Majlis 2024

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން: އެ މަނިކުފާނު ވަނީ އިއްޔެ އަވަހާރަވެފައި. (ފޮޓޯ/ރޮއިޓާސް)

ރައީސް ސޯލިހް ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ވަޑައިގަންނަވާނެ

ޔޫއޭއީއަށް ރައީސް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާންގެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އުމުރުފުޅުން 73 އަހަރުގައި ހަލީފާ އިއްޔެ އަވަހާރަވީ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. 

ތަފްސީލް - ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ހަލީފާގެ ޖަނާޒާއަށް ރައީސް ޔޫއޭއީއަށް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހު ކަމަށެވެ. ރައީސް އެނބުރިވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހަލީފާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން ރައީސް ސޯލިހު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއް ކަމަށާއި އަދި ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ.

އެނގުން މުހިންމު - ހަލީފާ އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.  

ޝެއިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާން:

  • ވެރިކަމަށް ވަޑައިގެންނެވީ 2004ގައި

  • ވެރިކަމުގައި ޔޫއޭއީއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި 

  • 2014ގައި ސްޓްރޯކެއް ޖެހުމަށް ފަހު ރައީސް ކަމުގައި ހުންނެވީ ރަމްޒީ ސިފައެއްގައި 

  • ހަލީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަނީ ކޮއްކޯފުޅު އަދި ވަލީއަހުދު މުހައްމަދު ބިން ޒައިދު އާލް ނަހްޔާން

އިތުރު އާޓިކަލް

އިތުރު އާޓިކަލް