ދަތުރުކުރުމުގެ ކުރިން ކޮވިޑް ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް ސާމްޕަލް ދިނުމަށް ތާޖުއްދީން ސްކޫލުގައި މީހުން ކިޔޫ ހަދައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ދޮޅު އަހަރު ފަހުން ވެސް ނޭވާ ކުރުވަނީ: ލޯންގް ކޮވިޑުގައި ދިވެހިން

ރާއްޖޭގައި ސަމާލުކަމެއް ނެތް މައްސަލައެއް؛ އެކަމަކު ލޯންގް ކޮވިޑް ތަހައްމަލްކުރާ 'ބައިވަރު' މީހުން އެބަ ތިބިކަން ޑރ. މުހައްމަދު އަލީއަށް ފާހަގަކުރެއްވޭ

ކޮވިޑް-19 ޖެހޭ ގިނަ މީހުން ކުޑަ ދުވަސްކޮޅެއް ނުވަތަ މަދު ހަފްތާތަކެއް ތެރޭ އެ ބަލިން މުޅިން ރަނގަޅުވި ނަމަވެސް، ބައެއް މީހުންނަށް، ދިގުދެމިގެންދާ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. ޝަމީލާ އަހުމަދު (އަސްލު ނަމެއް ނޫން) އެކަމުގައި އުޅޭތާ ދޮޅު އަހަރު ވީ އެވެ.

އޮގަސްޓް 2020ގައި ކޮވިޑް ޖެހުނު ޝަމީލާއަކީ ނޭވާހިއްލާ މީހަކަށް ވިޔަސް، އޭނާ ބުނިގޮތުގައި، ކުރިން އެސްމާ ހަމައަކަށް އަޅުވައިގެން، ބޮޑެތި އުނދަގޫތަކެއް ނުވެ އުޅެވުނެވެ. އެކަމަކު ކޮވިޑަށް ފަހު ޝަމީލާ މިހާރު އުޅެނީ ހިނގާލިޔަސް، ވާހަކަދެއްކިޔަސް އަދި ރޮވުނަސް، ނޭވާ ކުރުވެ، ހާސްވާ ގޮތްވާ ދިރިއުޅުމެކެވެ.

"މިހާރު ފަސް މިނިޓަށް ހިނގާލިޔަސް މީހާ ހުންނާނީ ހަމަ މާނޭވާ ލެވޭ ހިސާބުގައި. ކުރިން ޕްރެޒެންޓޭޝަންތައް ދޭ އިރު ގިނަ އިރު ވާހަކަދެއްކިޔަސް ނޭވާ ކުރެއް ނުވޭ. އެކަމަކު މިހާރު މިހާ ކުޑަ އިރުކޮޅަކު ފޯނުން ވާހަކަދައްކާލީމަ ވެސް އެބަ ފާހަގަކުރެވޭ ވާހަކަދައްކަން އުނދަގޫކަން،" ޕްރައިވެސީ ބޭނުންވާތީ ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި 26 އަހަރުގެ ޒުވާނާ ބުންޏެވެ.

ކޮވިޑް ޖެހޭ ކޮންމެ 10 މީހަކުން އެކަކަށް އެ ބަލީގެ ސަބަބުން ދިގުދެމިގެންދާ ސިއްހީ މައްސަލަތައް ނުވަތަ ލޯންގް ކޮވިޑް ކުރިމަތިވާ ކަމަށް ބޭރުގެ ބައެއް އަންދާޒާތައް ދައްކަ އެވެ. އަނެއްބައި ދިރާސާތަކުގައި އެ އަދަދު %20 ނުވަތަ %30 އަށް މައްޗެވެ. ލޯންގް ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ބުރޫއަރައި ވަޒީފާއަށް ނުނުކުމެވި، ބައެއް މީހުން އާއްމުކޮށް އުޅެން ޖެހެނީ ވަރަށް ބޮޑަށް ބަލިވެ އެވެ. އެމެރިކާގައި މިދިޔަ އަހަރު ވަނީ ލޯންގް ކޮވިޑަކީ ގާނޫނީ ގޮތުން ނުކުޅެދުންތެރިކަމުގެ ހާލަތެއް ކަމަށް ބެލިދާނެ ކަމަށް ކަނޑައަޅައިފަ އެވެ. އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލޯންގް ކޮވިޑް މެދުވެރިވެފައިވާ "ބައިވަރު" މީހުން އެބަ އުޅެ އެވެ.

"އެ [ކޭސްތައް] ރަޖިސްޓްރީ ނުކުރެވި މިދަނީ. އެކަމަކު ލޯންގް ކޮވިޑް ތަހައްމަލްކުރަމުންދާ ވަރަށް ބައިވަރު މީހުން އެބަ ތިބި،" ޑރ. މުހައްމަދު ވިދާޅުވި އެވެ. "ދިގުދެމިގެންދާ ކެއްސުން ވެސް އެބަހުރޭ. ހަ މަސް ވެގެންދާ އިރު ވެސް ވަސް ރަނގަޅަށް ނުދުވާ މީހުން އެބަ ތިބި. އަދި އެއާ އެކީ ކެއުމަށް ވެސް ބުރޫއަރާފައި ތިބި މީހުން އެބަ ތިބި."

މާލޭ ސޯޝަލް ސެންޓަރުގައި މި މަހު 10ގައި ދެ އަންހެނަކު ކޮވިޑް ޓެސްޓު ހަދައިދިނުމުގެ މަސައްކަތުގައި: ބައެއް މީހުންނަށް ކޮވިޑްގެ އުނދަގޫ ދިގުދެމިގެންދޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ލޯންގް ކޮވިޑްކަން ފާހަގަ ނުކުރެވި ހުރެދާނެ

ޑަބްލިޔުއެޗްއޯގެ މިންގަނޑުން ލޯންގް ކޮވިޑަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނުވަތަ ކޮވިޑް ޖެހިފައިވާ ކަމަށް ލަފާކުރެވޭ މީހުންނަށް ބަލި ޖެހުނުތާ ތިން މަހަށް ފަހު މަދުވެގެން ދެ މަސް ވަންދެން އަލާމާތްތައް ހުރެފައި އެއީ އެހެން ބައްޔެއްގެ އަލާމާތްތަކެއް ކަމަށް ނުބެލެވޭ ހާލަތްތަކެވެ. ކޮވިޑް ޖެހުނު އިރު ފެނުނު އަލާމާތްތައް ދިގުދެމިގެން ދިޔުން ނުވަތަ ކޮވިޑުން ރަނގަޅުވުމަށް ފަހު އަލުން އަލާމާތްތަކެއް ފެށުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ރަނގަޅު އާދަތަކެއް ބަހައްޓައިގެން ހަށިގަނޑު އަމިއްލައަށް ރިކަވާވުމަށް ފުރުސަތު ދޭން، ގިނަ ގައިޑްލައިންތަކުން ލަފާދެއްވަނީ

ޑރ. މުހައްމަދު އަލީ

ސިއްހީ މާހިރުން ލޯންގް ކޮވިޑް ސިފަކުރަނީ ސިންޑްރޯމްއެއްގެ ގޮތުގަ އެވެ. އެއީ ހަށިގަނޑުގެ އެކި ގުނަވަންތައް ހިމެނޭ ގިނަ ކަންތައްތަކެއް މެދުވެރިވާތީ އެވެ. ލޯންގް ކޮވިޑްގެ ތެރޭގައި 10 ގުނަވަނެއްގެ 200 މައްސަލައެއް ހިމެނޭކަން، ޔުނިވާސިޓީ ކޮލެޖު ލަންޑަން (ޔޫސީއެލް)ގެ ބޮޑު ދިރާސާއެއްގައި، ފާހަގަކުރެވިފައިވެ އެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނާގޮތުގައި މީހުން އާއްމުކޮށް ރިޕޯޓްކުރާ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެ އެވެ. އަދި މިއީ ކޮވިޑް ޖެހިގެން ވަރަށް ކުޑަކޮށް ބަލިވާ މީހުންނަށާއި ބަލި ޖެހިގެން އުޅުނު އިރު އަލާމާތެއް ނުފެންނަ މީހުންނަށް ވެސް މެދުވެރިވެދާނެ ކަންތައްތަކެއް ކަމަށް ސީޑީސީ އިން ބުނެ އެވެ. އޭގެ ތެރޭގައި:

  • ނޭވާލާން އުނދަގޫވުން ނުވަތަ ނޭވާ ކުރުވުން

  • ވަރުބަލިވުން

  • ވިސްނަން ނުވަތަ ސަމާލުކަން ދޭން އުނދަގޫވުން ('ބްރެއިން ފޮގް')

  • ކެއްސުން

  • މެއަށް ނުވަތަ ބަނޑަށް ތަދުވުން

  • ބޮލުގައިރިއްސުން

  • ހުޅުތައް ނުވަތަ މަސްތަކުގައި ރިއްސުން

  • މޫޑަށް ބަދަލުތައް އައުން

  • ހިތުގެ ވިންދު އަވަސްވުން ނުވަތަ މޭ ތެޅޭ ގޮތްވުން

  • ރަހަލުމާއި ވަސް ދުވުމަށް ބަދަލު އައުން

ޑރ. މުހައްމަދު އަލީ ވިދާޅުވީ މިފަދަ ބައެއް ކަންކަމަކީ އާއްމުކޮށް ވެސް ކުރިމަތިވާ މައްސަލަތަކެއް ކަމުން، ގިނަ ފަހަރު މީހުންނަށް އެއީ ލޯންގް ކޮވިޑްގެ އަލާމާތްތަކެއްކަން ނޭނގި ހިނގައިދާނެ ކަމަށެވެ. ކޮވިޑްގެ ހާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ތިބެން ޖެހޭތީ ނުވަތަ ސަމާލުކަން ނުދެވުމުގެ ސަބަބުން ވެސް ލޯންގް ކޮވިޑްކަން ދެނެނުގަނެވޭ މީހުން ގިނަވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

އުމުރު ދުވަހަށް ވެސް ދިގުލައިގެން ހިނގައިދާނެއޭ، އެ ބިރު އޮންނަނީ. އުއްމީދުކުރަނީ އަހަންނަށް އެހެން ނުވާނެ ކަމަށް

ލޯންގް ކޮވިޑް ތަހައްމަލްކުރަމުންދާ 26 އަހަރުގެ އަންހެނެއް

ލަފާދެނީ މަޑުމަޑުން ހަށިގަނޑު ހަމައަކަށް އެޅުވޭތޯ ބަލަން

ޑރ. މުހައްމަދު އަލީ ވިދާޅުވީ ލޯންގް ކޮވިޑަކީ އެކި ގުނަވަންތައް ހިމެނޭ ހާލަތަކަށް ވާތީ ފަރުވާ ދޭނީ ވަކިވަކި ކަންކަމަށް އަމާޒުކޮށްގެން ކަމަށެވެ. ލޯންގް ކޮވިޑަށް ވެސް، ހާއްސަ ފަރުވާއެއް އަދި ނެތެވެ.

"މިސާލަކަށް ފުއްޕާމޭގެ ކަމެއް ނަމަ އެކަމަކަށް ބަލާފައި ޓެސްޓްތަކެއް ހަދާފައި އެކަމާ ގުޅޭ ގޮތުން ފަރުވާއެއް ދޭނީ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

ޝަމީލާ ބުނިގޮތުގައި އޭނާ ބެލި ޑޮކްޓަރު ލަފާކުރީ ކޮވިޑްގައި އޭނާގެ ފުއްޕާމޭގައި ލަކުނު ލާފައި ހުރުން އެކަށީގެންވާ ކަމަށެވެ. އަދި ފުއްޕާމެއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން، އޮކްސިޖަން ލިބުނަސް، ފުއްޕާމޭ ރަނގަޅަށް ނުފުފޭތީ ނޭވާ ކުރުވަނީ ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ބުންޏެވެ.

ނޭވާލާން އުނދަގޫވުމަކީ، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ލޯންގް ކޮވިޑްގެ އާއްމު އަލާމާތެކެވެ. ދެން އެންމެ ގިނައިން މީހުން ބުނަނީ ވަރުބަލިވާ ވާހަކަ އެވެ. 

އެ [ކޭސްތައް] ރަޖިސްޓްރީ ނުކުރެވި މިދަނީ. އެކަމަކު ލޯންގް ކޮވިޑް ތަހައްމަލްކުރަމުންދާ ވަރަށް ބައިވަރު މީހުން އެބަ ތިބި

ޑރ. މުހައްމަދު އަލީ

ވަރުބަލިވުމާއި ހިނގާލާ އިރަށް ލޮޑުވުން، ނޭވާ ކުރުވުން ނުވަތަ ކެއްސުން ފަދަ ކަންކަން ދިމާވާ މީހުންނަށް އޮތް ލަފަޔަކީ، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ލުއި ކަސްރަތަކުން ފަށައިގެން ހަށިގަނޑު ހަމަޔަކަށް އަޅުވަން މަސައްކަތްކުރުމާއި ދުޅަހެޔޮ ލައިފްސްޓައިލްއަކަށް ދިޔުމެވެ. އެއީ:

  • މީހާ ބޮޑަށް ވަރުބަލިވެގެން ނުވަތަ ނޭވާ ކުރުވެގެން އިތުރު އުނދަގޫތަކެއް ނުވާ ވަރަށް މަޑުމަޑުން ހިނގަމުން ގޮސް ކަސްރަތު އިތުރުން

  • ކެއުމުގެ ރަނގަޅު އާދަތައް ގެންގުޅުން

  • ދުންފަތުގެ އިސްތިއުމާލު ނުކުރުން

"މިކަހަލަ ރަނގަޅު އާދަތަކެއް ބަހައްޓައިގެން ހަށިގަނޑު އަމިއްލައަށް ރިކަވާވުމަށް ފުރުސަތު ދޭން، ގިނަ ގައިޑްލައިންތަކުން ލަފާދެއްވަނީ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަސް ނުދުވާ ނަމަ (ރަހަ ނުލާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ވަސް ނުދުވުން) ނޭފަތަށް ނުވަތަ ސައިނަސްއަށް ދެވިދާނެ ފަރުވާތަކެއް ހުރެ އެވެ. އެކަމަކު ވަސް ނުދުވަނީ އެފަދަ މައްސަލައަކާ ހެދި ކަމަށް ނުވާ ނަމަ ދެން ކުރަން ޖެހެނީ އެހެން ކަންތައްތަކެކެވެ. އޭގެ ތެރޭގައި:

  • ދަތް އުނގުޅައި އަނގަތެރެ ސާފުކޮށް ބެހެއްޓުން

  • ގަދަ ވަސް ދުވާ އެއްޗެހީގެ ވަސް ބެލުން  

  • ރަހަ ބެލެންސް ކުރަން ލުނބޯ ބޭނުންކުރުން ނުވަތަ ކުޑަކޮށް ލޮނުގަދަ ކުރުން 

  • މާމުއި ފަދަ ފޮނި ރަހަލާ އެއްޗެހި ކެއުމުގައި ބޭނުންކުރުން

"ވަސް ދުވާ ސެންސްތައް ޓްރެއިންކުރާށޭ ކަހަލަ ގޮތަކަށް ގިނަ ގައިޑްލައިންތަކުން ލަފާދެއްވަނީ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.  

ޑރ. މުހައްމަދު އަލީ. (ފޮޓޯ/ޓްވިޓާ/މުހައްމަދު އަލީ)

މިހާރު ފަސް މިނިޓަށް ހިނގާލިޔަސް މީހާ ހުންނާނީ ހަމަ މާނޭވާ ލެވޭ ހިސާބުގައި. ކުރިން ޕްރެޒެންޓޭޝަންތައް ދޭ އިރު ގިނަ އިރު ވާހަކަދެއްކިޔަސް ނޭވާ ކުރެއް ނުވޭ. އެކަމަކު މިހާރު މިހާ ކުޑައިރުކޮޅަކު ފޯނުން ވާހަކަދައްކާލީމަ ވެސް އެބަ ފާހަގަކުރެވޭ ވާހަކަދައްކަން އުނދަގޫކަން

ލޯންގް ކޮވިޑް ތަހައްމަލްކުރަމުންދާ 26 އަހަރުގެ އަންހެނެއް

ދިގުލައިގެންދާ ނަމަ ބޮޑު ބުރައެއް

ބައެއް މީހުން ކޮވިޑުން މުޅިން ރަނގަޅުވާ އިރު އަނެއް ބަޔަކު ލޯންގް ކޮވިޑްގެ ހާލަތަށް ދަނީ ކީއްވެގެންކަން ދެނެގަންނަން ސައިންސްވެރިން އަންނަނީ މަސައްކަތްކުރަމުންނެވެ. ލޯންގް ކޮވިޑާ ބެހޭ ގޮތުން އަދިވެސް ގިނައީ ނޭނގޭ ކަންކަމެވެ. އޭގެ ތެރޭގައި، އެ ހާލަތު ކިހާ މުއްދަތަކަށް ދެމިގެން ހިނގައިދާނެތޯ އެއީ މުހިއްމު އެއް ސުވާލެވެ.

"އުމުރު ދުވަހަށް ވެސް ދިގުލައިގެން ހިނގައިދާނެއޭ، އެ ބިރު އޮންނަނީ. އުއްމީދުކުރަނީ އަހަންނަށް އެހެން ނުވާނެ ކަމަށް،" ޝަމީލާ ބުންޏެވެ.

 ލޯންގް ކޮވިޑްގެ ހާލަތު މެދުވެރިވާ ސަބަބުތަކާއި އެކަމަށް ދޭނެ ބޭހާއި އެ ހާލަތު މުޅިން ރަނގަޅުކުރާނެ ގޮތްތައް ހޯދުމަށް އިތުރު ފައިސާ އާއި ދިރާސާތައް ވަނީ ބޭނުންވެފަ އެވެ. ވެކްސިނުން ލޯންގް ކޮވިޑަށް އަންނަ ބަދަލު ދެނެގަތުން ވެސް އަދި އުޅެނީ ވަރަށް ކުރީކޮޅުގަ އެވެ. އަދި ރެކޯޑް އަދަދުތަކުން ބަލި ޖައްސަމުންދާ އޮމިކްރޮން ވޭރިއެންޓުން ކޮށްފާނެ އަސަރެއްގެ ނުތަނަވަސްކަން ވެސް އެބަ އޮތެވެ. މި ވަގުތަށް، ލޯންގް ކޮވިޑް ސިންޑްރޯމްއާ ގުޅޭ ގޮތުން ސިއްހީ ގިނަ މާހިރުންގެ ފަރާތުން އިވެނީ އާއްމުކޮށް ވެސް ކޮވިޑާ މެދު އޮތް މައިގަނޑު ދެ ވާހަކަ އެވެ: ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާ އެކު ވެކްސިން ޖަހައި، ބަލީގައި ބޮޑުވަރު ވުމުގެ ނުރައްކާ ކުޑަކުރަންވީ ކަމެވެ.

އެކަމަކު ލޯންގް ކޮވިޑަކީ ބައެއް މީހުންގެ ދިރިއުޅުން ހުއްޓުވާލާ ކަމަކަށް ވާއިރު، އެއީ އަހަރުތަކަކަށް ނުވަތަ އުމުރަށް ދެމިގެންދާ ހާލަތަކަށް ވެއްޖެ ނަމަ، ސިއްހީ ނިޒާމަށާއި މުޖުތަމައަށާއި އިގްތިސޯދީ ގޮތުން ވެސް ބޮޑު ބުރައަކަށް ވެދާނެ ކަމުގެ އިންޒާރު ދަނީ ލިބެމުންނެވެ.

ރާއްޖޭގައި ލޯންގް ކޮވިޑްގެ ކޭސްތައް ރެކޯޑްކުރަން ވެސް އަދި ނުފަށަ އެވެ. އެހެންކަމުން މައްސަލައަށް އޮތީ ސަމާލުކަމެއް ނުލިބި އެވެ.

ކޮމެންޓް (3)

ޕަބްލިކްހެލްތު

30 ޖެނުއަރީ 2022
އަސްލުވާ ގޮތަކީ ސިއްހީހުރިހާ ކަމެއް އެނގޭކަމަށް ހެދިގެން އުޅޭ ޑރ ނަރުހުން ނަށް ނޭގޭ ދާއިރާތަކެއްގެ ވެރިންނަށް ލާފަ ވާނުވާ އެނގޭ ޕަބްލިކް ހެލްތު ދާއިރާއިން ކިޔެވި ކުދިން ފެޔަށް ޖައްސާތީ ވާގޮތް.
2 0

އިއްސޭ

30 ޖެނުއަރީ 2022
ރަނގަޅު ވާހަކައެއް. މިހާރު ދުވަން ނުކުމެލާފަ 5 ވަރަކަށް މިނެޓް ވެސް ދުވެ ނުލެވޭ
1 0

މުޙައްމަދު

30 ޖެނުއަރީ 2022
މުހިންމު މައުލޫމާތު ކޮޅެއް. ޝުކުރިއްޔާ
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް