ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2023 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅި ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ބަޖެޓް 2023

ހަރަދުތައް އިތުރުވާނެތީ 5 ބިލިއަންގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ

ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ބަޖެޓް ކުރިވަރަށް ވުރެ އިތުރަށް ސަބްސިޑީތަކަށް ހަރަދުވުމާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހޭދަ އިތުރުވުން
20 ސެޕްޓެމްބަރު 2023

މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް 5 ބިލިއަނެއްހާ ރުފިޔާ މި އަހަރު ހަރަދުވާނެތީ، އިތުރަށް ފައިސާ ހޯދުމަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެކަން ޔަގީންވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ، މި މަހުގެ 14އާ ހަމައަށް ދައުލަތުން ހަރަދުކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު: 

  • އެ ދުވަހާ ހަމައަށް 33.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

  • މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓްގެ %77 މިވަނީ މިހާރު ހަރަދުވެފައި 

  • ބަޖެޓްގައި ބާކީ އޮތީ 9.7 މިލިއަން ރުފިޔާ 

ތަފްސީލް - އެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ 256 ދުވަސް ފާއިތުވީ އިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކަށް 129.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން:

  • މި އަހަރު ބާކީ 108 ދުވަސް އޮތް އިރު، މ ިއަހަރުގެ ހަރަދުތަކަށް އިތުރަށް 6-5 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ބޭނުންވޭ

  • އެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން ފިނޭންސް މިނިސްޓްރީގެ އެކި މަސްދަރުތަކުން ކަށަވަރުކޮށްދޭ

ސަބްސިޑީ އާއި މަޝްރޫއުތަކުގެ ހަރަދު އިތުރުވުން

މި އަހަރު ވެސް ބަޖެޓްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ހަރަދުތައް މަތިވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، ބަޖެޓް ކުރިވަރަށް ވުރެ އިތުރަށް ސަބްސިޑީތަކަށް ހަރަދުވުމާއި މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ ވަރު އިތުރުވުމާ އެކު، އެ މަޝްރޫއުތަކަށް ހިނގާ ހަރަދު އިތުރުވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން: 

  • އާސަންދައަށް 1 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައި އޮތް ނަަމެސް، 1.5 ބިލިއަން ރުފިޔާ ހަރަދުވެއްޖެ؛ އިތުރަށް 424 މިލިއަން ރުފިޔާ

  • ސަބްސިޑީއަށް 2.3 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައި އޮތް ނަމަވެސް، އިތުރަށް 546 މިލިއަން ރުފިޔާ ހަރަދުވެ، 2.8 ބިލިއަން ރުފިޔާއަށް އެ ހަރަދު ވަނީ އަރާފައި

  • ގިނަ މަޝްރޫއުތައް ހިންގާ ހައުސިން މިނިސްޓްރީއަށް ކަނޑައެޅި 5.4 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެ، އިތުރަށް 678 މިލިއަން ރުފިޔާ ހަރަދުވެއްޖެ؛ އެ މިނިސްޓްރީން ކުރި ހަރަދު 6.1 ބިލިއަނަށް ވަނީ އަރާފައި

  • މިިދޔަ އަހަރާ އަޅާބަލާއިރު މަޝްރޫއުތަކަށް 2.6 ބިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުވެފައި

  • މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.6 ބިލިއަން ރުފިޔާގެ ބަޖެޓްގެ %91 މިހާރު ވެސް ވަނީ ހަރަދުވެފައި 

ފާހަގަކޮށްލެވޭ ކަމެއް - ހަރަދުތައް އިތުރުވެ، މި އަހަރު ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކޮށްފި ނަމަ، ދައުލަތުގެ ބަޖެޓްގެ ޖުމްލަ މި އަހަރު 49 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. 

މިދިޔަ އަހަރު ވެސް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކުރަން ޖެހުނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް