(ފޮޓޯ/ ގެޓީ އިމޭޖެސް)

އޮސްޓްރޭލިޔާ

އޮސްޓްރޭލިއާގެ ކުއީންސްލެންޑުގައި ފެންބޮޑުވެ އާންމުން ރައްކާތެރި ހިސާބުތަކަށް

މިދިޔަ ފެބްރުއަރީ މަހު ކުއީންސްލެންޑަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 13 މީހަކު މަރުވި

ތޫފާނެއްގެ ސަބަބުން އޮސްޓްރޭލިއާގެ ކުއީންސްލެންޑުގައި އަނެއްކާވެސް ފެންބޮޑުވެ، އެތަކެއް ސަތޭކަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް އިދާރާތަކުން އަންގައިފި އެވެ.

މި ތޫފާނުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިދާނެ ކަމުގެ އިންޒާރު ކުއީންސްލެންޑުގެ އިދާރާތަކުން އެތައް ފަހަރަކު އިއްޔެ ވަނީ ފޮނުވައިފަ އެވެ.

މަޝްހޫރު ސިޓީ ބްރިސްބޭން އޮންނަ ކުއީންސްލެންޑުގެ ދެކުނަށް ތޫފާން މިހާރު ދަތުރުކޮށްފައިވާ ކަމަށް އިދާރާތަކުން ބުނެފައިވެ އެވެ.

ފެންބޮޑުވުމާ ގުޅިގެން މި ހަފްތާގެ ކުރީކޮޅު ކުއީންސްލެންޑުގެ އުތުރުން އެކަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއީންސްލެންޑަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 13 މީހަކު މަރުވެ، 20،000 ގެއަށް ފެން ވަދެފައިވެ އެވެ. އަދި އެފަހަރު، ޖެހިގެން އޮތް ނިއު ސައުތު ވޭލްސް ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން ނުވަ މީހަކު މަރުވި އެވެ.

ކުއީންސްލެންޑުގެ އިދާރާތަކުން ވަނީ ގިނަ ކޯރުތަކެއް ފުރި ބަންޑުންވެދާނެ ކަމުގެ އިންޒާރު ވެސް އިއްޔެ ދީފަ އެވެ. އޭގެ ތެރޭގައި ކުއީންސްލެންޑުގެ ވެރިރަށުގެ އުތުރުން އޮންނަ ޖިމްޕީގެ ކޯރެއް ހިމެނެ އެވެ. ފެބްރުއަރީ މަހު މި ކޯރު ބަންޑުންވުމުގެ ސަބަބުން 800 އެއްހާ ގެ އާއި ވިޔާފާރިއަށް އަސަރުކުރި އެވެ.

ބްރިސްބޭންގެ ހުޅަނގަށް އޮންނަ ލޮކްޔާ ވެލީގެ ބައެއް އަވަށްތަކުގައި އިއްޔެ ފެންބޮޑުވެ، މުހިންމު މަގެއް ވެސް ވަނީ ބަންދުވެފަ އެވެ. މިފަހަރު މި ސަހަރައްދުގެ 300 އެއްހާ ގެދޮރަށް އަސަރުކުރާނެ ކަމަށް ބެލެވިފައި ވާއިރު، ފެބްރުއަރީ މަހުގެ ހާދިސާގައި މި ސަރަހައްދުން 86 ގެއަކަށް ފެނުގެ އަސަރުކުރި އެވެ.

ކުއީންސްލެންޑުގައި ފެންބޮޑުވުމާ ގުޅޭ. (ވީޑީއޯ/ އޭބީސީނިއުސް އޮސްޓްރޭލިއާ)

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީން އިއްޔެ ދީފައިވެ އެވެ. ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރަނގަޅުވާނެ ކަމަށް އެ އިދާރާ އިން ލަފާކުރެ އެވެ.

ސަރުކާރު އެކުލަވާލުމަށް އޮސްޓްރޭލިއާގެ ރައްޔިތުން މި މަހުގެ 21 ވަނަ ދުވަހު ވޯޓުލާން ނުކުންނަން ތައްޔާރުވެފައި ވާއިރު، މޫސުމީ ބަދަލުތަކަކީ މި އިންތިހާބުގައި ގިނަ ބަޔަކަށް މުހިންމު މައުލޫއުއެކެވެ. ފާއިތުވެދިޔަ މަދު އަހަރުތަކެއް ތެރޭ ހަނަފަސްކަމާއި ފެންބޮޑުވުމާއި ގުދުރަތީގޮތުން އަލިފާން ރޯވުމާއި ގްރޭޓް ބެރިއާ ފަރު ހަލާކުވުން ފަދަ، މޫސުމީ ބަދަލުތަކާ ގުޅިފައިވާ އެތައް ކާރިސާއެއް އޮސްޓްރޭލިއާއަށް ވަނީ ކުރިމަތިވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް