތަމްސީލުކުރާ ޖީ20 އިން އުފައްދާފައިވާ އެސްއެމްއީ ފައިނޭންސް ފޯރަމުގެ މެންބަރަކަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ގާއިމްކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްޑީއެފްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހަރަކާތްތެެރިވާ އެ ޖަމިއްޔާގެ މެންބަރުކަން އެ ކުންފުންޏަށް ލިބުނުކަން އެސްއެމްއީ ފައިނޭންސް ފޯރަމުން އިއުލާނުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެސްޑީއެފްސީ އަކީ އެ ޖަމިއްޔާގެ މެންބަރުކަން ލިބުނު ދިވެހި ފުރަތަމަ ކުންފުންޏެވެ. އެސްއެމްއީ ފަައިނޭންސް ފޯރަމް ހިންގަނީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭސް ކޯޕަރޭޝަން (އައިއެފްސީ)އާ ގުޅިގެންނެވެ.
އެސްއެމްއީ ފައިނޭންސް ފޯރަމް
-
190 ގައުމު ހިމެނޭހެން 240އަށް ވުރެ ގިނަ މާލީ އިދާރާތަކާއި ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއް
-
މި ޖަމިއްޔާގެ ބޭނުމަކީ ބައިވެެރިންގެ މެދުގައި ދާއިރާއާ ގުޅުން ހުރި އިލްމާއި އާ އީޖާދުތައް ހިއްސާކޮށް، ހިޔާލު ބަދަލުކުރުމުގެ އިތުރުން، ގުޅުން ބަދަހިކުރުން
-
އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި އެ ދާއިރާގެ އެކި ތަޖުރިބާތައް ދޭދޭ މެންބަރުންގެ މެދުގައި ހިއްސާ ކުރުމަކީ ވެސް އެ ޖަމްއިއްޔާގެ މަގުސަދެއް
ބުނީ ކީކޭ؟ - އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ، އެސްއެމްއީ ފައިނޭންސް ފޯރަމްއާ ގުޅިގެން އެސްޑީއެފްސީން މަސައްކަތް ކުރާނީ އިންޑަސްޓްރީގެ ލީޑަރުންނާ ގުޅުން ބަދަހިކޮށް، ދާއިރާއާ ގުޅުން ހުރި އާ އިލްމާއި ތަޖުރިބާ ހޯދުމުގެ އިތުރުން ގުޅުންތައް ގާއިމް ކުރުމަށް ކަަމަށެވެ.