
ބޮލިދުއްފަރުގައި ދުބާއީގެ ކުންފުންޏަކުން ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.
148 މިލިއަން ޑޮލަރުގެ ބޮޑު ރިސޯޓް މަޝްރޫއެއް އައިމާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި
ދުބާއީގެ ދަމަކް ޕްރޮޕަޓީސްއިން ކ. ބޮލިދުއްފަރު ފަރުގައި 120 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް 148 މިލިއަން ޑޮލަރު (2.28 ބިލިއަން ރުފިޔާ)އަށް، ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އައިމާ ކޮންސްޓަރްކްޝަންއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މަޝްރޫއުގެ އެއްބަސްވުމުގައި ދަމަކާއި އައިމާއާ ދެމެދު ވަނީ މިދިޔަ ހަފްތާގައި ސޮއިކޮށްފަ އެވެ.
ތަފްސީލް - ދަމަކުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ތިން ރިސޯޓްގެ މައްޗަށް އެކުލެވޭ މަޝްރޫއެއް ކަމަށެވެ. އެ ތިން ރަށުގައި އައިމާ އިން ގާއިމުކުރާނީ ޖުމުލަ 120 ކޮޓަރި އެވެ. އޭގެ ތެރޭގައި ހިމެނޭނީ:
-
64 މޫދު ކޮޓަރި
-
56 ބީޗުފްރޮންޓް ކޮޓަރި
-
އެއިން ކޮންމެ ކޮޓަރިއެއްގައި ޕޫލެއް އޮންނާނެ

ބުނީ ކީކޭ؟ - ދަމަކް ޕްރޮޕަޓީސްގެ ޕްރޮޖެކްޓް ޖެނެރަލް މެނޭޖަރު މުހައްމަދު ތަހައިނޭހް ވިދާޅުވީ އެ މަޝްރޫއު ނިންމަން ހަވާލުކުރި އައިމާ ކޮންސްޓަކްޝަންގެ ތަޖުރިބާއަށް ބަލާ އިރު، އެ މަޝްރޫއު މުއްދަތަށް ނިންމާނެ ކަމާ ދޭތެރޭ ދަމަކްގެ ކުޑަ މިންވަރެއްގެ ވެސް ޝައްކެއް ނެތް ކަމަށެވެ.
"ވަރަށް ވާދަވެރިކޮށް، ގިނަ ފަރާތްތަކަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ވެޓިން ޕްރޮސެސްއެއްގައި އަޅުގަނޑުމެންގެ އަންދާޒާއަށް ވުރެ މާ މަތިން [އައިމާ އިން] ވަނީ މާކްސް ހޯދާފައި. ދަމަކް ޕްރޮޕަޓީސް އިން އުންމީދު ކުރަނީ މި ބޮޑު މަޝްރޫއު އަދި އަޅުގަނޑުމެންގެ ގްރޫޕުން ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓް ކާމިޔާބުވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޖުމްލަ 34 ހެކްޓަރުގެ ބިން ހިއްކައިގެން ހަދާ އެ ތިން ރިސޯޓް ހުޅުވަން ހަމަޖެހިފައިވަނީ، ދުނިޔޭގެ މަޝްހޫރު މެންޑަރިން އޮރިއެންޓަލް ބްރޭންޑުގެ ދަށުން 2025 ވަނަ އަހަރު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 މިނެޓުން ލޯންޗެއްގައި ދެވޭ ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރާ މި ރިސޯޓުތަކުން ފަތުރުވެރިންނަށް ދޭނެ ހިދުމަތްތަކުގެ ތެރޭގައި:
-
މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް
-
މޫދު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް
-
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް؛ އަށް ރެސްޓޯރަންޓް ހުންނާނެ
-
ވެލްނެސް ރިޓްރީޓް؛ 12 ޓްރީޓްމަންޓް ކޮޓަރި އާއި އިތުރު ވަސީލަތްތައް ހިމެނޭ ތަނެއް ގާއިމްކުރާނެ
-
އިންޑޯ އަދި އައުޓްޑޯ އިވެންޓްތައް ބޭއްވޭނެ ވަސީލަތްތައް
ކޮމެންޓް