
ރާއްޖޭގެ ރިސޯޓެއް. (ފޮޓޯ/ނަލަދޫ މޯލްޑިވްސް)
ރިސޯޓުތަކަށް ވޯލްޑް ކަޕް ދެއްކޭނީ 4000-5500 ޑޮލަރު ދީގެން
އަންނަ ހަފްތާގައި ފަށާ ފީފީ ވޯލްޑް ކަޕްގެ މެޗުތައް ޓޫރިސްޓް ހޮޓާތަކާއި ރިސޯޓުތަކުގައި ދެއްކޭނީ އެ ކަމަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޕެކޭޖެއް ނަގައިގެން އެކަނި ކަމަށް މީޑިއާނެޓުން މިއަދު ބުނެފި އެވެ. އެއާ އެކު، ރިސޯޓުތަކުން އެވްރެޖުކޮށް ގާތްގަނޑަކަށް 4000-5500 ޑޮލަރާ ދެމެދުގެ އަގެއް ވޯލްޑް ކަޕަށް މީޑިއާނެޓަށް ދައްކަން ޖެހޭނެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ވަނީ އެ ކުންފުނީގެ އަމިއްލަ ޗެނަލް، އައިސް ނެޓްވޯކުގެ އިތުރުން، ރާއްޖެ ޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.
ތަފްސީލް - މީޑިއާނެޓުން މިއަދު ބުނި ގޮތުގައި، ރިސޯޓުތަކާއި ހޮޓާތަކުގައި ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެގޮތުން:
-
މި ޕެކޭޖަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިހާރު ވަނީ ހުއްދަ ދީފައި
-
އެ ޕެކޭޖުގެ ދަށުން، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށް އަގު ދައްކަން ޖެހޭނެ
މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ދުވަސްވަރު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އެވްރެޖުކޮށް ހުންނަނީ %65-70އާ ދެމެދުގަ އެވެ. އެ ރޭޓުން ބަލާ ނަމަ:
-
މި ފަހަރުގެ ވޯލްޑް ކަޕްގައި 64 މެޗު ކުޅޭ
-
100 ކޮޓަރީގެ ރިސޯޓެއްގެ އޮކިއުޕެންސީ %65ގައި އުޅޭ ނަމަ، ވޯލްޑް ކަޕް ދައްކަން 4،160 ޑޮލަރު (64،064ރ.) ދައްކަން ޖެހޭނެ
އެނގުން މުހިންމު - އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ދައްކަން މީޑިއާނެޓުން ރާއްޖެ ޓީވީ އާއި ޔެސް ޓީވީއާ އެކު ސޮއިކޮށްފައި ވިޔަސް، އެ ދެ ޗެނަލް މެޗުތައް ދެއްކޭނީ ރެސިޑެންޝަލް ނުވަތަ ގޭގެއަށް އެކަންޏެވެ. ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގަ އާއި އާންމު ތަންތަނުގައި މެޗުތައް ދެއްކޭނީ މީޑިއާނެޓުގެ އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް އެކަންޏެވެ.
ގުޅުން ހުރި ކަމެއް - ވޯލްޑް ކަޕް ބޮޑު ސްކްރީނުން އާންމުކޮށް ނުދެއްކޭނެ ކަމަށް މީޑިއާނެޓުން ކުރިން އެންގި އެވެ. ނަމަވެސް، އެ ކުންފުނިން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ވިޔަފާރި އުސޫލުން ނޫން ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި މެޗުތައް ދެއްކޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް (1)
މާއްދާ27