އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު. (ފޮޓޯ/ރާއްޖެ ޓީވީ

އެގްރޯނެޓްގެ އެމްޑީ ހާރޫން އެމްއެފްއެމްސީއަށް ބަދަލުކޮށްފި

އެގްރޯނެޓްގެ އެމްޑީގެ މަގާމުން ދުރުކުރުމަށް ފަހު ހާރޫން ހަމަޖެއްސީ އެމްއެފްއެމްސީގެ ކޮން މަގާމަކަށް ކަމެއް އަދި އެނގިފައެއް ނުވޭ

ދަނޑުވެރިކަން ކުރިއަރުވާ ސަރުކާރު ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއަށް ބަދަލުކޮށްފި އެވެ.

ތަފްސީލު - އެގްރޯނެޓަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނި އުފެއްދީ 21 އޭޕްރީލް 2020 ގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި ހާރޫން އެމްއެފްއެމްސީއަށް ބަދަލުކުރީ އެގްރޯނެޓް ރީސްޓްރަކްޗާ ކުރުމަށެވެ. އެހެން ނަމަވެސް އޭނާ ބަދަލުކުރީ އެމްއެފްއެމްސީގެ ކޮން މަގާމަކަށް ކަމެއް އޮފިޝަލް ވިދާޅުނުވެ އެވެ.

މިކަމާ ގުޅޭގޮތުން ހާރޫން އަދި އެމްއެފްއެމްސީގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހާރޫންގެ މަގާމު މި ބަދަލުކުރީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ އެކި މެމްބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް އިއްޔެ އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. އަދި އެސްޓީއޯގެ އެމްޑީގެ މަގާމުން ހުސައިން އަމްރު މިދިޔަ އާދީއްތަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.

މިއަދު މަގާމު ބަދަލުކުރި ހާރޫނަކީ ވެސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އޭނާ ތާއީދުކުރެއްވީ ނަޝީދަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް