ވިލިނގިލި-ކޫއްޑޫ ބްރިޖު އެޅުމަށް ސާވޭ ހެދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީން ސޮއިކުރަނީ. (ފޮޓޯ/ ހައުސިން މިނިސްޓްރީ)

ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސާވޭ 21 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާ މި މަޝްރޫއުގެ ސާވޭ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށްް
26 ޖެނުއަރީ 2023

ގއ. ވިލިނގިއްޔާއި އެ އަތޮޅު ކޫއްޑޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ އާއި ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 21 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި:

  • މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު 

  • އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް

ތަފްސީލް - މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން:

  • މަޝްރޫއުގެ އަގަކީ 21 މިލިއަން ރުފިޔާ 

  • އެމްޓީސީސީން ކުރާނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދިއުމަށް ތައްޔާރުކުރަން ޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް

  • މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

މި އެއްބަސްވުމުގެ މައުލޫމާތު ޕްލޭނިން މިނިސްޓްރީން އެންމެ ފުރަތަމަ އާންމުކުރިއިރު މާ ބޮޑު ތަފްސީލެއް ދިނުމެއް ނެތި ބުނީ އެމްޓީސީސީއާ ހަވާލުކުރީ ބްރިޖުގެ މަޝްރޫއު ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީން ފަހުން ވަނީ އެ ޓުވީޓް ޑްލީޓުކޮށްލުމަށް ފަހު، އެމްޓީސީސީއާ ހަވާލުކުރީ ސާވޭ ކުރަން ކަމަށް ބުނެފަ އެވެ.

އެނގުން މުހިންމު - ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއު ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ. އެގޮތުން:

  • އެ މަޝްރޫއުގެ ސާވޭ އާއި އެހެނިހެން ދިރާސާތަކަށް ބޭނުންވާ 1 މިލިއަން ރުފިޔާ 2020ގެ ބަޖެޓުގައި ހިމަނާފައިވޭ

  • އެ އަދަދު ވަނީ ފަހުން 2021ގެ ބަޖެޓަށް ބަދަލުކޮށްފައި؛ ނަމަވެސް، މިހާތަނަށް ސާވޭއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ

  • އެއަށް ފަހު ސަރުކާރުން ބުނީ އެ މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް

  • މިދިޔަ އަހަރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ

  • ބްރިޖުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ވިލިނގިލީ ކައުންސިލުން މިދިޔަ އޮކްޓޯބަރުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ގުޅުން ހުރި ކަމެއް - ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހް މި ހަފްތާގެ ކުރީކޮޅު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ ބްރިޖުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި:

  • އެ ބްރިޖުގެ ސަބަބުން އިގްތިސޯދީ ގޮތުން އެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް ލިބޭނެ

  • މަޝްރޫއުގެ ޕްލޭނިންގެ ހުރިހާ މަސައްކަތެއް ނިންމާ، ކުރިއަށްދަނީ އަގު ކަނޑައަޅާ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް