އެމެރިކާގެ ފްލޮރިޑާއަށް އެރި ވަރުގަދަ ތޫފާން، ހަރިކޭން އިއަންގެ ސަބަބުން ގެތައް ފުނޑުފުނޑުވެފައި

ދުނިޔެ ގޯހުން ގޯހަށް، ތޫފާނާއި ވިއްސާރައިގެ އަނިޔާވެރިކަން

ޕާކިސްތާނާއި ސައުތު ކޮރެޔާ އާއި އެމެރިކާއިން ފެނުނީ ދުނިޔޭގެ މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކުގެ ހަލާކު ކަމަށް ސައިންސްވެރިން ބުނޭ

އެއް ފަހަރާ ކަހަލަ ގޮތަކަށް، އެތައް ގައުމަކަށް، ގަދަ ވިއްސާރަ އާއި ބޮޑެތި ތޫފާންތައް އަރައި، އިންސާނީ ދިރިއުޅުން ފުނޑުކޮށްލާ ޚަބަރުތަކަކީ ކުރީގައި އާންމު އެއްޗެއް ނޫނެވެ. އެކަމަކު މިހާރު ބަލަބަލާ ތިއްބާ މި އިވެނީ އެއް ގައުމެއްގައި ފެން ބޮޑުވެ، އަނެއް ގައުމަކަށް ތޫފާން އަރައި، އެތައް ބަޔަކު މަރުވާ ހަބަރުތަކެވެ. ގެދޮރަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބި، ދިރިއުޅުން އެކޮޅުކޮޅުން ޖެހޭ ވާހަކަތަކެވެ.

މިދިއަ ހަތަރު މަހަށް އެކަނި ބަލައިލިޔަސް ދުނިޔޭގެ މޫސުން ބަދަލުވެއްޖެ ކަމަށް ގަބޫލުކުރަން ފަސޭހަވާނެ އެވެ. ޕާކިސްތާންގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ކުރި ގަދަ ވިއްސާރައިގައި ފެން ބޮޑުވީ، އޭގެ ކުރިން އެ ހިސާބުގަނޑުގެ މީހުންނަށް ތަޖުރިބާކުރެވިފައި ނެތް މިންވަރަކަށެވެ.

ފެނާ އެކު ގެދޮރު އޮޔާ ދިޔައީ އެވެ. ފެނާ އެކު ވިލެޖްތައް ވަޅުލެވުނީ އެވެ. ފެނާ އެކު ދިރިއުޅުން ވިއްސިވިހާލިވީ އެވެ.

މަރުވި މީހުންގެ އަދަދު 1،600 އަށް ވުރެ މައްޗެވެ. ލިބުނު ގެއްލުން، ޕާކިސްތާން ސަރުކާރުން ލަފާކުރަނީ 40 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

ޕާކިސްތާންގެ ފަރުބަދަމަތީ ސަރަހައްދަށް ޖޫންއިން ފެށިގެން ކުރި ގަދަ ވިއްސާރައަކީ ގުދުރަތީ އާދަޔާ ހިލާފު ކާރިސާއެއް

ޕާކިސްތާނަކީ ފަރުބަދަމަތީގައި އުފެދޭ އައިސްތައް އެންމެ ގިނަ ގައުމެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ދުނިޔެ ހޫނުވުމާ އެކު އެ ގަނޑުފެންތައް ވިރި، ކޯރުތަކަށް ވަނީ އެވެ. އަދި ވިއްސާރައާ އެކު އެ ފެންގަނޑު ތިރިއަށް، މީހުން އުޅޭ ހިސާބުތަކަށް ދެމިގަންނަނީ އެވެ.

ކުރިއަށް އޮތީ، ބައެއް ސައިންސްވެރިން ބުނާ ގޮތުގައި، މޫސުމީ ކާރިސާތަކުގެ ދުވަސްތަކެވެ. މިފަދަ ހާދިސާތައް ދެންދާނީ ގިނަވަމުން ކަމަށް ވެސް، ލަފާކުރެވެ އެވެ.

ފަގީރު ޕާކިސްތާނަށް މިފަދަ ކާރިސާއަކުން ލިބޭ ގެއްލުން މާ ބޮޑު. އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހުނު

ސައުތު ކޮރެޔާއަކީ ޕާކިސްތާނަށް ވުރެ މުއްސަނދި އަދި ޒަމާނީ ޑިޒަައިންތަކާ އެކު ތަރައްގީކޮށްފައިވާ ސިޓީތައް ހިމެނޭ ގައުމެކެވެ. ނަމަވެސް ގުދުރަތީ ކާރިސާތައް ދިމާވުމުގައި ގައުމެއްގެ މުއްސަނދިކަމަށް ބެލުމެއް ނޯވެ އެވެ. ކިތައްމެ މޮޅަށް މަގުތައް ހަދައި، ފެން ހިންދޭ ނިޒާމް ހަރުކުރިޔަސް، އެއަށް ވެސް އޮބިނޯންނަ ވަރަށް ވާރޭ ވެހިދާނެކަން މިދިއަ އޮގަސްޓް މަހު، ސައުތު ކޮރެޔާ ވަނީ ތަޖުރިބާކޮށްފަ އެވެ. 

ސައުތު ކޮރެޔާގެ ވެރިރަށް ސޯލްގެ ދެ މީހަކު ރައްކާތެރިކަން ހޯދަން ދަނީ: މިއީ ސައުތު ކޮރެޔާގެ މި ޖީލުގެ ރައްޔިތުންނަށް އާ މަންޒަރެއް 

މިއީ 80 އަހަރުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ވިއްސާރަަ އެވެ. ވެރިރަށް ސޯލްގެ ބައެއް ހިސާބުތަކުން މީހުން ދުރަށް ދާން ޖެހޭ މިންވަރަށް ފެން ބޮޑުވެ، އުޅެން އުނދަގޫވި އެވެ. ސައުތު ކޮރެޔާގެ މިހާރުގެ ޖީލަށް އެފަދަ ފެން ބޮޑުވުމެއް، ހަލާކެއް އޭގެ ކުރިން ފެނިފައެއް ނުވެ އެވެ.

އެކަމަކު މިއަދު އެ ރައްޔިތުންނަށް ވެސް ގަބޫލުކުރެވެން އޮތީ ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ނެތް ކަމެވެ.

ސޯލްގައި މަގެއްގެ ސައިން ބޯޑުތަކާ ހަމައަށް ފެން ބޮޑުވެފައި: މިއީ އާދައިގެ ވިއްސާރައެއް ނޫން

މިދިއަ ބުދަދުވަހު އެމެރިކާގެ ފްލޮރިޑާއަށް އެރި ހަރިކޭން އިއަން އެ ސަރަހައްދުން ފައިބައިގެން ދިޔައީ އެތައް ގެދޮރަކާއި އެތައް ބައެއްގެ ދިރިއުޅުން ސުންނާފަތިކޮށްފަ އެވެ. ފަޅުގައި ހުރި އުޅަނދުފަހަރު އެއްގަމަށެވެ. ގެދޮރުތައް ވަޔަށެވެ. ބައެއް ހިސާބުތަކުގައި ހަތް ފޫޓަށް ފެން ބޮޑުވި ވަގުތުކޮޅެއް ވެސް ދިޔަ އެވެ. ހާއްސަކޮށް އައްސޭރި ފަށުގެ ސަރަހައްދެވެ.

ފްލޮރިޑާގެ ފުނޑިފަައިވާ ސަރަހައްދެއް: މިފަދަ ކާރިސާތައް ކުރިއަށް ވުރެ އާންމު 

އެމެރިކާއަކީ ދުނިޔެ ހޫނުވުމުގެ ސަބަބު ކަމަށްވާ ވިހާ ގޭސްތައް ޖައްވަށް އެންމެ ގިނަ މިންވަރަކަށް ބޭރުކުރާ ގައުމެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އިސް ވެރިން، ދުނިޔޭގެ މޫސުން ބަދަލުވާ ކަމަކަށް ގަބޫލެއްނުކުރެ އެވެ. އެމީހުން ބޭނުންވަނީ ގިނައިން ތެލާއި ބޯޓުދެލި ނަގައިގެން ހަކަތައިގެ ތެރެއިން މުއްސަނދިވާށެވެ.

ހަރިކޭން އިއަން ރަށުތެރެއަށް ގެނައި ގަޑިއަކު 180 ކިލޯމީޓަރަށް ވުރެ ބާރަށް ދަތުރުކުރި ވަޔާއި އޮއްސާލި ގަދަ ވިއްސާރަގަނޑު ފަސްދިން އިރު، ދުނިޔެއަށް ފެނުނު މަންޒަރަކީ ހަލާކާއި ސުންނާފަތިވުމެވެ. މިހާރު ވެސް އެހެން ހިސާބުތަކަށް އިއަން ފައިބައިގެން އެ ދަނީ އަނިޔާއެއްގެ ގޮތުގަ އެވެ.

ކަނޑު އުޅަނދުފަހަރު އެއްގަމަށް އަރާފައި: އިއަންގައި ބައެއް ހިސާބުތަކުގައި ހަތް ފޫޓަށް ފެން ބޮޑުވި

ސައިންސްވެރިންގެ އިންޒާރުތަކަށް ބީރު ކަންފަތެއް ދެވިދާނެ އެވެ. އެކަމަކު މިއަދު މި ފެންނަނީ ކުރިން ދިމާނުވާ ފަދަ ގުދުރަތީ ހާދިސާތައް، މާ އަވަސް އަވަހަށް، މާ ނުރައްކާތެރިކޮށް ކުރިމަތިވާ ތަނެވެ. މިދުވަސްކޮޅު މި އޮތީ ގަދަ ވަޔާއި ފެނުގެ ހަލާކެވެ. ހޫނުކަން ގަދަވެ، ޖަންގަލިތަކުގައި ރޯވި އަލިފާނުން ވެސް، އެމެރިކާގެ ބައެއް ހިސާބުތަކަށް ގެނައި ހަލާކު ކުޑައެއް ނޫނެވެ.

ފްލޮރިޑާގެ ބްރިޖެއްގެ ބައެއް ވެއްޓިފައި: ހަރިކޭން އިއަންގެ ގެއްލުން ބޮޑު

ވިއްސާރަ ހުއްޓާލައި، ވައި މަޑުވެ، ހިމޭން ދުވަސްތަކަކަށް އަލިވިލުމާ އެކު ވަރަށް ފަސޭހައިން ކަންކަން ހަނދާން ނެތެ އެވެ. އެކަމަކު ދުނިޔޭގެ މޫސުން ބަދަލުވަމުން ދަނީ، ސައިންސްވެރިން ބުނާ ގޮތުގައި، އެއް ހަނދާނުން އަނެއް ހަނދާނަށް އަހަރުތަކެއް އަންނާނެ ފަދަ މަދު ކާރިސާތަކެއް ގެންނަ ގޮތަކަށެއް ނޫނެވެ.

ފްލޮރިޑާއަށް އެރި ހަރިކޭން އިއަންގެ ގަދަ ވައިގައި ރުއްތައް ލެނބިފައި

ނަމަވެސް ސައިންސްވެރިން ބުނަނީ އަދިވެސް ވަގުތު ނުގެއްލޭ ކަމަށެވެ. އަދި ވެސް ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމުގެ އެއްބަސްވުމަކަށް ދެވިދާނެ އެވެ. 

ވަގުތު ވަރަށް ކުޑަ އެވެ.

ކޮމެންޓް

Placeholder