ބީއެމްއެލްއަށް 40 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ މޫސަ 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެކުގައި 40 އަހަރު: ބީއެމްއެލްގެ ހުރިހާ ސޮފްހާއެއްގައި މޫސަ

ބޭންކު ހުޅުވުމުގެ ދޮޅު މަސް ކުރިން މުވައްޒަފަކަށްވި މޫސަ ޕިޔޯނުކަމުން ފައްޓަވައި އެންމެ ފަހުން ވެރިއެއްގެ ފެންވަރަށް ވަޑައިގެންނެވީ އޭރަކު ކުރަން ޖެހުނު ހުރިހާ ބާވަތެއްގެ މަސައްކަތެއް ކުރައްވަމުން
13 ނޮވެމްބަރު 2022
2

"ބޭންކަށް ވަނުން މިއީ އޮޅުމަކުން ލިބުނު ވަޒީފާއެއް،" ގައުމީ ބޭންކް، ބީއެމްއެލްގެ ފުރަތަމަ ހަތް މުވައްޒަފުންގެ ތެރޭގައި ހިމެނުނު މޫސާ މުހައްމަދު، އޭނާގެ ވާހަކަ ފެއްޓެވި އެވެ.

"އެއީ 1982ގެ އޮކްޓޯބަރު ހިސާބު. ރައްޓެއްސަކު ބުނެފި، ފިނޭންސް މިނިސްޓްރީގައި ވަޒީފާއެއް އެބައޮތޭ. ބުނީމާ އެތަނަށް [ސިޓީ] ލީ. ބުނީ މޫސަ ޖެހޭނީ ލިޔެކިޔުން އެއްޗިހި ބަލަހައްޓާލާށޭ. އޭރު އަދި ނޭނގޭ މިއީ ބޭންކާ ގުޅޭ ވަޒީފާއެއް ކަމެއް."

އުމުރުން އޭރު އެންމެ 18 އަހަރުގެ މޫސަ އެ ވަޒީފާގެ އިންތިޒާރުގައި ހުރި ނަމަވެސް ފިނޭންސްގެ ހަބަރެއް ނުވެ ދުވަސްތައް ފާއިތުވާން ފެށުމުން މާޔޫސްވެ އުންމީދު ގެއްލުނެވެ. ދެން އޭނާ ނިންމެވީ ހަޔާތުގެ މިސްރާބު ބަދަލުކޮށް، ގޭދޮށުގައި އުޅޭ ރައްޓެހިންނާ އެކު އޭރުގެ ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަށް ކިޔަވާން ދާށެވެ. މޫސަ އިންތިޒާރު ކުރެއްވީ ކޯލް އައީ އެތަނަށް ކިޔަވަން ދާން ފެށި ދުވަހު އެވެ.

"އެތާ ހުއްޓާ ގުޅާފައި ބުނީ މޫސަގެ ޖޮބް ހަމަޖެހިއްޖެއޭ. ބުނީމާ އަޅުގަނޑު ބުނިން މިހާރު ކިޔަވަން ފެށިއްޖެއޭ. ދެން އެހެން ބުނީމަ ވެސް ބުނެފި ވަޒީފާ ހަމަޖެހިއްޖެއޭ، ދެން މޫސަ ޖެހޭނީ މި ވަޒީފާއަށް އަންނާށޭ،" މޫސަ، 60، ކިޔައިދެއްވި އެވެ.

ދެން އެ ނޫން ގޮތެއް ނެތް ކަމަށް ބަލައިގެން މޫސަ ފިނޭންސްގެ ވަޒީފާއަށް ނުކުންނަވަން ފެއްޓެވީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ފުރަތަމަ މަސައްކަތަކީ ވެސް ބީއެމްއެލް ހުޅުވުމަށް ވާން ޖެހޭ އިދާރީ ތައްޔާރީތަކުގައި އެހީތެރިވުމެވެ. އެގޮތުން ބޭންކަށް ފައިސާ ޖަމާކޮށް ނަގަން އަންނަ މީހުންގެ މައުލޫމާތު ލިޔާ ލެޖާ ފޮތްތަކާއި އެކައުންޓިން ލެޖާތަކުގައި ރޮނގު ދަމައި ތައްޔާރު ކުރުން އެއީ މޫސަގެ ފުރަތަމަ ވަޒީފާ އެވެ.

"މި ހުންނަ ލޮގު ފޮތުގައި ކޮންމެ ގަނޑެއްގެ މަތީގައި ނަން ޖަހައި ތާރީހު ޖަހައި ދެން ސޮފްހާގައި ރޮނގު ދަމައި އެ އެއްޗިހި ތައްޔާރުކުރުން ކަމަކަށް އޮތީ. އެ ހިސާބުން މި އެނގުނީ މިއީ އަދި ބޭންކެއް ހުޅުވަން ތައްޔާރުވާތީ ކުރަން ޖެހޭ މަސައްކަތެއްކަން،" މޫސަ ކިޔައިދެއްވި އެވެ.

"ބީއެމްއެލް ހުޅުވުމުގެ 48 ދުވަސް ކުރިން ވެސް އަޅުގަނޑުވީ ބޭންކުގެ މުވައްޒަފަކަށް. ބޭންކު ހުޅުވާ އިމާރާތުގެ ނަން ބޯޑް ހަދައި ހަރުކޮށް އެތެރޭގެ މަސައްކަތްތައް ކޮށް އެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރީ." 

11 ނޮވެމްބަރު 1982 ގައި ބީއެމްއެލް ހުޅުވި ރަސްމިއްޔާތު: ގައުމީ ބޭންކް ހުޅުއްވައިދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އަޅުގަނޑު ނުބަލަން ބޭންކުން އަޅުގަނޑަށް ކޮށްދޭނެ ކަމަކަށް. އޭގެ ބަދަލުގައި އަޅުގަނޑު ބަލަނީ އަޅުގަނޑަށް ބޭންކަށް، މި ދިވެހި ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ.

މޫސާ މުހައްމަދު

325 ރުފިޔާއަށް ޕިޔޯނުކަމަށް

ބީއެމްއެލް، 11 ނޮވެމްބަރު 1982ގައި ހުޅުވުމާ އެކު މޫސަގެ ވަޒީފާ ދެން ބަދަލުވީ ސީދާ ބޭންކަށެވެ. އޭނާގެ ފުރަތަމަ ވަޒީފާ އަކީ ޕިޔޯނުކަމެވެ. މުސާރައަކީ މަހަކު 325ރ. އެވެ. އޭރަށް ބަލާއިރު ހަމަ ރަނގަޅު މިންވަރެކެވެ.

މޫސަ ވިދާޅުވި ގޮތުގައި މުވައްޒަފުން މަދުވުމާ އެކު، ބޭންކުގައި ކުރަން ޖެހޭ ވަރަށް ގިނަ އިދާރީ މަސައްކަތް އޭނާއަށް ކުރަން ޖެހުނެވެ. އަނެއްހެން ކޮށްފައި ނުކުރާނޭ މަސައްކަތެއް އޭރަކު ނޯވެ އެވެ. ރަސްމީ ވަޒީފާގެ ތެރެއިން ތަންތަނަށް ގެންދަން ޖެހޭ ލިޔެކިޔުންތައް ބެހުމުގެ އިތުރަށް، ބޭންކު ހުޅުވައި ލެއްޕުމާއި ކަސްޓަމަރުންނަށް ކިޔު ނަމްބަރު ދޫކުރުން އަދި ފޮޅާ ސާފުކުރުން ފަދަ ޒިންމާތައް ވެސް މޫސަ އުފުއްލަވަން ޖެހުނެވެ. މޫސަ ވިދާޅުވީ އެ ހުރިހާ މަސައްކަތެއް އޭނާ ކުރެއްވީ ކުރާ ހިތުން، އެއީ ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"އަޅުގަނޑުގެ ނެތް އެއްވެސް ޝަކުވާއެއް. ވަރަށް ބޮޑު ޓީމް ރޫހެއްގައި އެކަން ކުރީ. ވަރުގަދަ ގައުމީ ބޭންކަކަށް ތަން ހެދުމުގެ ވިސްނުމުގައި އެ ރޫހުގައި މަސައްކަތް ކުރީ. އަޅުގަނޑުމެން ފުރަތަމަ ރަށްރަށަށް ގޮސް މީހުން ކައިރީ ބޭންކުގައި ލާރި ބަހައްޓަން ވިސްނައިދޭން ކުރަން ޖެހުނު މަސައްކަތް، މިހިރީ ހަނދާނުން ފިލުވާލަން އުނދަގޫ ކަންކަން. އޭރު ރަށްރަށުގައި ގަސްގަސް ދަށުގައި، އެނދު ދަށުގައި ލާރި ގެންގުޅުނީ،" މޫސަ ކިޔައިދެއްވި އެވެ.

މޫސައަށް އިތުބާރު؛ ދެން ޕްރޮމޯޝަން

ބޭންކުގެ ޕިޔޯނެއްގެ ވަޒީފާގައި މޫސައަށް ހޭދަކުރަން ޖެހުނީ ތިން މަހެއްހާ ދުވަހެވެ. އެއަށް ފަހު އޭނާއަށް ލިބުނީ ބޮޑު ޕްރޮމޯޝަނެކެވެ. މޫސަ ވިދާޅުވި ގޮތުގައި އެހާ އަވަހަށް ވަޒީފާގެ ކުރިއެރުން ލިބުނީ އޭނާއަށް އޮތް އިތުބާރު، ބޭންކުގެ އޭރުގެ އިސް ވެރިންނަށް ބޮޑުވެގެންނެވެ. އޭނާ އެކަން ސާބިތުކޮށްދިނީ އެވެ. އެ ޕްރޮމޯޝަން ވެސް ގުޅިފައި އޮތީ ހާދިސާއަކާ އެވެ.

"ހެނދުނު ބޭންކް ހުޅުވަން އައި އިރު ބޭންކު ތެރެއަށް ހުރީ ސީލިންގް ފަޅާލާފައި. އެތެރޭގައި ހުރި ބޮޑު މީހެއް ކަބަޑުތަކާ އެއްޗިހި ހާވަނީ. އަޅުގަނޑު ފެންނައިރަށް އޭނާ ދުއްވައިގެންފި. ދެން އޭނާ ފަހާ ދުވެ ގޮސް އަތުލީ. އެ ދުވަހު ބޭންކުގެ އިސްވެރިން އަޅުގަނޑު ގެންދަވާފައި ވިދާޅުވީ މޫސައަކީ މިތަނަށް ވަރަށް މުހިންމު މީހެކޭ. މޫސަ އަސްލު މިހާރު ކުރާ މަސައްކަތަށް ވުރެ ބޮޑެތި މަސައްކަތް ކުރަން ޖެހެއޭ،" މޫސަ ވިދާޅުވި އެވެ.

އެ ދުވަހު އޭނާ ބަދަލުވީ ބޭންކުގެ އިދާރީ ކަންކަން ބަލަހައްޓާ ސުޕަވައިޒަރުގެ މަގާމަށެވެ. ބޭންކްގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް މޫސަ އަކީ މިއަދު ބީއެމްއެލްގެ ބްރާންޗްތައް މަރާމާތު ކުރުމާއި އަލަށް ހަދަން ޖެހޭ ތަންތަން ހެދުމާއި ބީއެމްއެލްގެ ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ލޮޖިސްޓިކް ކަންކަން އޮމާންކަމާ އެކު ގެންދިޔުމުގެ އިންތިޒާމުތައް ރޭވުމުގެ ޒިންމާ އަދާކުރައްވާ އެއް ވެރިޔާ އެވެ.

"ބޭންކަކީ ދަންނަވާނީ އަޅުގަނޑުގެ ހަޔާތާއި އާއިލާއަށް ވުރެ ވެސް ބައެއް ފަހަރު އަޅުގަނޑާ ކައިރި ތަނެކޭ. ގިނަ ވަގުތު އެތައް ޒަމާންތަކެއް ވަންދެން މިތަނުގައި މި ހޭދަ ކުރެވުނީ. ބައެއް ދުވަސް ދުވަހު އާއިލާއަށް ދޭ ވަރަށް ވުރެ ގިނަ ވަގުތު އަޅުގަނޑަށް ބޭންކްގެ ތެރޭގައި އުޅެވިފައި ހުންނާނީ. ކުރިއަށް ދާން މިތަނުން އަޅުގަނޑަށް ފުރުސަތުތަކެއް ލިބުނީ. ހަގީގަތުގައި މީހުންގެ ތެރޭގައި އުޅޭނެ ރީތި އަހުލާގު ފަދަ މުހިންމު ފިލާވަޅުތައް އަޅުގަނޑަށް ދަސްވީ ބޭންކުގެ ތެރެއިން،" މޫސަ ވިދާޅުވި އެވެ.

ބީއެމްއެލްއަށް 40 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ މޫސަ 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

'މިއީ އާއިލާ'

ބީއެމްއެލްގެ ހުރިހާ މަސައްކަތެއް އެއްވެސް މެޝިނެއްގެ އެހީއާ ނުލައި މޫސަމެން އަމިއްލަ އަތުން ކުރެއްވީ ނުހަނު އުނދަގުލާއި ތުރާލުގަ އެވެ. އެހެންވެ، އޭނާގެ ހިތުގައި ބޭންކަށް އޮތީ ހާއްސަ ކުލުނެއް އުފެދިފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި ބޭންކަކީ އޭނާގެ އާއިލާ ފަދަ ތަނެކެވެ. އެންމެ ހަތް މުވައްޒަފުންނާ އެކު ފެށި ބޭންކުގެ މުވައްޒަފުންގެ އަދަދު މިއަދު 100 އިން މަތީގައި އުޅޭ އިރު މޫސަ ދެކެވަޑައިގަންނަވަނީ އެ އެންމެންނަކީ އޭނާގެ އާއިލާގެ މެންބަރުންގެ ގޮތުގަ އެވެ.

"ކޮންމެ ކުއްޖަކު ވެސް އަޅުގަނޑު ދެކޭނީ ބައްޕައެއްގެ ގޮތުގައި. އަލަށް ވަންނަ ކުއްޖާ ވެސް. އެކި މީހުންނާ އެކު އަޅުގަނޑަށް މަސައްކަތް ކުރެވުނު އިރު ބޭންކުގައި އަޅުގަނޑަށް މި ހުރެވުނީ މިތަނަށް ހުންނަ ލޯބިން. މީހަކު ބޭންކާ ބެހޭ ގޮތުން ގޯސް ވާހަކައެއް ދެއްކިޔަސް އަޅުގަނޑަށް ވަރަށް އެހެން ކަހަލަ އަސަރެއް ކުރޭ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ބީއެމްއެލްއާ އެކު އެހާ ގިނަ ދުވަހު ހުރެވުމުގެ އަނެއް ސަބަބަކީ މުވައްޒަފުންނާ މެދު ބޭންކުން ރަނގަޅަށް ހިތުމެވެ. ތަފާތު ނުކުރުމެވެ. އަދި މަސައްކަތުގެ އަގު ވަޒަންކުރުމެވެ.

"ކުރިން ވެސް މިހާރު ވެސް އެންމެ މަތީ މެނޭޖްމަންޓުގެ ބޭފުޅުން ވެސް ހަމަ އެންމެ ޖޫނިއާ ސްޓާފާ ވެސް ރަނގަޅަށް ޓްރީޓްކޮށް ގުޅުން ބާއްވާ. އެހެންވެ، އަސްލު، އާއިލާއެއްގެ ކުލުނު އެ އުފެދެނީ ވެސް، ލޯބި އުފެދެނީ ވެސް. ތަނަކަށް ގުޑާނުލާ 40 އަހަރު ހުރެވުމުގެ ސިއްރަކީ ވެސް އެއީ،" މޫސަ ވިދާޅުވި އެވެ.

'ހަޔާތުގެ އެންމެ ރަނގަޅު ނިންމުން'

ބޭންކްގެ ވަޒީފާއަށް މޫސަ ވަޑައިގަތީ އެއީ އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތަށް ވެގެނެއް ނޫނެވެ. އޭނާގެ ކުޑައިރުގެ އަޒުމަކަށް ވެފައި އޮތީ އިލެކްޓްރީޝަނަކަށް ވުމެވެ. އެންމެ ކުރާ ހިތް ނުވިޔަސް ބީއެމްއެލްގެ ވަޒީފާއަށް އޭނާއަށް ދެވުން މޫސަ ސިފަ ކުރައްވަނީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުމުގެ ގޮތުގަ އެވެ.

"އަޅުގަނޑު އެންމެ ކުރާ ހިތް ނުވި ނަމަވެސް، މިތަނަށް އައުމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ނަސީބޭ. މިތަނުން އަޅުގަނޑުގެ ހަޔާތުގެ އެތައް ފިލާވަޅެއް އުނގަންނައިދީފި. އަޅުގަނޑުގެ ހަޔާތް ރަނގަޅު މަގުގައި މި ހުރީ މި ބޭންކާ ހެދި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ބީއެމްއެލްއަށް މިހާރު އައިސްފައިވާ ވަރުގެ ތަރައްގީއެއް އަތުވެދާނެ ކަމަކަށް އޭނާއަށް ދުވަހަކު ވެސް ހީ ކުރެވިފައެއް ނުވެ އެވެ. ބީއެމްއެލްގެ އެހާރައި މިހާރު ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާ މިހާރު ވެސް ހައިރާންވެ، އަންތަރީސްވެ އެވެ.

އަޅުގަނޑު ފެންނައިރަށް އޭނާ ދުއްވައިގެންފި. ދެން އޭނާ ފަހާ ދުވެ ގޮސް އަތުލީ. އެ ދުވަހު ބޭންކުގެ އިސްވެރިން އަޅުގަނޑު ގެންދަވާފައި ވިދާޅުވީ މޫސައަކީ މިތަނަށް ވަރަށް މުހިންމު މީހެކޭ. 

މޫސާ މުހައްމަދު

މޫސަ ފަހުރުވެރިވަނީ ބޭންކްގެ އެހާރާއި މިހާރުގެ ދަތުރުގައި އޭނާއަށް މުހިންމު މަސައްކަތްތަކެއް ކުރެވި މުހިންމު ބައިވެރިއަކަށް ވެވިފައި ވާތީ އެވެ. ބީއެމްއެލް މިއަދު މި ދެކޭ ރަން ޒަމާނުގެ ބައިވެރިއެއްގެ ގޮތުގައި ހުރެވުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ބޮޑު އުފަލެކެވެ. ބީއެމްއެލްއާ އެކު ކުރައްވާ ދަތުރު ނިމުމަކަށް އަންނާކަށް އޭނާ ނޭދެ އެވެ.

"ބޭންކުން އަޅުގަނޑަށް ލިބުނު ކިތަންމެ ފުރުސަތެއް ދޫ ވެސް ކޮށްލިން. މިއަދު އަޅުގަނޑަށް މި ހިސާބުގައި މި ހުރެވުނީ ވެސް އެހެންވެ ކަންނޭނގެ. އަޅުގަނޑު ނުބަލަން ބޭންކުން އަޅުގަނޑަށް ކޮށްދޭނެ ކަމަކަށް. އޭގެ ބަދަލުގައި އަޅުގަނޑު ބަލަނީ އަޅުގަނޑަށް ބޭންކަށް، މި ދިވެހި ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ،" މޫސަގެ ވާހަކަ ނިންމާލެއްވި އެވެ.

ކޮމެންޓް (2)

ނަންނި

13 ނޮވެމްބަރު 2022
ގައުމަށް ތި ކޮށް ދިނީ ވަރަށް އަގުހުރި މަސައްކަތެއް.
6 0

އަމީ

13 ނޮވެމްބަރު 2022
މަރުހަބާ މޫސަ. ތި ކުރި ހިއްވަރާއި ދިން ހިދުމަތަށް ޝުކުރިއްޔާ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް