ބ. ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އޯޓެކްސް ޕްރައިވެޓް ލިމިޓެޑްއާ އެކު ޔޫތު މިނިސްޓްރީން ސޮއިކުރަނީ. (ފޮޓޯ/ ޔޫތު މިނިސްޓްރީ)

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ގިނަ މަޝްރޫއުތަކެއް އިއުލާނުކުރަނީ

މި މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީން ވަނީ 32 މަޝްރޫއު ހިންގާނެ ފަރާތްތައް ހޯދަން އިއުލާންކޮށްފައި
22 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކި ރަށްރަށުގައި ކުޅިވަރު ކުޅުމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޔޫތު މިނިސްޓްރީން މި މަހު އެކަނި ގެޒެޓުކޮށްފައިވާ އިއުލާންތަކުގެ ތެރޭގައި:

  • ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގައި ސްކޭޓިން ޕާކެއް ތަރައްގީކުރުން

  • ވ. ކެޔޮދޫ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުން

  • ހދ. ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުން

  • ހަތަރު އަތޮޅެއްގެ ފަސް ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުން

  • އަށް އަތޮޅެއްގެ 12 ރަށެއްގައި ވޮލީ ކޯޓު ތަރައްގީކުރުން

  • ހަތް އަތޮޅެއްގެ އަށް ރަށެއްގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުން 

  • ތިން އަތޮޅެއްގެ ތިން ރަށެއްގައި ހޭންޑް ބޯލް ކޯޓު ތަރައްގީކުރުން 

ޔޫތު މިނިސްޓްރީން ވަނީ ޖުމްލަ 32 މަޝްރޫއު ހިންގަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރެއިން 15 މަޝްރޫއު އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ގުޅުންހުރި ކަމެއް - އެކި ރަށްރަށުގައި ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުތައް ހިންގާނެ ފަރާތްތައް ހޯދަން ފިނޭންސް މިނިސްޓްރީން ވެސް ވަނީ މި މަހު އިއުލާނުކޮށްފަ އެވެ. އެގޮތުން، ބިޑަށް ލާފައިވާ މަޝްރޫއުތަކުގެ ތެރޭގައި:

  • ފުވައްމުލަކުގައި 400 ހައުސިން ޔުނިޓު 

  • ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު

  • ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު

މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް މިދިޔަ ހަފްތާގައި ވަޑައިގެންނެވުމުގެ އެއް ދުވަސް ކުރިން، ހއ. އިހަވަންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު ވެސް ބަޔަކާ ހަވާލުކޮށްފައިވެ އެވެ.

އެނގުން މުހިއްމު - ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގައި ފެންނާނެ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު ކަމަށް ބެލެވެ އެވެ. 

ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތްކުރައްވާ ރައީސް ސޯލިހު އެންމެ އަޑުހަރުކޮށް ކެމްޕޭނުގައި ދައްކަވަމުން ގެންދަވަނީ މި ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަފުޅެވެ. ނަމަވެސް، ވާދަވެރިޔާ ނަޝީދު ވިދާޅުވަނީ މި ސަރުކާރުން ފަށާ އެއްވެސް މަޝްރޫއުއެއް ނުނިމޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް