
ވޯލްޑް ބޭންކުގެ ރާއްޖޭގެ އޮފީހުގެ ވެރިޔާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިކޮނޮމިސްޓް، އާޑަމް އާތަސް ރިޕޯޓްގެ ހުލާސާ ޕްރެޒެންޓޭޝަން ދެއްވަނީ: ހަރަދު ކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަން ގޮވާލި ފޮޓޯ/ވޯލްޑް ބޭންކް)
ޓެކްސް ބޮޑުކޮށްގެން އެކަނި ނުފުދޭ؛ ހަރަދު ކުޑަކުރުން އަވަސް ކުރަން ޖެހޭ: ވޯލްޑް ބޭންކް
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްގެން އެކަނި ރާއްޖޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތަކުން ސަލާމަތް ވެވެން ނެތް ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން މިއަދު ބުނެފި އެވެ.
ތަފްސީލް - ގައުމީ ޔުނިވަސިޓީ، އެމްއެންޔޫގައި މިއަދު ބޭއްވި ހަފްލާއެއްގައި ވޯލްޑް ބޭންކުން އާންމުކުރި ރާއްޖޭގެ ޑިވަލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ބުނީ ކޮވިޑްގެ ކުރީގައި ހުރިވަރާ ގާތްގަނޑަކަށް އެއް ވަރަށް ރާއްޖޭގެ ޓޫރިޒަމް ކުރިއަރާފައި ވާތީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މަތިވެ، ފަގީރުންގެ ނިސްބަތް ވެސް މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރު %106 އަށް ކުޑަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުންޏެވެ.
Launching of the World Bank Maldives Development Update | Navigating a Tight Line | April 2023 https://t.co/Dm0hY2CNqQ
— World Bank Maldives (@WBMaldives) May 7, 2023
ނަމަވެސް، މިހާރު ހުރި ދަރަންޏަކީ ވެސް މެދުރާސްތާގައި ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރި އެވެ. އެގޮތުން އެބޭންކުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި:
-
އެންމެ ބޮޑު ނުރައްކަލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކާއި ކެޕިޓަލްގެ ގޮތުގައި ދޫކުރި ފައިސާއާ އެކު ދަރަނިތައް 2.5 ބިލިއަން ޑޮލަރުގައި ހުރުން؛ އެއީ ޖީޑީޕީގެ %45
-
މިހާރު ވެސް ދަރަނިތަކަށް 393 މިލިއަން ޑޮލަރު އަހަރަކު ދައްކަން ޖެހޭ؛ އަދި 2026ގައި އެކަނި 1 ބިލިއަން ޑޮލަރު ރާއްޖެއިން ދައްކަން ޖެހޭނެ
-
މި ފައިސާ އެއް ފަހަރާ ދައްކަން ޖެހުން ނުވަތަ ނުދައްކާ އިތުރަށް ދަންމާލަން ދަރަނި ރޯލްއޯވާ ކުރުމަކީ ރާއްޖެއަށް ކުރިމަތިވާނެ ބޮޑު އިމްތިހާނަކަށް ވާނެ
-
މި ބޮޑެތި ދަރަނިތަކާ އަދި ދަރަނިތައް ރީފައިނޭންސް ކުރުމުގައި ހުރި ގޮންޖެހުންތަކާ އެކު އެތެރެ އާއި ބޭރުން ކުރިމަތިވާ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުވާނެ
-
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ވިޔާފާރި ޓާމްސްގައި ބުރަ ލޯނުތައް ނަގާ ނަމަ ރާއްޖޭގެ ހާލަތު ދާނީ ނާޒުކު ވަމުން
"ފިސްކަލް ސިޔާތު [ސަރުކާރުގެ ހަރަދާއި އާމްދަނީގެ ސިޔާސަތު] އަށް ވަރަށް އަވަސް ބަދަލުތަކެއް މި ވަނީ ގެންނަން ޖެހިފައި. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ ރަނގަޅު ފިޔަވަޅަކަށް ވީ ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް އެ ބަދަލު ގެނައުމަކުން އަދި ނުފުދޭ. ހަރަދު ކުޑަކުރުމަށް ސިޔާސަތު އެކު އެކީ ކުރިއަށް ގެންދަން އެބަ ޖެހޭ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭ،" ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ދެއްވަމުން، ރާއްޖޭގައި ހުންނަވާ ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް އަދި ރާއްޖޭގެ އޮފީހުގެ ވެރިޔާ އާޑަމް އާތަސް ވިދާޅުވި އެވެ.

އެމްއެމްއޭއަށް އޮތް ސަރުކާރުގެ ދަރަނި ބޮޑުވެ ކަންބޮޑުވުން
ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ހަރަދުތައް ކުޑަނުކުރެވި އަހަރުން އަހަރަށް ބޮޑުވަމުން ދާތީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި އަމިއްލަ ބޭންކުތަކުން ބަޖެޓްގެ ޑެފިސިޓަށް ފައިނޭންސް ކުރަން ޖެހޭވަރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން ރިޕޯޓްގައި ބުނީ:
-
އެމްއެމްއޭގައި އޮތް ސަރުކާރުގެ ދަރަނި ވަނީ އެ ބޭންކުގެ ރައުސްމާލުގެ %47 އަރާފައި
-
ބޭންކުތަކުގައި އޮތް ސަރުކާރުގައި ދަރަނި 26.4 މިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ %30އަށް އަރާފައި
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، މި ގޮތަށް ވުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުތަކުން އަމިއްލަ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ. އަދި ބޭންކުތަކުގައި ލޯނު ދޫކުރަން ހުންނަ ފައިސާގެ ބޮޑު ބައެއް ސަރުކާރަށް ދަރަނި ދޫކުރަން އަންނަނީ ބޭނުން ކުރަމުންނެވެ.
ބަޖެޓު ފޫބެއްދުމަށް އަހަރުން އަހަރަށް ސަރުކާރުން ނަގާ ދަރަނިތައް ބޮޑުވުމުގެ ސަބަބުން ލޯނުތަކުގެ އިންޓަރެސްޓަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ޖީޑީޕީގެ %3.4އަށް އަރާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އެއީ އަހަރެއްގެ މައްޗަށް 3.2 ބިލިއަން ރުފިޔާ އެވެ.

ސަބްސިޑީ އާއި އުމްރާނީ ތަރައްގީގެ ސިޔާސަތު ބަދަލުކުރުން
ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ހިސާބަކަށް ގެންދިޔުމަށް ސަރުކާރުގެ ހަރަދުކުޑަކުރަން ރިޕޯޓްގައި ވޯލްޑް ބޭންކުން ދީފައިވާ އެންމެ ބޮޑު ލަފަޔަކީ ސަބްސިޑީއަކީ އެންމެންނަށް ދޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް ސަބްސިޑީ އަކީ ހަމައެކަނި ބޭނުން ޖެހިފައިވާ މީހުންނަށް ދޭ އެއްޗެއްގެ ގޮތުގައި ބަދަލުކުރުމެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ކަރަންޓާއި އަދި އާސަންދައަކީ ބޭނުން ޖެހިފައިވާ މީހުންނަށް ދޭ އެއްޗަކަށް ބަދަލު ކުރަން ލަފާދީފައިވެ އެވެ. މީގެ އިތުރަށް:
-
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އުފެއްދުންތެރިގޮތުގައި އެ ހަރަދުތައް ކުރުން
-
ދަރަނިތައް މެނޭޖްކުރެވޭނެ ހަރުދަނާ އުސޫލެއް އެކުލަވާލުން
-
އެސްއޯއީތަކަށް ދޭ ފައިސާ މަދުކޮށް އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުން އަދި ޕީސީބީގެ ރޯލް މިހާރަށް ވުރެ ބޮޑުކުރުން
-
ޓެކްސް ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ޓެކްސްގެ ފައިސާ ލިބޭކަން ކަށަވަރު ކުރަން ފިޔަވަޅ އަޅަން ޖެހޭ
ބަލަންވީ ކުރިއެރުން ދަމަހައްޓަން ފިޔަވަޅު އަޅަން
އާޑަމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު މި އަހަރު ވެސް %6.6ގައި އަދި ކުރިއަށް އޮތް އަހަރު ވެސް %5.6 ކުރިއަރާނޭ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ރާއްޖެއިން ވިސްނަންވީ އެ ކުރިއެރުން ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އާޑަމް ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއެރުން ދެމެހެއްޓޭނީ އިގްތިސާދަށް މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތައް ހައްލުކުރަން މިހާރު މަސައްކަތް ފަށައިގެންނެވެ.
ނަމަވެސް މި އަހަރުގެ ބަޖެޓްގައި ސަބްސިޑީތަކަށް ބަދަލު ގެންނަން ހިމަނާފައި ފިޔަސް އެކަން ތަންފީޒު ނުވެ ދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ބުރަ ލޯނުތައް ނަގަމުން ދިޔުމަކީ ވެސް ކަންބޮވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"2019ގެ ޑިވަލޮޕްމަންޓް ޕްލޭންގެ ދަށުން އެބަހުރި މަޝްރޫއުތަކެއް ހިންގަން ރާވާފައި. އެކަމަކު އެބަ ޖެހޭ މިހާރު ދުނިޔޭގެ އިގްތިސާދަށް މި އަންނަ ބަދަލުތަކާ އެކު ރިވައިޒްކުރަން އެކަންކަން. ބޭރުގެ ފަރާތްތަކުން ދޭ ލޯނުތައް ބޮޑެތި ޓާމްސްގައި ނަގައިގެން މިވަގުތު މަޝްރޫއު ހިންގީމާ އޭގެ ބުރަ ބޮޑުވާނެތީ އެކަމާ ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،" އާޑަމް ވިދާޅުވި އެވެ.
"މިހާރު ލޯނު ނަގައިގެން އިންވެސްޓްމަންޓްތައް އިތުރުކޮށްގެން އިގްތިސާދީ ކުރިއެރުން ޑަބަލް ޑިޖިޓަށް ވެސް މަތިކުރެވިދާނެ. އެކަމަކު ކުރިއަށް އޮތް ފަސް އަހަރު ކުރިއެރުން %2ގައި ހުންނަޏާ އޭގެ މާނައެއް ނެތް. އެކަމަކު މެދު މިނުގެ ކުރިއެރުމެއްގައި %5-6 ގައި ބަހައްޓައިގެން ދެމެހެއްޓެނިވި މަގެއް ކަމުގައި ފެންނަނީ."

ބޭރުގެ ފަރާތްތަކުން ދޭ ލޯނުތައް ބޮޑެތި ޓާމްސްގައި ނަގައިގެން މިވަގުތު މަޝްރޫއު ހިންގީމާ އޭގެ ބުރަ ބޮޑުވާނެތީ އެކަމާ ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ.
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ތަކެތި އެތެރެ ކުރަން ޖެހޭ ވަރުގެ ގިނަ ވުމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު ރިޒާވާއި ދައުލަތުގެ މާލީ ހާލަތަށް ކުރާނެ އެވެ. އެގޮތުން، ރިޒާވްގައި މިހާރު ހުރި 796 މިލިއަން ޑޮލަރުކަން ރިޕޯޓްގައި ފާހަގަކުރަމުން ބުނީ އެއީ 2.8 މަހުގެ އިމްޕޯޓަށް ފުދޭ ވަރުގެ ފައިސާ ކަމަށެވެ. އެވަރަށް ވެސް ރިޒާވް ރަނގަޅު ކުރެވުނީ އިންޑިއާގެ ސެންޓްރަލް ބޭންކާ އެކު ހެދި ކަރަންސީ ސްވޮޕްގެ ސަބަބުންކަން ރިޕޯޓްގައި ފާހަގަ ކުރި އެވެ.
އެ ކަންބޮޑުވުންތަކާ އެކު ރިޕޯޓްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަން ކުރިމަތިވަމުން އަންނާތީ އެވަރުގައި ރިޒާވް ހުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ތަކެތީގެ އަގުތައް އުފުލުން ތަކުލީފަކަށް ވާނެ
ރާއްޖޭގެ އިގްތިސާދަށް މިއަހަރު ދެން ކުރިމަތިވާނޭ ގޮން ޖެހުމަކީ ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުން، ތަކެތީގެ އަގުތައް މައްޗަށް ދިޔުން ނުވަތަ އިންފްލޭޝަން އެވެ. އެގޮތުން، މިހާރު %4ގައި ހުރި ރާއްޖޭގެ އިންފްލޭޝަން މި އަހަރުގެ ތެރޭ %5.7 އަށް ދާނޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެެ. އިންފްލޭޝަން މައްޗަށް ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ރިޕޯޓްގައި ބުނީ:
-
ދުނިޔޭގެ މާކެޓްގައި ތަކެތީގެ އަގުތައް ބޮޑުވުން
-
މިއަހަރުގެ ތެރޭ ޓެކްސްތައް ބޮޑުކުރުން
-
ކުރިއަށް އޮރް ރިޔާސީ އިންތިހާބާ އެކު ކުރާ ހަރަދުތައް އިތުރުވުން
އިންފްލޭޝަން މަތިވުމުގެ ސަބަބުން ސަބްސިޑީތަކަށް ކުރަން ޖެހޭ ހަރަދު އިތުރުވެ ދައުލަތުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ. އިންފްލޭޝަން މައިތިރިކުރަން ދުނިޔޭގެ ގައުމުތަކުން ވެސް އަޅާ ފިޔަވަޅުތަކުން އިގްތިސާދުތަކުގެ ކުރިއެރުން މަޑު ޖެހި ޓޫރިސްޓުން ރާއްޖެ އައުން މަޑުން ޖެހުން ފަދަ ނުރައްކާތައް ރާއްޖޭގެ އިގްތިސާދަށް މިއަހަރު ކުރިމަތިވާނޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.