Majlis 2024

ވިހެއުމަށް ފަހު ހަށިގަނޑަށް އަންނަ ބޮޑު ބަދަލާ އެކު ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު

އަންހެނުން

ވިހެއުމަށް ފަހު ކޮންމެހެން ވެސް ޕެލްވިކް ފްލޯ ވަރުގަދަ ކުރަންވާނެ

ޕެލްވިކް ފްލޯ ވަރުދަގަ ނޫން ނަމަ އަންހެނުންނަށް ތަފާތު ސިއްހީ މައްސަލަތަކާ ކުރިމަތިވޭ
20 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ޕެލްވިކް ފްލޯ މަސްތަކަކީ ޅިނދު ކަށިގަނޑުން ފެށިގެން އުކުޅުވަޅު ކަށިގަނޑާ ދެމެދު ހުންނަ މަސްތައް

މި މަސްތައް ބަލިކަށި ނަމަ ކެއްސާ ކިނބިހި އަޅާ އަދި ހޭ އިރު ކުޑަކަމުދެވޭ

ޕެލްވިކް ފްލޯ ވަރުގަަދަ ކުރުމަށް ވަކި ހާއްސަ ކަސްރަތުތަކެއް ކުރަންޖެހޭ

ވިހެއުމަކީ އަންހެނެއްގެ ހަށިގަނޑަށް ބޮޑު ބަދަލެއް އަންނަ ކަމެކެވެ. ވިހެއުމަށް ފަހު ހަށިގަނޑަށް ހާއްސަ އަަޅާލުން ބޭނުންވެ އެވެ. ވިހެއުމަށް ފަހު ވެސް ކަސްރަތު ކުރުމުގައި ދެމިހުރެ، ހާއްސަކޮށް ޕެލްވިކް ފްލޯގެ މަސްތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން މުހިއްމެވެ.

ޕެލްވިކް ފްލޯ މަސްތަކަކީ ޅިނދު ކަށިގަނޑުން ފެށިގެން އުކުޅުވަޅު ކަށިގަނޑާ ދެމެދު ހުންނަ މަސްތަކެވެ. މިއީ ގޮހޮރު، ބްލެޑާ، ރަހިމު އަދި ކުރިމަތިފަރާތަށް ސަޕޯޓް ދޭ މަސްތަކެކެވެ. 

ޕެލްވިކް ފްލޯ މަސްގަނޑު ދައްކައިދޭ ކުރެހުމެއް

ކުޑަކަމުދާހޮޅި، ރަހިމު، އަދި ފުރަގަސްފަރާތް ވަަށައިގެންވަނީ ސްފިންކްޓާ މަސްތަކެވެ. ޕެލްވިކް ފްލޯ މަސްތައް ކޮންޓްރެކްޓްކޮށްލުމުން، ނުވަތަ ފިއްތާލާ އިރު އެތެރެހަށީގެ ގުނަވަންތައް މައްޗަށް ޖެހިލައި ސްފިންކްޓާތަކުން ކުޑަކަމުދާހޮޅި، ކުރިމަތިފަރާތް އަދި ފުރަގަސްފަރާތުގެ ހުޅުވުންތައް ބާރުކޮށްލަ އެވެ. އަދި ޕެލްވިކް ފްލޯ ހަމައަކަށްއެޅޭ ވަގުތުކޮޅު ކުޑަކަމު އަދި ބޮޑުކަމުދާން ފަސޭހަވެ އެވެ. މީގެ އިތުުރުން ޕެލްވިކް ފްލޯ މަސްތައް ވަރުގަދަކުރުން މުހިއްމުވާ އަނެއް ސަބަބަކީ ޖިންސީ އެދުންވެރިކަން ފުއްދުމަށް މި މަސްތަކުގެ ރިލޭކްސޭޝަން/ކޮންޓްރެކްޝަން އެހީތެރިވެދޭތީ އެވެ.

ޕެލްވިކް ފްލޯ މަސްތައް ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ އެތެރެހަށީގެ ގުނަވަންތަކަށް ލިބެންވާ ފުރިހަމަ ސަަޕޯޓެއް ނުލިބެ އެވެ. އަދި މިކަމުގެ ސަބަބުން ކުޑަކަމުދިއުން، ބޮޑުކަމުދިއުން އަދި ވައި ބޭރުވުން ކޮންޓްރޯލް ކުރުމަށް އުނދަގޫވެދާނެ އެވެ.

އާއްމުގޮތެއްގައި ޕެލްވިކް ފްލޯ ބަލިކަށިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބަނޑުވުން، ވިހެއުން، ފިރިހެނުން ޕްރޮަސްްޓޭޓް ކެންސަރު ޖެހުން، އާދަޔާހިލާފަށް ފަލަވުން އަދި ބަނޑުހަރުވުމުގެ ސަބަބުން، ބޮޑުކަމުދާއިރު މާ ބޮޑަށް ހިފުން ހިމެނެ އެވެ.

ޕެލްވިކް ފްލޯ ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ފެންނަ އަލާމާތްތައް

ޕެލްވިކް ފްލޯ މަސްތައް ބަލިކަށި ނަމަ ކެއްސާ ކިނބިހިއަޅާ އިރު ކުޑަކަމުދެވޭ

ޕެލްވިކް ފްލޯ ޑިސްއޯޑާއެއް ހުރެއްޖެ ނަމަ ތިރީގައި މިވާ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.

  • 1-

    ކެއްސާ، ކިނބިހިއަޅާ، ހޭ އިރު ނުވަތަ ދުވާ އިރު ކުޑަކަމުދެވުން ނުވަތަ ލީކްވުން

  • 2-

    ފާހަނާއަށް ނުވަދެވެނީސް ކުޑަކަމުދެވުން

  • 3-

    ގުދުވާ އިރު ނުވަތަ އެއްޗެއް އުފުލާ ވަގުތު ކުރިމަތިފަރާތުން ނުވަތަ ފުރަގަސް ފަރާތުން ވައި ބޭރުވުން

  • 4-

    ކުރިމަތިފަރާތުގެ އިހްސާސް ކުޑަވުން

  • 5-

    ޓެމްޕޮންސް ބޭނުން ކުރާ ނަމަ ހިފެހެއްޓިފައި ނުހުރުން

  • 6-

    ކުރިމަތިފަރާތް ދުޅަވެފައި ހުންނަ ގޮތަށް ފާހަގަ ކުރެވުން

  • 7-

    ކުރިމަތިފަރާތުގައި ބަރުކަމެއް އިހްސާސް ކުރެވުން

  • 8-

    ގިނަގިނައިން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން ޖެހުން

  • 9-

    ކުރިމަތި ފަރާތުގައި ރިއްސާ، ޖިންސީގުޅުން ހިންގާ އިރު ތަދު އިހްސާސް ކުރެވުން

  • 10-

     ޖިންސީ އެދުންވެރިކަން ހާސިލުނުވުން

ޕެލްވިކް ފްލޯ މަސްތައް ވަރުގަދަ ކުރުމަށް ކަސްރަތު ކުރަންވީ

ޕެލްވިކް ފްލޯ ބަލިކަށި ނަމަ ޖިންސީ އެދުންވެރިކަން ހާސިލްކުރަން އުނދަގޫވޭ

ޕެލްވިކް ފްލޯ މަސަލްތައް ވަރުގަދަ ކުރުމަށް އެންމެ މުހިއްމީ އެކަމަށް ހާއްސަ ކުރެވިފައިވާ ކަސްރަތު ކުރުމެވެ. މި މަސްތަކާ މެދު ހޭލުންތެރިވެ އަމިއްލަ އިހްތިޔާރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. ޕެލްވިކް ފްލޯ އާދަޔާހިލާފަށް ބަލިކަށި ނަމަ މި މަސްތަކުގެ ހަރަކާތްތައް ދެނެގަންނަން އުނދަގޫވެދާނެ އެވެ.

ޕެލްވިކް ފްލޯ ވަރުގަދަ ކުރުމަށް އެންމެ އާއްމުކޮށް ކުރާ އެއް ކަސްރަތަކީ ކީގެލްސް އެވެ. މިއީ އޮށޯވެ، އިށީނދެ އިނދެ، އަދި ކޮޅަށް ހުރެ ވެސް ކުރެވިދާނެ ކަސްރަތުތަކެކެވެ. 

މި ކަސްރަތު ކުރުމުގައި އަމަލު ކުރަންޖެހެނީ ބްލެޑާ ރަނގަޅަށް ހުސްކޮށް ކުރިމަތިފަރާތު މަސްތައް ރަނގަޅަށް ހިފަހައްޓާލާށެވެ. އިހްސާސް ކުރެވޭނީ ކުޑަކަމުދާން އުޅެފައި ހިފަހައްޓާލާ ކަހަލަ އިހްސާސެކެވެ. ކުޑަކަމުދާއިރު މިގޮތަށް ހެދުން ރަނގަޅު ނޫން ކަމުގައި ސިއްހީ މާހިރުން ލަފާދެ އެވެ. މިގޮތަށް ހިފަހައްޓާލާފައި 3-5 ސިކުންތަށް ބަހައްޓާށެވެ. އަދި އެއަށް ފަހު 3-5 ސިކުންތަށް ރިލޭކްސްކޮށްލާ ށެވެ.

މި ކަސްރަތު ކުރަން ދަސްކުރާ އިރު އެންމެ ރަނގަޅީ ދުވާލަކު 5-6 ސެޝަން ކުރިއަށް ގެންދިއުމެވެ. އަދި ކަސްރަތުތައް ރަނގަޅަށް ދަސްވުމުން ދުވާލަކު ތިން ސެޝަނަށް ބަދަލު ކުރެވިދާނެ އެވެ.

ބްރިޖަސް: މިއީ ޕެލްވިކް ފްލޯ މަސަލްތައް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަސްރަތެއް

ދެން އޮތީ ބްރިޖަސް ހެދުމެވެ. މި ކަސްރަތު ކުރާނީ ބިންމަތީ އޮށޯވެލައިގެން އޮވެ އެވެ. އޮށޯވެ އޮވެ ކަކޫ ލަންބާލާނީ އެވެ. އަތް ގަޔާ ކައިރީ ބާއްވާލައި އަތްތިލަ ބިންމަތީ ޖައްސާލާނީ އެވެ. މަޑުމަޑުން ބުޑުގެ މަސްތަކާ އެކު ބުރަކަށި ހިއްލާލާނީ އެވެ. ބިންމަތީގައި ޖެހިފައި ހުންނާނީ ދެ ފައި ތިލަ، އަތް އެއްކޮށް އަދި ކޮނޑާއި ބޮލެވެ. ބުޑާއި އުނަގަނޑު ހުންނާނީ ހިއްލިފަ އެވެ.

މި ގޮތަށް ހިއްލާލާއިރު ކަކުލުން ފެށިގެން ކޮނޑާ ހަމައަށް ހުންނާނީ އެއްވަރަކަށް ސީދަލަށެވެ. މިގޮތަށް 30 ސިކުންތު ވަންދެން ހިފަހައްޓާލުމަށް ފަހު އަލުން އޮށޯވެލާނީ އެވެ. މިގޮތަށް 10 ފަހަރު ހަދަންވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް