އައްޑޫ އެއާޕޯޓުގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަނުކުރުން (ފޮޓޯ/ޕީސީބީ)
އައްޑޫ އެއާޕޯޓުގެ ބޯޑަށް އިތުރު ޑިރެކްޓަރަކު އައްޔަންކޮށްފިި
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލު ކުރާ އިތުރު ޑިރެކްޓަރަކު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރާއި ކާސާ ހޯލްޑިންސް ހިއްސާވާ އޭއައިއޭގެ ބޯޑަށް ސަރުކާރު ތަމްސީލު ކުރާ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ޝާތިފް އަލީ، ނޫކޮކާގެ/ސ. ފޭދޫ އެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހުގެ 22ގައި ކަމަށް ވެސް ޕީސީބީން މިއަދު ބުންޏެވެ.
ތަފްސީލް - މަގާމުގެ ލިޔުން ހަވާލުކުރުމަށް ފަހު ޕީސީބީން ވަނީ އެ އިދާރާ އިން ކުރިއަށް ގެންދިޔަ އޭއައިއޭ ކުންފުނީގެ ފައިނޭންޝަލް އަދި ގަވަނެންސް ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށް، އެކަންކަން އިސްލާހުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އާ ޑިރެކްޓަރުގެ ކިބައިން އެދިފަ އެވެ.
ކުންފުނި ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
ނަމަވެސް، އެ ކަންކަމުގެ ތަފްސީލެއް ޕީސީބީއަކުން ނުދެ އެވެ.
އެނގުން މުހިންމު - އޭއައިއޭގެ ބޯޑުގައި ތިއްބަވަނީ:
-
އެ ކުންފުނީގެ %70 ހިއްސާވާ ސަރުކާރުގެ ފަސް ޑިރެކްޓަރުން
-
އެ ކުންފުނީގެ %30 ހިއްސާވާ ކާސާ ހޯލްޑިންސްގެ ދެ ޑިރެކްޓަރުން
ޝާތިފްގެ ތައާރަފެއް:
-
އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖުމެންޓް ހާސިލްކުރައްވާފައިވޭ
-
އެމްއެންޔޫގެ ފެކަލްޓީ އޮފް މެނޭޖުމެންޓް އެންޑް ކޮމްޕިޔުޓިންގެ ޑީންގެ މަގާމު އަދާކުރައްވާފައިވޭ
-
ވެމްކޯގެ ބިޒްނަސް ޑިވެލޮޮޕްމެންޓް އެންޑް މާކެޓިން ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާފައިވޭ
-
އެންމެ ފަހުން ހުންނެވީ ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި