އާއިޝަތު އާޒިމާ ޝަކޫރުގެ ގާނޫނީ ވަކީލު، މަރްޔަމް ނިހާޔަތު މިއަދު ސުޕްރީމް ކޯޓުގައި، 16 މެއި 2022

އާޒިމާގެ މައްސަލައިގައި ވަކާލާތުކުރުމުގެ ފުރުސަތު ނިހާޔަތަށް ގެއްލިއްޖެ

ނިހާޔަތަށް ވަކާލާތު ނުކުރެވޭނީ އޭނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި އިރު އެ އޮފީހަށް ހުށަހެޅި މައްސަލަތަކުގައި

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިގައި އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް ގެއްލިއްޖެ އެވެ.

ވީ ކިހިނެއް؟ - އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގައި އޭނާ ތަމްސީލުކުރައްވަމުން ގެންދެވީ ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އެވެ.

ހައި ކޯޓުގައި ދައުލަތުން ވަނީ ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ. ދައުލަތުން ބުނީ:

  • އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށް ވުމުން މަސްލަހަތު ފުށުއަރާ ކަމަށް

ނިހާޔަތު ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އެ މައްސަލައާ ގުޅޭ މައުލޫމާތު އޭނާއަށް އޭރު ލިބިވަޑައިގެންފައި ނުވާ ކަމަށާއި، މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ހައި ކޯޓުން އެ ނުކުތާ ނިންމީ ނިހާޔަތުއާ އެއްކޮޅަށެވެ.

ތަފްސީލް - ހައި ކޯޓުގެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދައުލަތުން ބުނީ ވަކީލަކު މަސައްކަތް ކުރަމުން ދަނިކޮށް އެ އިދާރާއަކަށް ހުށަހެޅި ނުވަތަ މަޝްވަރާކުރި މައްސަލައެއްގައި އެ ވަކީލަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 146 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ގަބޫލުކުރެ އެވެ.

މިއަދުގެ އަޑުއެހުމުގައި އާޒިމާ ޝަކޫރު އައި އޭނާގެ ދިފާއީ ވަކީލުން ކަމުގައިވާ ނިހާޔަތު އާއި ފަޒްނާ

ސުޕްރީމް ކޯޓުގެ ބަސް - ސުޕްރީމް ކޯޓުން މިއަދު މައްސަލަ ނިންމައި، ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ތާއީދުކުރެއްވި ހުކުމްގައި ވަނީ އެ ނުކުތާއާ ގުޅިގެން ގޮތް ކަނޑައަޅުއްވައިފަ އެވެ.

ހުސްނުއްސުއޫދު ވިދާޅުވީ މީގެ ކުރިން އެފަދަ މައްސަލައަކާ ގުޅިގެން، މި މައުލޫއުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ވަކީލަކު މަސައްކަތް ކުރަމުން ދަނިކޮށް އެ އިދާރާއަކަށް ހުށަހެޅި ނުވަތަ މަޝްވަރާކުރި މައްސަލައެއްގައި އެ ވަކީލަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް އޮތް ނިންމުމެކެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމާ ދުރުވާން ޖެހޭ ސަބަބެއް ނިހާޔަތުގެ ފަރާތުން ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ވަކާލާތު ކުރުމުގެ ފުރުސަތު ދީ، ހައި ކޯޓުން ގަވާއިދު މާނަކޮށްފައިވާ ގޯސްކޮށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

އެހެންކަމުން މި މައްސަލައިގައި، އަދި ޑެޕިއުޓީ ޕީޖީ ކަމުގައި އޭނާ ހުންނަވަނިކޮށް ޕީޖީ އޮފީހަށް ހުށަހެޅި އެއްވެސް މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާއަށް ދެން މަސައްކަތެއް ނުކުރެއްވޭނެ އެވެ. މި އުސޫލު އެހެން ފަރާތްތަކަށް ވެސް ހިނގާނެ އެވެ.

ގުޅުން ހުރި ކަމެއް - އާޒިމާގެ ބޭބެ އަދި އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާގައި ނިހާޔަތަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ކްރިމިނަލް ކޯޓުން 2020ގައި ނިންމި އެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ޕީޖީ އޮފީހުގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ނިހާޔަތު ލަފާ ދެއްވި ކަމަށާއި އޭރު އޭނާ އަކީ އެ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭޝަލް ކްރައިމްސް ޔުނިޓްގެ ވެރިޔާ ކަމަށް ދައުލަތުން ބުންޏެވެ. ނިހާޔަތު އޭރު ވެސް ވިދާޅުވީ މަސްލަހަތު ފުށޫއަރާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގެންނެވި ހަނދާނެއް ނެތް ކަމަށެވެ.

ނަމަވެސް ޝަރީއަތުން ނިންމީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ހުންނެވިއިރު އެ މަގާމުގައި ހުންނެވި ބޭފުޅަކާ މަޝްވަރާކުރުމެއް ނެތި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަންކަން ނިންމާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މައްސަލައިގައި ވަކާލާތުކުރުމުގެ ފުރުސަތު އޭނާއަށް ނުދިނީ އެއްވެސް ބާވަތެއްގެ ޝައްކެއް މައްސަލައާ މެދު ނުބޭއްވުމަށްޓަކަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް