Majlis 2024

ވީއައިއޭގެ އޭޕްރަންގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

ވީއައިއޭއަށް ބާރުބޮޑު، ކާމިޔާބު އަހަރެއް؛ ޕްރައިވެޓު ޖެޓުތަކުގެ އަދަދު %53 އިތުރު

ކޮވިޑްގެ ސަބަބުން ރާއްޖެއަށް ދަތުރުތައް ހުއްޓާލާފައި އޮތް 8 އެއާލައިނެއްގެ ދަތުރުތައް އަލުން ފެށިއިރު، މުޅިން އާ 2 އެއާލައިނަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައި
20 ޑިސެމްބަރު 2022
1

ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން، 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު މި އަހަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ބާރުބޮޑު އަދި ކާމިޔާބު އަހަރެއް ކަމަށް، އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް އައި 1.6 މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ މި އަހަރު ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ހަސަން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފްސީލު - ހަސަން ވިދާޅުވީ މިދިޔަ އަހަރާއި 2020 ވަނަ އަހަރަކީ ފަސިންޖަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވި ދެ އަހަރު ކަމުން، އަޅާކިޔުމުގައި ބަލަނީ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ކަމަށެވެ.

މި އަހަރާއި 2019 ވަނަ އަހަރުގެ ޖެނުއަރީއިން ނޮވެމްބަރުގެ ނިޔަލަށް އަޅާކިޔުއްވައި އޭނާ ވިދާޅުވި ގޮތުގައި:

  • ޖެނެރަލް އޭވިއޭޝަން (ޖެޓު) އެއާކްރާފްޓް މޫވްމަންޓްސް - 2019 ގައި 1،702؛ މި އަހަރު 2،610، އެއީ %53 ގެ އިތުރުވުމެއް

  • ޖުމްލަ އެއާކްރާފްޓް މޫވްމަންޓް - 2019 ގައި 24،864؛ މި އަހަރު 27،296، އެއީ %10ގެ ކުރިއެރުމެއް

  • ރާއްޖެ އަންނަ ފަސިންޖަރުންގެ ރިކަވަރީ ރޭޓު މިހާރު ހުރީ %98 ގައި

ފިނި މޫސުމަށް އިތުރު އެއާލައިންތަކެއް

ހަސަން ވިދާޅުވީ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ދަތުރުތައް ހުއްޓާލި އަށް އެއާލައިނެއް، މި ފިނިމޫސުމުގެ ސީޒަނަށް އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެ އެއާލައިންތަކާއި ދަތުރުކުރާ މަންޒިލްތަކަކީ:

  • 1-

    ބްރިޓިޝް އެއާވޭސް

  • 2-

    އެއާ ފްރާންސް

  • 3-

    އޮސްޓްރިއަން އެއާލައިންސް - ވިއޭނާ

  • 4-

    ނިއޯސް - މިލާން

  • 5-

    ޔޫރޯ ވިންގްސް - ފްރެންކްފަޓް

  • 6-

    ކޮންޑޯ - ފްރެންކްފަޓް

  • 7-

    ލޮޓް ޕޯލިޝް - ވޯސޯ

  • 8-

    އައިޓީއޭ އެއާވޭސް - ރޯމް

"ބްރިޓިޝް އެއާވޭސް [ކުރިން] އަބަދުވެސް މި އަންނަނީ ސީޒަނަލް އެއާލައިނެއްގެ ގޮތުގައި. ނަމަވެސް އަންނަ އަހަރުން ފެށިގެން [މިހާރު އެ އޮތީ ފެށިފައި] ބްރިޓިޝް އެއާވޭސް، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް އަންނާނެ ދެން ރާއްޖެއަށް. މާނަ އަކީ ފަތުރުވެރިން އަބަދުވެސް އައިސްއައިސް ތިބޭނީ ބްރިޓިޝް އެއާވޭސްއިން،" ހަސަން ވިދާޅުވި އެވެ.

މުޅިން އަލަށް ދަތުރު ފެށި އެއާލައިންތަކަކީ:

  • 1-

    ވިޒް އެއާ - އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު

  • 2-

     ކުވެއިތު އެއާވޭސް - ކުވައިތު ސިޓީ އާއި ރާއްޖެއާ ދެމެދު

ޔޫއޭއީގެ ބަޖެޓް ގައުމީ އެއާލައިން ވިޒް އެއާގެ ބޯޓެއް ވީއައިއޭގައި (ދައުރު ފޮޓޯ)

މި އަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ އަމާޒު ހާސިލުވިކަން ފާހަގަކޮށް، ހަސަން ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އެހެން މި ބުނާ ސަބަބަކީ، ޗައިނާ މާކެޓު އެ އޮތީ ބަންދުކޮށްފައި. އަދި ޔޫކްރެއިން-ރަޝިއާ މައްސަލަ ވެސް ހިނގަމުން އެ ދަނީ ޔޫރަޕު ތެރޭގައި. މި ހާލަތުގައި މިހެން އޮވެ، ރާއްޖެ އާއި ރާއްޖޭގެ ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުވުން އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އަންނަ އަހަރަށް ރާއްޖޭން ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ.

އެ އަމާޒަށް ވާސިލުވެވިއްޖެ ނަމަ، އެއީ ރާއްޖެއަށް އަހަރެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ފުރަތަމަ އަހަރަށް ވާނެ އެވެ. މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ، ކޮވިޑުގެ ކުރިން 2019ގަ އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ކޮމެންޓް (1)

ޝާހިދާ

20 ޑިސެމްބަރު 2022
ދެން މި އެންމެން ގެންނަ $ ވަންނަނީ ކޮންތާކަށް ނޫނީ ހުރިހާ ކަމެއް ފްރީ ވެގެން ތަ އަންނަ ބަޔަކު އަންނަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް