Majlis 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ސ. މަރަދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ (ފޮޓޯ/ ނަޝީދުގެ ކެމްޕެއިން ޓީމު)

ގަން އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ދޫކޮށްލާނަން: ނަޝީދު

ގަން އެއާޕޯޓްގެ ހިއްސާ ސިޓީ ކައުންސިލަށާއި އާންމުންނަށް ބަދަލުކުރާނޭ ކަމަށް ވިދާޅުވި
24 ޖެނުއަރީ 2023

ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް މިރޭ ސ. މަރަދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ވާހަކަދައްކަވަމުން ނަޝީދު ވަނީ، އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ގަން އެއާޕޯޓާއި ގުޅިގެން ގެންގުޅުއްވާ ތަސައްވުރާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

ބުނީ ކީކޭ؟-  އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ގަން އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ބައިނަލްއަގްވާމީ އެއާޕޯޓު ނަމަވެސް، މިއަދާ ހަމަޔަށް ވެސް އެ އެއާޕޯޓުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ. ކޮންމެ ވެރިއަކުވެސް އެ އެއާޕޯޓު ތަރައްގީކުރާނެ ގޮތުގެ ޕްލޭންތަކެއް ގެންގުޅުއްވިޔަސް އެއްވެސް ބޭފުޅަކަށް އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކުވެސް ވަރަށް ބައިވަރު ޕްލޭންތަކުގެ ވާހަކައާއި ދެން ހަދާނެ ގޮތުގެ ވާހަކަ އާއި މިހާރު އޮތް މަރުހަލާއާ އަންނަން އޮތް ދެން މަރުހަލާ އާއި މި ހުރިހާ ބާވަތުގެ ވާހަކަ ދައްކަވާ. އެހެންނަމަވެސް ކަންވެގެން އެތަނަށް މަތިންދާ ބޯޓު ޖެއްސޭތަން ހައްތަހާވެސް މިއޮތީ ނުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ޑިޒައިންގެ ފޮޓޯއެއް (ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ)

އެނގުން މުހިއްމު-  އަހަރަކު 1.5 މިލިއަން ފަސިންޖަރުން ހިދުމަތް ދެވޭ ފެންވަރަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުގެ ބީލަކަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރުގަ އެވެ. ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން މީގެކުރިން ބުނި ނަމަވެސް، އެ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.  

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ގަން އެއާޕޯޓު އެންމެ އަވަހަށް ތަރައްގީ ކުރެވޭނެ ގޮތަކީ، އެ އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި، އެ އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލާނީ ކައުންސިލަށާއި އާއްމުންނަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި ޕަބްލިކަށް، އާއްމުންނަށް ބަދަލުކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން. ހާއްސަގޮތެއްގައި ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ހިއްސާގެ ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދެވޭނެ އެންމެ ފަސޭހަ މަގު." ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު- ގަން އެއާޕޯޓުގައި ދިވެހި ސަރުކާރުގެ 70% ހިއްސާ އޮވެ އެވެ.  ބާކީ 30% އަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަމްޕާ ބްރަދާސްގެ މައިގަނޑު ހިއްސާ އޮންނަ ކާސާ ހޯލްޑިންގްސްގެ ހިއްސާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް