(ފޮޓޯ/އޭޕީ)

ޗައިނާ

ޗައިނާގައި ކޮވިޑް ސިޔާސަތުތަކާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެއްޖެ

މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ރައީސް ޝީ އަށް ފާޅުގައި ފާޑު ކިޔަމުން
28 ނޮވެމްބަރު 2022

ޗައިނާގައި ކޮވިޑު ސިޔާސަތުތަކާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ، އިތުރު ސަރަހައްދުތަކަކަށް ފެތުރި، ޝަންހާއީގައި މުޒާހަރާކުރި އެތައް ސަތޭކަ މީހުންނާއި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފި އެވެ. 

މިއީ ރައީސް ޝީ ޖިންގްޕިންގް މީގެ 10 އަހަރު ކުރިން ޗައިނާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާގައި ކުރިއަށް ދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. އަދި މި ހަރަކާތްތައް ފެށިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޝިންޖިއާންގެ ވެރިރަށް އުރުމްޗީގެ އެޕާޓްމަންޓު ބްލެކެއްގައި ހިނގި އަލިފާނުގެ ކާރިސާއެއްގައި 10 މީހަކު މަރުވުމާ ގުޅިގެނެވެ. މި ކާރިސާގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވީ އެސަރަހައްދަށް އަޅާފައިވާ ކޮވިޑު ލޮކްޑައުންތަކާ ހެދި ކަމަށް ގިނަ އާންމުން އަންނަނީ ތުހުމަތު ކުރަމުން ނެވެ.

އަދި ޗައިނާގެ ގިނަ ސަރަހައްދުތަކެއް ލޮކްޑައުންކޮށް، އެތައް ބަޔަކު ލައްވާ ކޮންމެ ދުވަހަކު ކޮވިޑު ޓެސްޓުތައް ހެދުމަށް މަޖުބޫރު ކުރުވާ ސަރުކާރުގެ ޒީރޯ ކޮވިޑު ސިޔާސަތާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ފާޅުގައި ފާޑުކިޔަން ފަށާފަ އެވެ.  

"އަހަރެން މިތާ މިހުރީ ގައުމު ދެކެ ލޯބިވާތީ. އެކަމު ސަރުކާރު ދެކެ ލޯބިއެއް ނުވޭ... މިނިވަންކަމާ އެކު ބޭރަށް ދިޔުމުގެ އިހްތިޔާރު އަހަރެން ބޭނުން، އެކަމު މި ފުރުސަތެއް ނެތް. އަހަރުމެންގެ ކޮވިޑް ސިޔާސަތުތައް ބިނާވެފައި ވަނީ ސައިންސާއި ހަގީގަތުގެ މައްޗަކަށް ނޫން. އެއީ ކުޅެމުން އަންނަ ގޭމެއް،" ޗައިނާގެ އެންމެ ބޮޑު ސިޓީ ޝަންހާއީ އިން ރޮއިޓާސް ނޫހާ ވާހަކަ ދެއްކި ޝައޯން ޗާއޯ ކިޔާ މީހަކު ހިއްސާ ކުރި އެވެ. 

ޝަންހާއީ ސިޓީގެ މަގުތައް މައްޗަށް ރޭ ނުކުތް އެތައް ސަތޭކަ ބަޔަކު ތިބީ މުޒާހަރާތައް ސެންސަރު ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަމްޒު ކޮށްދިނުމަށް ހުސް ގަނޑުތަކެއް ހިފައިގެނެވެ. 

(ފޮޓޯ/ސްކައި ނިއުސް)

އަދި ރޭގެ މުޒާހަރާތަކުގައި އުރުމުޗީއަށް ނިސްބަތްކޮށް ޝަންހާއީގައި ނަންކިޔާފައިވާ ވުލުމްޗީ މަގުގައި ފުލުހުން ދިޔައީ ވަރުގަދައަށް ފޯރިމަރަމުންނެވެ. 

ރޭގެ މުޒާހަރާތަކުގައި ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށް ބަސްތަކަށް އަރުވައިގެން ގެންގޮސްފަ އެވެ. އަދި އާންމުންގެ އިތުރުން މި ހަރަކާތްތައް ކަވަރު ކުރުމަށް ގޮސްތިބި ބޭރުގެ ބައެއް ނޫސްވެރިން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

ޝަންހާއީގެ އިތުރުން އިއްޔެ ވޫހާން އާއި ޝެންގްޑޫގައި ވެސް މުޒާހަރާތަކެއް ވަނީ ކުރިއަށް ގޮސްފަ އެވެ. ޝެންގްޑޫގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ބައިވެރިވި އާންމުން ވެސް ތިބީ ހުސް ގަނޑުތަކެއް ހިފައިގެނެވެ. އަދި ރައީސް ޝީ އަށް އަމާޒުކޮށް "އުމުރަށް ވެރިކަން ކުރާ ވެރިންނެއް އަހަރުމެން ބޭނުމެއް ނޫން. ރަސްކަލުންނެއް އަހަރުމެން ބޭނުމެއް ނޫން،" މުޒާހަރާކުރާ ފަރާތްތައް ގޮވަމުން ދިޔަ އެވެ. 

އަނެއްކޮޅުން ވޫހާންގައި ހިިނގި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ މީހުން ފުލުހުންގެ ދަގަނޑު ބެރިކޭޑުތައް ފަޅާލާ، ކޮވިޑު ޓެސްޓުތައް ހަދާ ޓެންޓުތައް ސުންނާފަތިކޮށް، ލޮންޑައުންތައް ހުއްޓާލުމަށް ގޮވާލާ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. 

އަދި ޗައިނާގެ އެކި ސަރަހައްދުތަކުގައި ހުންނަ ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް ވަނީ ސަރުކާރުގެ ކޮވިޑު ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލާފަ އެވެ. 

އަދި މިއަދު ހެނދުނު ހާހެއްހާ މުޒާހަރާ ކުރާ މީހުން ވަނީ ވެރިރަށް ބެއިޖިންގްގައި އޮންނަ ލިއަންގާމާ ކޯރު ކައިރީ ހުންނަ ތާޑް ރިންގް ރޯޑު ދޮށަށް އެއްވެފަ އެވެ.

"އަހަރުމެން މާސްކެއް ބޭނުމެއް ނޫން، އަހަރުމެން ބޭނުން ވަނީ މިނިވަންކަން. އަހަރުމެން ކޮވިޑު ޓެސްޓެއް ބޭނުމެއް ނޫން، އަހަރުމެން ބޭނުމީ މިނިވަންކަން،" މިއަދުގެ މުޒާހަރާގައި ބައިވެރިވަމުން އަންނަ އެއް ގްރޫޕުން އަޑުއުފުލަމުން ދިޔަ އެވެ. 

ކޮވިޑު ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ދިޔަ އެހެން ސިޓީތަކުގެ ތެރޭގައި ލަންޖައު ވެސް ހިމެނެ އެވެ. އެ ސިޓީ ލޮކްޑައުން ކޮށްފައި ވާއިރު، އެ ސިޓީގައި ކޮވިޑު ޖެހުނު އެއްވެސް މީހަކު ނެތްކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އަޑު އުފުލާފަ އެވެ. 

ޗައިނާގައި ހިނގަމުން އަންނަ މުޒާހަރާތަކާ ގުޅޭ (ވީޑިއޯ/ ސީބީއެސް އީވްނިންގް ނިއުސް)

ޗައިނާގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ މުޒާހަރާތަކަށް އަލި އަޅުއްވާލަމުން އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރު ހަނާ ޔަންގް ވިދާޅުވި ގޮތުގައި "އިދާރާތަކުން އަޅަމުން އަންނަ ލޮޮކްޑައުން ފިޔަވަޅުތަކަށް އާންމުން ވަނީ މިހާތަަނަށް ވަރަށް ބޮޑަށް ކެތްތެރިކަން ދައްކާފައި. ނަމަވެސް އެމެޖެންސީ ސިޔާސަތުތައް ނުހަމަ ގޮތުގައި އިދާރާތަކުން ބޭނުން ކޮށްގެނެއް ނުވާނެ. މި މުޒާހަރާތަކުން ފެނިގެން މިދަނީ ކޮވިޑު ފިޔަވަޅުތަކާ ދެކޮޅަށް އާންމުންގެ ކެތްތެރިކަން ކޮޅުން ލާފައިވާކަން." އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް