ބަނޑޮސް މޯލްޑިވްސްގެ މެޑިކަލް ކްލިނިކުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރު. (ދައުރު ފޮޓޯ)

ބަނޑޮސް ރިސޯޓުގެ ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް އަލުން ފަށައިފި

ކޮވިޑުގެ ތެރޭގައި ބަންދު ކުރުމަށް ފަހު މި ޗެމްބަރު އަލުން ހުޅުވީ ކުރަން ޖެހޭ މަރާމާތުތައް ވެސް ކުރުމަށް ފަހު

ދިގު މުއްދަތަކަށް ބަންދުކޮށްފައި ހުރުމަށް ފަހު ބަނޑޮސް މޯލްޑިވްސްގެ މެޑިކަލް ކްލިނިކުގައި ހުންނަ ޑީކޮމްރެޕްޝަން ޗެމްބަރު އަލުން ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އެނގުން މުހިންމު - ޑީކޮމްޕްރެޝަން ޗެމްބަރަކީ ޑީކޮމްރެޕްޝަން ނުވަތަ ޑައިވަރުން ފީނުމުގެ ތެރޭގައި ހަށިގަނޑުގެ ބޭރުގެ މާހައުލުގެ ޕްރެޝަރު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން ބަލިވެ، ދިމާވާ އެކި މައްސަލަތަކަށް ފަރުވާދިނުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭނުންކުރާ މެޝިނެކެވެ.

ޑީކޮމްޕްރެޝަންގެ ހިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށީ އަދި އެންމެ ދިގު މުއްދަތަކަށް ދެމުން އައިސްފައިވަނީ ވެސް ބަނޑޮހުންނެވެ. އެގޮތުން:

  • އެ ރިސޯޓުގެ ޑީކޮމްޕްރެޝަން ޗެމްބަރު އެންމެ ފުރަތަމަ ހުޅުވައި އެ ހިދުމަތް ދޭން ފެށީ 1993ގައި

  • އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އެ މެޝިން ވަނީ އަޕްގްރޭޑްކޮށްފައި 

  • ފުރަތަމަ މެޝިން ބޭނުންކުރީ 1993 އިން 1997 އަށް 

  • ދެ ވަނަ މެޝިން ބޭނުންކުރީ 1997 އިން 2005 އަށް 

  • މިހާރު ބޭނުން ކުރަމުން އަންނަނީ 2005ގައި ގެނައި މެޝިނެއް

ބަނޑޮސް މޯލްޑިވްސްގައި ބޭނުން ކުރި ދެ ވަނަ ޑީކޮމްޕްރެޝަން ޗެމްބަރު: މި މެޝިން ބޭނުން ކުރީ 1997-2005 އަށް. (ދައުރު ފޮޓޯ)
ބަނޑޮސް މޯލްޑިވްސްގައި ބޭނުން ކުރި ދެ ވަނަ ޑީކޮމްޕްރެޝަން ޗެމްބަރު: މި މެޝިން ބޭނުން ކުރީ 1997-2005 އަށް. (ދައުރު ފޮޓޯ)

ވީ ކިހިނެއް؟ - ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަނޑޮހުގެ ޑީކޮޕްރެޝަން ޗެމްބަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މި މަހުގެ 15ގަ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ޗެމްބަރާއި އެ ތަނުގެ ވަސީލަތްތަކުގެ މެއިންޓަނެންސް މަސައްކަތްތައް ބަނޑޮހުން ވަނީ ކޮށްފަ އެވެ.

ތަފްސީލު - ބަނޑޮސް މެޑިކަލް ކްލިނިކުގައި 24 ގަޑިއިރު ހިދުމަތް ދޭ ޑީކޮމްޕްރެޝަން ޗެމްބަރުގައި ފަރުވާ ދޭން ދެ ޑޮކްޓަރުން (ޑައިވް ޑޮކްޓަރަކާއި އިތުރު ޑޮކްޓަރެއް)، ނަރުހެއް އަދި ދެ ޓެކްނީޝަނުން ހަރަކާތްތެރިވެ އެވެ. އެ މެޝިންގެ ކެޕޭސިޓީ އަކީ ތިން ސީޓެވެ.

އެ މެޝިނުން ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، މާ ފުނަށް ފީނުމުގެ ސަބަބުން ޑައިވަރުންނަށް ދިމާވާ:

  • ގޭސް އެމްބޮލިޒަމް (ނާރު ތެރެއަށް ވައި ބޮކި ވަދެ، ލޭ ހިނގުން ހުއްޓުން)

  • ކާބަން މޮނޮކްސައިޑް ވިހަވުން (ނޭވާލުމުގެ ތެރެއިން ވިހަ ގޭސް ހަށިގަނޑުގެ ތެރެއަށް ދިއުމުން ލޭގައި އޮކްސިޖަން ދައުރުވުމަށް ބުރޫއެރުން)

  • ހަށިގަނޑުގެ ހުޅުތަކާއި މަސްގަނޑުގެ ތަދު އަދި ރިހުން

  • ވާވުން

  • އައްސިވުން

  • ވަރުބަލިވުން

ބަނޑޮހުގައި މިހާރު ބޭނުންކުރާ ޑީކޮމްޕްރެޝަން ޗެމްބަރު. (ދައުރު ފޮޓޯ)
ބަނޑޮހުގައި މިހާރު ބޭނުންކުރާ ޑީކޮމްޕްރެޝަން ޗެމްބަރު. (ދައުރު ފޮޓޯ)

އެ މެޝިނުން ދޭ ފަރުވާގައި ހޭދަކުރަން ޖެހޭ ވަގުތު ކަނޑައެޅުމުގައި އަމަލުކުރަނީ ދެ ޓޭބްލަކަށެވެ. އެއީ:

  • އެމެރިކާގެ ކަނޑުގެ ސިފައިންގެ ޓޭބަލް 

  • ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގެންގުޅޭ ޓޭބަލް 

އެ ޓޭބަލްތަކަށް ރިއާޔަތް ކުރުމަށް ފަހު އަދި ބަލިމީހާގެ ހާލަތާއި ސިމްޓަމްތަކަށް ބެލުމަށް ފަހު ހޭދަކުރަން ޖެހޭ ވަގުތު ނިންމާނީ ޑޮކްޓަރުންނެވެ. އެންމެ މަދުވެގެން ދެ ގަޑިއިރު ހޭދަކުރަން ޖެހޭއިރު، އެންމެ ގިނަވެގެން ހޭދަ ކުރަން އޮންނަނީ ހަތް ގަޑިއިރެވެ.

ޑީކޯ ޗެމްބަރުން ފަރުވާ ދޭ މީހުންގެ އަދަދަށް ބަލާއިރު، އެ ތަން ހުޅުވި ދުވަސްވަރަށް ވުރެ އެ އަދަދު ވަނީ %50 އަށް ވުރެ ދަށްވެފަ އެވެ. އެގޮތުން:

  • މިހާރު ޕީކް ސީޒަނުގައި މަހަކު ހަތަރެއް ނުވަތަ ހަ މީހުން؛ އޮފް ޕީކުގައި މަހަކު އެކަކު ނުވަތަ ދެ މީހުން

  • 2020ގެ ކުރިން ހޭދަވި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ޖުމްލަ 35 މީހުން

  • ޑީކޯ ޗެމްބަރު ހުޅުވައިގެން އެންމެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ފަރުވާދިނީ ގާތްގަނޑަކަށް 75 މީހުންނަށް

އެ ޗެމްބަރުން އާންމުންނާއި އެމްއެންޑީއެފް ޑައިވަރުންގެ އިތުރުން ފަތުރުވެރިންނަށް ވެސް ހިދުމަތް ދެ އެވެ. ދިވެހިންނަށް ހިދުމަތް ދެނީ މިކަމަށް ހާއްސަ އިންޝުއަރެންސް ނުވަތަ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށެވެ.

ތަޖުރިބާގައި ދިން ނަސޭހަތް: ތަމްރީން ލިބިގެން ޑައިވް ކުރުން މުހިންމު

ބަނޑޮސް ޑީކޮމްޕްރެޝަން ޗެމްބަރުން މިހާތަނަށް ގިނަ އަދަދެއްގެ ޑައިވަރުންނަށް ކާމިޔާބުކަމާ އެކު ވަނީ ފަރުވާ ދީފަ އެވެ. ތަޖުރިބާގެ އަލީގައި އެ ތަނުގެ އޮފިޝަލަކު ވިދާޅުވީ، ގިނަ ފަހަރަށް އެކްސިޑެންޓްތައް ދިމާވަނީ ފަރުވާ ކުޑަވެގެން ނުވަތަ ޑައިވިންއަށް ކަނޑައަޅާފައި އޮންނަ ގަވާއިދަށް އަމަލު ނުކުރާތީ ކަމަށެވެ.

"ގަވައިދުގައި ސްކޫބާ ޑައިވް ކުރެވޭނެ ކަމަށް ބުނާ ފުންމިނަކީ 30 މީޓަރު. އެކަމަކު ސިންގަލް ސިލިންޑަރަކުން އެބަހުރި 70 މީޓަރު ނުވަތަ އެއަށް ވުރެ ވެސް ފުނަށް ޑައިވްކޮށްގެން [ހާދިސާތައް ހިނގާފައި]،" އޭނާ ވިދާޅުވި އެވެ.

ޑައިވް ކުރުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ދެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ދެ ކަމަކީ:

  • ޑައިވިން ކޯހެއް ނުވަތަ ތަމްރީން ފުރިހަމަކުރުން

  • ޑައިވް އިންޝުއަރެންސް ނެގުން

ރާއްޖޭގެ ބައެއް އިންޝުއަރެންސް ކުންފުނިތަކުން ޑައިވް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ޑައިވާސް އެލާޓް ނެޓުވޯކް (ޑީއެންއޭ)ގެ ބައިނަލްއަގްވާމީ އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ވެސް ބަނޑޮހުން ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް ދެ އެވެ. މިއީ އެންމެ ގިނައިން ޑައިވަރުން ބޭނުން ކުރާ އަދި ކޮންމެ ތަނަކު ހުއްޓަސް ކަވަރޭޖް ލިބޭ އިންޝުއަރެންސެކެވެ.

ބަނޑޮސް މޯލްޑިވްސްގެ މެޑިކަލް ކްލިނިކް. (ދައުރު ފޮޓޯ)

ބަނޑޮހަކީ ވެރިރަށް މާލެއިން 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެހެންކަމުން، ބަނޑޮހުން ބުނި ގޮތުގައި، ހޮސްޕިޓަލަކަށް ގޮސް އިތުރު ފަރުވާ ނުވަތަ ޑައިވް މެޑިސިން ހޯދަން ބޭނުންވާ ބަލި މީހުންނާއި އެ ހިދުމަތް ކުރިއަށްގެންދަން ޖެހޭ ހާލަތްތަކުގައި ވެސް އެންމެ ރަނގަޅު ތަނަކީ އެ ރިސޯޓެވެ.

ކޮމެންޓް (2)

ވަހީދު

25 ޖޫން 2022
ޝުކުރިއްޔާ ބަނޑޮސް
0 0

ފީނާމީހާ

25 ޖޫން 2022
ވަރަށްވެސް މުހިންމު ޗެމްބަރ އެއް. އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދީ އެތައް ދިވެހި ޑޮކްޓަރުންނަށް ޑައިވިން މެޑިސިން އާއި ބެހޭ ހޭލުންތެރިކަން ގެނެސްދިން ޗެމްބަރއެއް. މާލެ ސަރަހައްދުގަ އެންމެ ގިނަ ޑައިވްކުރާއިރު ކޮންމެހެންވެސް ހުންނަން ޖެހޭ ޗެމްބަރއެއް. ޝުކުރިއްޔާ ބަނޑޮސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް