
ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޖޫން މަހު 1.6 ބިލިއަނާ އެކު އަންދާޒާއަށް ވުރެ %42 އިތުރު އާމްދަނީއެއް
ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު 1.61 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މީރާ އިން މިއަދު އާންމުކުރި ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން، އެއީ މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ %42.9 އިތުރު އަދަދެކެވެ.
ތަފްސީލް - ލަފާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވީ ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުއްޔާއި ޖީއެސްޓީގެ އިތުރުން ބޭންކްތަކުން ދެއްކި ޓެކްސް އިތުރުވުމުން ކަމަށް މީރާ އިން ބުންޏެވެ.
ޖޫން މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނީ 48.42 މިލިއަން ޑޮލަރެވެ.
-
ލަފާކުރި ވަރަށް ވުރެ އާމްދަނީ އިތުރު ނަމަވެސް، މިދިޔަ މަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ މަދު
-
ސަބަބަކީ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި މި މަހަށް ލަސްކުރުމުން
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:
-
އާމްދަނީން ނަގާ ޓެކްސް - 604 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %37.5)
-
ޖީއެސްޓީ - 474 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %29.4)
-
ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލި - 231 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %14.3)
-
ޑިޕާޗާ ޓެކްސް - 68 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.3)
-
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ - 67 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4)
މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ މީރާ މެދުވެރިކޮށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފަ އެވެ.