Majlis 2024

ފުޑް ކާނިވަލްގެ ޕޯސްޓަރެއް.

ފުޑް ކާނިވަލް

މޯލްޑިވްސް ފުޑް ކާނިވަލް: ކެއްކުމުގެ ހުނަރު ދައްކާލަން ތައްޔާރު؟

މިއީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ރާއްޖޭގެ އެފްއެންބީ ސިނާއަތަށް ގެނެސްދޭ ބޮޑު އީދެއް

ކެއްކުމުގެ ހުނަރު ދައްކާލަން ބޭނުން ހެއްޔެވެ؟ ނޫނީ އެކި ބާވަތްތަކުގެ ކާބޯތަކެތީގެ ރަހަ ބަލާލައި އާ ބާވަތްތަކުގެ އަޖުމަ ބަލައިލަން ބޭނުން ހެއްޔެވެ؟ ކުރިއަށް މި އޮތީ އެކި ފާޑުފާޑުގެ ކާބޯތަކެއްޗާއި އެފްއެންބީ ދާއިރާގައި އުޅޭ މީހުން އެއް ތަންކޮށްދޭ ބޮޑު ފެސްޓިވަލެކެވެ.

އެކި ރަހަތަކުގެ ސަޔާއި ފާޑުފާޑުގެ ބުއިންތަކެވެ. ދިވެހި އަދި ބޭރުގެ ޑިޝްތަކެވެ. ފޮނި، ކުޅި، ހުތް، މިހެން ގޮސް ދުލަށް އެނގޭ ހަމަ ހުރިހާ ރަހަތަކެއް އެއް ތަނަކުންނެވެ. ގޭގައި ކޭކާއި ކާބޯތަކެތި ތައްޔާރުކުރާ ހޯމް ބޭކާސްއިން ފެށިގެން ގޮސް އެކި ކަހަލަ ކެފޭ/ރެސްޓޯރެންޓްތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލައިގެން އެފްއެންބީ ބްރޭންޑުތައް ރާއްޖެ އެތެރެކުރާ ވިޔަފާރިވެރިންނެވެ. ކްރިއޭޓިވް އާޓިސްޓުންނެވެ.

މިއީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ރާއްޖޭގެ އެފްއެންބީ ސިނާއަތަށް ގެނެސްދޭ ބޮޑު އީދެކެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަންނަ މަހުގެ 20-24އަށް ކުރިއަށް ގެންދާ މި 'އީދު'ގެ ނަމަކީ 'މޯލްޑިވްސް ފުޑް ކާނިވަލް' އެވެ.

މި ކާނިވަލުގައި ބައިވެރިވާ މީހުން ކެއްކުމުގެ ހުނަރު ދައްކާލައި އެކި ބާވަތްތަކުގެ ޑިޝްތައް ތައްޔާރުކޮށްލާ ތަން ބަލާލަން ބޭނުން ކޮންމެ މީހަކުވެސް ވަންނަންވީ އެވެ. ކުޅުދިޔާވެ، ކާހިތްވެއްޖެ ނަމަ، ހަމަ ފަހަރަކު އެއްޗަކުން ރަހަ ވެސް ބަލަންވީ އެވެ. އަނެއްކޮޅުން މިއީ ވިޔަފާރިވެރިން ވެސް ބައްދަލުކޮށްލައި އެ ބައެއްގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލައި އެއާ ބެހޭ ގޮތުން މަޝްވަރާކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ފުޑް ކާނިވަލްގެ 'ރަހަ ހެޔޮވަރު' ކޮށްދޭނީ، މި އިވެންޓުގައި ހިމެނޭ ސައިޑްލައިން ހަރަކާތްތަކުންނެވެ. ކެއުމުގެ އެއްވެސް ބައެއް، ރަހައެއް އުނި ނުވާ ގޮތަށް ރާވާފައި ހުރި ސައިޑްލައިން ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފުޑް އެކްސްޕޯ - ވިޔަފާރިވެރިންނާއި ކަސްޓަމަރުން އެއް ތަން ކުރަން ހާއްސަކޮށްފައިވާ ބައެއް

  • އާޓިސަން މާކެޓް - ހޯމް ބޭކާސް އާއި އެ ނޫނަސް ކުދި ވިޔަފާރިތައް ކުރިއަރުވައިދޭ ބައެއް

  • ކޮފީ އެންޑް ޓީ ފެސްޓިވަލް - ސަޔާއި ކޮފީއަށް ލޯބިކުރާ މީހުންނަށް ހާއްސަ ބައެއް؛ އެކި ބާވަތްތަކުގެ ސަޔާއި ކޮފީގެ ރަހަ ބަލާލެވޭނެ

  • ފުޑް ސްޓްރޭޓް - މިއީ އެކި ކަހަލަ އަދި އެކި ގިންތީގެ ވިޔަފާރިތައް އެއް ތަންކޮށްދޭ ބައެއް؛ ހޯމް ޝެފްސްއިން ފެށިގެން ގޮސް ކެފޭ/'ރެސްޓޯރެންޓްތައް ވެސް މި ބައިގައި ހިމެނޭނެ

  • ޓެސްޓް ދަ ވޯލްޑް - ދުނިޔޭގެ އެކި ގައުމުތަކުގެ ރަހަތައް އެއް ތަނަކުން ތަޖުރިބާކޮށްލެވޭނެ

މޯލްޑިވްސް ފުޑް ކާނިވަލްއަކީ ކެފޭ ރެސްޓޯރެންޓުތަކާއި ހޯމް ބޭކާސް އާއި އެ ނޫނަސް އެފްއެންބީ ދާއިރާގައި އުޅޭ މީހުންނަށް، އެ މީހުންގެ އުފެއްދުންތައް އާންމުންނަށާއި އެހެން ވިޔަފާރިވެރިންނަށް ދައްކާލަން ދޭ ދައުވަތެކެވެ.

މި ކާނިވަލުގައި ބައިވެރިވާން ބޭނުންވާ މީހުން ކުރަން ޖެހޭ ކަމަކީ، މި ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުގެ ސޯޝަލް މީޑިއާ އެކައުންޓަކަށް ޑީއެމްއެއް ކޮށްލުމެވެ. ދެން ކުރަން ޖެހޭ ކަންކަން ބުނެދިނުމުން އިތުރަށް ދެން އޮންނާނީ އޭޕްރަންތައް އަޅައި މި ކާނިވަލަށް ތައްޔާރުވުމެވެ.

ކެއްކުމާއި ތަފާތު މީރު ރަހަތަކަށް އިންސާފުކުރުމުގެ އިތުރުން، މިއީ ކުދި ބޮޑު އެންމެން އެއް ތަންވެލައި މަޖާކޮށްލަން ވެސް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް