ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް. މި ރިސޯޓުގެ ހުރިހާ ވިލާއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރެވިފައި ވޭ. ފޮޓޯ/ ޕޮންޓިއެކް ލޭންޑް ގްރޫޕް

ރިސޯޓުތައް

ރާއްޖޭގެ ފުރަތަމަ ގްރީން ލޯނު ސިންގަޕޫރުގެ ޕޮންޓިއެކް ލޭންޑް ގްރޫޕަށް

ގްރީން ލޯނަކީ ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބޭ ގޮތަށް ބައްޓަން ކުރެވިފައިވާ މަޝްރޫއުތަކަށް އެކަނި ދޭ ހާއްސަ ލޯނެއް

ރާއްޖޭގެ ހޮޓަލް އިންޑަސްޓްރީގެ އެންމެ ފުރަތަމަ ގްރީން ލޯން ސިންގަޕޫރުގެ ލަގްޒަރީ ޕްރޮޕަޓީ ޑިވެލޮޕަރު ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެ އެވެ.

އެނގުން މުހިއްމު - އެއް ފަޅެއްގައި ރަށްތައް ހިއްކައިގެން ތަރައްގީ ކޮށް، ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި 'ފަރި އައިލެންޑްސް'ގެ ނަމުގައި ދެ ރިސޯޓެއް ހިންގަ އެވެ. މާލެ އަތޮޅުގެ އުތުރުގައި ވާ މި ދެ ރިސޯޓަކީ:

  • ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް

  • ޕަޓީނާ މޯލްޑިވްސް

ވީ ކިހިނެއް؟ - ބޭރުގެ މީޑިއާތަކުގައި ޕޮންޓިއެކް ގްރޫޕާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން:

  • ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި ހިންގާ 'ފަރި އައިލެންޑްސް' ރިސޯޓުތަކުގެ 180 މިލިއަން ޑޮލަރުގެ ބޭންކު ލޯނު މިހާރު ވަނީ ގްރީން ލޯނަށް ބަދަލުކޮށްފައި

  • މި ބަދަލު ގެނެސްފައި ވަނީ ފަރި އައިލެންޑްސް އަށް 'އެކްސެލެންސް އިން ޑިޒައިން ފޯ ގްރޭޓާ އެފިޝެންސީޒް' ނުވަތަ އެޖް އެޑްވާންސް ސެޓިފިކެޓް ލިބުމާ އެކު

  • މި އެވޯޑު ލިބެނީ 'ޒީރޯ ކާބަން ރެޑީ' ތަންތަނަށް؛ އެއީ ގިނަ އަދަދެއްގެ ހަކަތަ އިގްތިސޯދުކޮށް، ސީދާ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ތަންތަން، ނުވަތަ ކާބަން ހިމެނޭ ބާވަތެއް ބޭނުން ނުކޮށް ހަކަތަ އުފައްތާ ތަންތަން

  • ލޯނަށް އައި ބަދަލާ އެކު ޕޮންޓިއެކް ލޭންޑް ގްރޫޕުން ދައްކަންޖެހޭ ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަވާނެ ކަމަށް ބެލެވޭ

ގްރީން ލޯނަކީ ލޯނު ނަގާ ފަރާތްތަކަށް ލިބޭ ފައިސާ ބޭނުންކޮށްގެން ތިމާވެށީގެ މަގްސަދެއްގައި ބޮޑު ހިއްސާއެއް ކުރާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށް ފަންޑު ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފައިނޭންސިންގެ ބާވަތެކެވެ. އަދި ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއުތަކަށް އެކަނި ދޭ ހާއްސަ ލޯނެކެވެ. 

ބުނީ ކީކޭ؟ - ޕޮންޓިއެކް ލޭންޑް ގްރޫޕްގެ ސީއީއޯ ޑޭވިޑް ސާންގް އެ ކުންފުނި ސިފަކުރެއްވީ ރިއަލް-އެސްޓޭޓް ތަރައްގީ ކުރުމުގައި ދިގުމުއްދަތުގެ ޕްލޭންތަކެއް ހަދާ، ޒިންމާދާރުކަމާއި ނަޒާހާތްތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގަން އިސްކަމެއްދޭ ކުންފުންޏެއްގެ ގޮތުގަ އެވެ.

"ރާއްޖެ އަކީ ދުނިޔޭގެ އެންމެ ކުރީގައިވާ އެއް ފަތުރުވެރިންގެ މަންޒިލް، އަދި އަހަރެމެންގެ އުންމީދަކީ އެ ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ކުރިއަރުވާ އިތުރަށް ފުޅާކުރަން ހިތްވަރުދިނުން،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެ ކުންފުނީގެ ފަރި އައިލެންޑްސްގެ ދެ ރިސޯޓުވެސް އަޅާފައިވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ. އެގޮތުން:

  • އުފެއްދުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ފަރި އައިލެންޑްސްގެ އިމާރާތްތައް އަޅާފައިވަނީ 'މާސް އިންޖިނިއާޑް ޓިމްބާ' ބޭނުންކޮށްގެން؛ މިކަމުގެ ސަބަބުން ޖައްވަށް ބޭރުވާނެ ކާބަންޑައިއޮކްސައިޑްގެ މިންވަރުގެ 6،000 ޓަނު މަދުކުރެވިފައިވޭ

  • ބޭރު ގައުމުތަކުން ރިސޯޓު ފެހިކުރަން ގަސް އެތެރެކުރުމުގެ ބަދަލުގައި، ރިސޯޓުތަކުގައި އިންދާފައިވަނީ ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގައި ކަނޑާފައިވާ ގަސްތައް؛ އެގޮތުން ފޯދިފައިވާ 20،000 އަށްވުރެ ގިނަ ގަސް ސަލާމަތްކުރެވުނު

  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ވައްތަރުތައް މުޅިން މަނާކޮށް، ވޭސްޓް މެނޭޖްމަންޓްގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަނޑައެޅި

  • ރިސޯޓުގެ އިމާރާތްތައް ފަރުމާ ކުރެވިފައިވަނީ ފުރާޅުގައި ފަސޭހައިން ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް؛ ފަރި އައިލެންޑްސް އަކީ ރާއްޖޭގައި އެންމެ ގިނައިން އިރުން ހަކަތަ އުފައްދާ އެއް ތަން

  • ފަރި އައިލެންޑްސްގެ ދަ ރިސޯޓުން ވެސް ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ދިރާސާތަކާއި މުރަކަ އިންދުމާއި ވެލާ ކަހަނބު ރިހެބިލިޓޭޓް ކުރުމާއި ކަނޑަށް އަޅާ ޕްލާސްޓިކުން ތަކެތި އުފެއްދުމަށް ބޮޑު އިސްކަމެއްދޭ

  • އިމްޕޯޓު ކުރާ ތަކެތި މަދުކުރުމަށްޓަކައި ރިސޯޓުގައި ކާބޯތަކެތި ހައްދާ؛ އެކަމަށް ބޭސް ބޭނުމެއް ނުކުރޭ އަދި އުކާލެވޭ އޯގަނިކް ކުނިން ގަސްކާނާ އުފައްދާ

  • ރިސޯޓަށް އަންނަ ގެސްޓުންނަށް ތިމާވެށީގެ މުހިއްމުކަން ދަސްކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން ހިތްވަރުދޭ

ކޮމެންޓް (1)

ހާމިދު

24 މާރިޗު 2023
ދެން ހުމޭދާމެން ކީކޭ ބާ މި ކިޔަނީ، ތިމާވެއްޓަށް ހާދަ މަސައްކަތެއް ކުރެޔޭ މި ރިޒޯޓުތަކުން. މިކުދިންނަށް ހަމަ ނޭގެނީ.... 180 މިލިޔަން ޑޮލަރު ބޭރުގެ ބޭންކަކުން ދޭނީ ވަރަށް ބަލާފަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް