ނ. ކެނދިކުޅުދޫ ކުޅިއެއް ހުރަސްކޮށް އަތިރިމައްޗަށް ދެވޭ ގޮތަށް ބްރިޖެއް ހަދާފައި: މިއީ އާއްމުންގެ ބަޔަކު އިސްނަގައިގެން އެ ރަށުގައި ތަރައްގީކޮށް ފުޅާކުރަމުން އަންނަ އީކޯ ޕާކުގެ ބައެއް. (ފޮޓޯ/ފޭސްބުކް/ވިޒިޓް ކެނދިކުޅުދޫ)

އަތޮޅުތައް

ކެނދިކުޅުދޫ އީކޯ ޕާކުން ޗާލު އެތައް ނަމޫނާއެއް

ބަޔަކު އަމިއްލައަށް ފެށި ބޮޑު މަސައްކަތަށް އެންމެ ފަހުން އެންމެންގެ އެހީތެރިކަމާއި ބައިވެރިވުން ލިބި، ވަރުގަދަ އިޖުތިމާއީ މަޝްރޫއުއަކަށް ވަނީ ބަދަލުވެފައި

މުހިންމު ނުކުތާތައް

ކެނދިކުޅުދޫ ކުޅިއެއް އީކޯ ޕާކެއްގެ ގޮތުގައި ތަރައްގީކުރަން ފެށީ ކުޅިއަކީ މުހިއްމު ތަންތަންކަން ދައްކައިދޭން ބޭނުންވި ޒުވާނުންތަކެއް

އެ މީހުންގެ އަނެއް އުއްމީދަކީ ރަށަށް ލޯކަލް ޓޫރިޒަމް ތައާރަފްވާ އިރު އެހެން ރަށްރަށާ ތަފާތު މަންޒިލަކަށް ވެގެން ދިޔުން

އަދިވެސް ކުރިއަށްދާ އެ މަޝްރޫއުއަކީ މުހިއްމު ތަޖުރިބާތަކަކުން މުއްސަނދި އިޖުތިމާއީ ހަރަކާތެއް

އެއީ ކޮވިޑްގެ ބޮޑު ބަންދުގެ ނުތަނަވަސް ދުވަސްވަރު ދިވެހިންނަށް ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރެވެ. ނ. ކެނދިކުޅުދޫ ކުޅިއެއްގައި ލަކުޑީގެ ފާލަމަކާއި ހަޓެއް އަޅައި ހިތްފަސޭހަ މައިޒާނަކަށް ބަދަލުކޮށްލިކަން ރާއްޖެއަށް މަޝްހޫރުވެ، އެ ރަށް މަގުބޫލު މަންޒިލަކަށް ވެގެންދިޔަ އެވެ. އެކަމަކު އެހާ ހިސާބުން އެ ވާހަކަ ނިމުނީއެއް ނޫނެވެ.

އިސްނެގި ޒުވާނުން ރަށު ބަންދުން ފިލައި އެނބުރި އެ މީހުންގެ ރަސްމީ ވަޒީފާތަކަށާއި މަސައްކަތަށް ނުކުތް ނަމަވެސް، ކެނދިކުޅުދޫ ދިމާފަޅު ކުޅި އީކޯ ޕާކަކަށް ހެދުމުގެ ދެވަނަ ފިޔަވައްސެއް، އެތައް ބަޔަކު ބައިވެރިވެގެން، ކުރިއަށް އެބަ ގެންދެ އެވެ. ބޯ ގަސްތަކެއް ތެރޭ އޮތް ފެންގަނޑެއްގައި މަސް ދުވެ އުޅޭ އެ ހިތްގައިމު މާހައުލުގައި ފުރަތަމަ ކުރި ބޮޑު މަސައްކަތުގައި ގާތްގަނޑަކަށް 120 ފޫޓު ދިގު ފާލަމެއް އަޅައި ހަޓެއްގެ ހިޔަލުގައި މީހުން އިށީންނާނެ ގޮނޑިތައް ހަދައި އުނދޯންޏެއް އެލުވި އެވެ. މިހާރު، އެއަށް ވުރެ މާ ބޮޑު ތަނެއް އިތުރަށް ހަދައި ދަށުން ކެނޯ ދުއްވާލާފައި ދެވޭހާ އުސް ބްރިޖަކާއި އަލަށް ބޮޑު ހަޓަކާއި އިތުރު ޕްލެޓްފޯމްތައް އެ ތަނުގައި ވަނީ އަޅައިފަ އެވެ. އަދިވެސް އިތުރު ތަންތަން ހަދަމުންދަނީ އެވެ.

އީކޯ ޕާކުގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ހިތްފަސޭހަ މައިޒާން: މި ތަން ބަލަން އެހެން ރަށްރަށުން މީހުން ޒިޔާރަތްކުރޭ

ކޮވިޑްގެ ބަންދު ތެރޭގައި ކަމެއް ނެތިފައި ރަށުގައި ތިބެން ޖެހުނު ޒުވާނުންގެ ގްރޫޕަކުން ރަށު ތެރެއިން ތަކެތި ހޯދައިގެންނާއި އަމިއްލައަށް ހަރަދުކޮށްގެން ދަތި ގޮތަކަށް ފެށި މި 'މަޝްރޫއު' އަކީ އެންމެ ފަހުން އެންމެންގެ ބައިވެރިވުމާއި ތަރުހީބު ހޯދި ވަރުގަދަ އިޖުތިމާއީ ހަރަކާތެކެވެ. ހަމައެކަނި ކުނި އަޅަން އޮތް ގޮނޑެއް ކަމަށް ބެލެވިފައި އޮތް ކުޅިއެއް އެ ތަނުގެ ހައްގު މަގާމަށް އަނބުރާ ގެންގޮސްދިން ގަދަ ހިތްވަރެކެވެ. ޓޫރިޒަމްގެ ކަމެއް ނެތް ކެނދިކުޅުދޫގެ ކުރިމަގާ މެދު ފޮނި އުއްމީދުތަކެއް ގެނެސްދޭ މަސައްކަތެއް ވެސް މެ އެވެ.

އީކޯ ޕާކުގައި އިތުރު ޕްލެޓްފޯމްތަކަކާ އެކު ހަދައި ނިމެމުން އަންނަ ބޮޑު ހަޓެއް: ދެވަނަ ފިޔަވަހީގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް (ފޮޓޯ/ފޭސްބުކް/ވިޒިޓް ކެނދިކުޅުދޫ)

އިޖުތިމާއީ ކަންކަން ކުރާ އިރު ރަށުގައި ތިބި ހުރިހާ އެންމެން ވެސް ބައިވެރިކުރާށޭ، މިއީ ވިޔާނުދާ ކުއްޖެކޭ، މީނަ ނުލާނަމޭ އެހެން ނުބުނާށޭ، އެ ކުއްޖާއަށް ވެސް އޭނާއަކީ މުހިއްމު މީހެއްކަން ވިސްނައިދީގެން، ބައިވެރިކޮށްގެން ކުރާށޭ

ހުސެއިން އިރުޝާދު

ކުނި އަޅަން ޖެހިލުންވާހާ ފުރިހަމަ ރީތިކަމެއް

ކެނދިކުޅުދޫ އީކޯ ޕާކު ހަދަން އިސްނެގި ޒުވާނުންނަށް ފެންނަމުންދިޔައީ ރަށުގެ އެންމެ އަގުހުރި ވަސީލަތްތައް އަޅާނުލައި ދޫކޮށްލެވިފައި ހުރި ތަނެވެ. އޭގެ ތެރޭގައި އެއްބަނޑު އެއްބަފާ ތިން ބެއިން ހިމެނެ އެވެ. އެކަކީ އަލީ އިރުހާމެވެ. އޭނާ ބުނިގޮތުގައި އެ މީހުން ބޭނުންވީ ކެނދިކުޅުދޫގައި ހުރި "ރަށްރަށް ވަރުވާ" ބޮޑެތި ކުޅިތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ ގޮތް ހަދާށެވެ.  

"ކެނދިކުޅުދޫގައި، މި އޮތް ދިގު ޒަމާންވީ އިރު ވެސް ކުޅިތައް އަޅުގަނޑުމެންނަށް ފެނުނީ މީހުން ކުނި އަޅަން ގެންގުޅޭ ގޮނޑެއް ގޮތަށް. ކުނި އަޅައިގެން ރަށްރަށުން މޫދުން ބާޑީ ހިއްކި ގޮތަށް ކުޅި ހިއްކާ ތަން އަޅުގަނޑުމެންނަށް ފެންނަނީ،" އީކޯ ޕާކު ހަދަން ފައިސާ ހޯދުމާއި އިދާރީ ކަންކަން ބަލަހައްޓައި ތަން އިޝްތިހާރުކުރުމުގެ މަސައްކަތްކުރާ އިރުހާމް، 27، ބުންޏެވެ.

"ބައެއްގެ ވިސްނުން އޭރުގައި ހުރި އެ ތަންތަން ހިއްކަން ވެސް. އެކަމަކު އޭރުގައި ކުޅިތައް ހިއްކި ނަމަ މިއަދު އަޅުގަނޑުމެން ހިތާމަކުރާނެ." 

ވަށައިގެން ތަކަފައްޗާއި ކަނޑުލާއި ބޮނޑަވަކި ގަސް ބޯކޮށް ހެދި، ތިލާޕިއާ އާއި ބޭންގު ފަދަ މަސް "ފުނިޖެހިފައި" އޮންނަ ދިމާފަޅު ކުޅިން އިރުހާމަށް މިހާރު ފެންނަނީ ކުދިބޮޑު މީހުން ހިތްއުފާކުރާ މަންޒަރެވެ.

"ޖެޓީ މައްޗަށް މީހަކު އަރާލިޔަސް މަސްތައް އައިސް ކައިރީގައި ހަމަ އޮލަވާނެ. މިހާރު ކުޑަކުދިން އެ ކަންތައް ވަރަށް އެންޖޯއީކުރޭ،" ކުރިން ރަށު ކައުންސިލްގައި ވަޒީފާ އަދާކުރުމަށް ފަހު މިހާރު ފޮޓޯގްރާފަރެއްގެ ގޮތުގައި ރިސޯޓެއްގައި މަސައްކަތްކުރާ އިރުހާމް ބުންޏެވެ.

ކުޅި ތެރޭގައި ތިލާޕިއާ މަސް ދުވަނީ: މިއީ ދިރުންތަކުން މުއްސަނދި މާހައުލެއް

ތަކަފަތި ގަސްތަކުގެ ރީތި މޫތަކުގެ ތެރެއިން ގެންގޮސްފައި އޮންނަ ޕްލެޓްފޯމުން ތަފާތު އިހުސާސެއް ގެނެސްދެ އެވެ. ކުޅީގައި ހަދާފައިވާ ގޮނޑިތަކާއި އުނދޯއްޔާއި ޖޯލިފަތީގައި މީހުންނަށް ވާހަކަދައްކާލަން ތިބެވެ އެވެ. 

އެއީ ރަށެއްގެ ނިސްބަތުން، އަދި އަމުދުން އާއްމުންގެ ބަޔަކު އަމިއްލައަށް އިސްނަގައި ހިލޭސާބަހަށް ކުރަން، ވަރަށް ބޮޑު މަސައްކަތެކެވެ. ފުރަތަމަ ފިޔަވަހީގައި ހެދި ބަޔާ 300 ވަރަކަށް ފޫޓު ދުރުން ކުޅި ސަރަހައްދަށް ވަދެވޭނެ އިތުރު ތަނަކާއި ކުޅި ވަށައިގެން ކަހަލަ ގޮތަކަށް އެކި ވައްތަރުގެ އިތުރު ޕްލެޓްފޯމްތައް ދެވަނަ ފިޔަވަހީގައި ވަނީ ހަދައިފަ އެވެ. ދަށުން ކެނޯ ދުއްވާލާފައި ދެވޭ ގޮތަށް ހަދާފައިވާ ބްރިޖު މަތިން ކުޅި ހުރަސްކޮށް ހިނގާލާފައި ގޮސް ފުއްޓަރު ފަރާތު އަތިރިމައްޗަށް ފޭބެ އެވެ. އާއިލީ ހަފްލާއަކަށް ނުވަތަ ރަސްމީ ބައްދަލުވުމަކަށް އެއްފަހަރާ ތިރީހަކަށް މީހުންނަށް ތިބެވޭ ވަރުގެ އާ ހަޓެއް ގާތްގަނޑަކަށް ނިމިފައި އެބަ ހުއްޓެވެ. އަދިވެސް އިތުރު ބައިތައް ހަދަމުން އަންނަ އިރު، އޭގެ ތެރޭގައި ބާބެކިއު ހަދާލެވޭނެ ތަނެއް ވެސް ހިމެނެ އެވެ.

ކުޅި ތެރޭ ހަދާފައިވާ ބްރިޖު ކައިރިން ދެ ކުއްޖަކު ފަލި ޖަހާފައި ދަނީ

ފުރަތަމަ މަލާމާތް، ފަހުން އެންމެންގެ ބައިވެރިވުން

އީކޯ ޕާކު ޑިޒައިންކޮށް ކުރެހުމުގެ މޭސްތިރިޔަކީ އިރުހާމްގެ ފަންނުވެރި ބޭބެ ހުސެއިން އިރުޝާދެވެ. އިރުޝާދުގެ ސިކުނޑީގައި އޮތީ ކެނދިކުޅުދޫ މެންގްރޯވްތަކަކީ މުހިއްމު ތަންތަންކަން އަންނަން އޮތް ޖީލުތަކަށް ދައްކައިދިނުމުގެ ބޭނުންތެރިކަމެވެ. އެކަމަކު އެއީ ރަށުގެ އެހެން ބައެއް މީހުންގެ ބުއްދިއަށް ކުރިން ވިސްނިފައި އޮތް ކަމެއް ނޫނެވެ. އިރުޝާދުމެން ކުޅި ރީތިކުރަން އުޅެނީ "ކޮން މޮޔައެއް ވެގެން" ހެއްޔޭ އެއް ބަޔަކު ސުވާލުކުރި އެވެ. ކެނދިކުޅުދޫގައި ކުޅި ހުރިކަން ދިވެހިންނަށް އެނގޭ ކަމަށާއި އެ ތަންތަން ބަލަން އަންނާނެ މީހަކު ނުވާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑު ބުނިން ފުރަތަމަ އަންނާނީ ދިވެހިންނޭ، އޭގެ ފަހުން އަންނާނީ ގެސްޓުންނޭ، ދެން އަޅުގަނޑުމެންގެ މައިންބަފައިން މި ފަޅާ މަދުކޮޅާއި އެއްޗެހި ވެސް ގަނެލައިގެންނޭ އެ މީހުން ދާނީ، ރަށަށް އާމްދަނީ ލިބެން ފަށާނެއޭ،" ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްކުރާ އިރުޝާދު، 35، ބުންޏެވެ.

"އެ ބޭފުޅުން އޭރު އަޅުގަނޑުމެންނަށް މަލާމާތްކުރި. އެކަމަކު މިއަދު އަޅުގަނޑުމެންގެ ފަހަތުގައި އެ ބޭފުޅުން ވެސް އެބަ ތިބި." 

ޕާކު ޑިޒައިންކުރާ ހުސެއިން އިރުޝާދު (ވ) އޭނާގެ ކޮއްކޮ އިހުސާން މުސްތަފާއަށް ކުރެހުމެއް ދައްކާލަނީ

މަސައްކަތް ފަށައިގަންނަން ބޭނުންކުރީ ރަށުގައި ފެނަކައިގެ އިމާރާތެއް އަޅަން ބޮޑު ސަރަހައްދަކުން ކަނޑާލި ގަސްތައް ހޯދައިގެން ކީހި ލަކުޑި އެވެ. އިރުހާމް ބުނިގޮތުގައި ކެނދިކޮޅު އަވަށުގެ 15 ވަރަކަށް ޒުވާނުން ގަދަޔަށް މަސައްކަތްކުރި ފުރަތަމަ ފިޔަވަހީގައި ހުރީ "ރަށު ތެރޭގައި ސަލާން ޖަހައިގެން އެއް ގެއިން އެސްލޯނު ހޮޅިކޮޅެއް، އަނެއް ގެއިން ސިމެންތިކޮޅެއް، އަނެއް ތަނަކުން ލަކުޑިކޮޅެއް ހޯދައިގެން" ގޮސް ސީދާ އެ މީހުން ކުޅިއަށް އެރިގެން ހެދި ތަންތަނެވެ.

ކުޅީގައި ފުރަތަމަ ޕްލެޓްފޯމް އެޅުމަށް 18 ޖުލައި 2020ގައި ކަޑަ ޖަހަނީ: މިއީ ފެށުން. (ފޮޓޯ/ފޭސްބުކް/ކެނދިކުޅުދޫ އީކޯ ޕާކްސް)
ފުރަތަމަ ފިޔަވަހީގެ ތަންތަން ހެދުމުގައި ބައިވެރިވި ކެނދިކޮޅު އަވަށުގެ ޒުވާނުން މަސައްކަތުގައި (ފޮޓޯ/ފޭސްބުކް/ކެނދިކުޅުދޫ އީކޯ ޕާކްސް ޕްރޮޖެކްޓް)

ދެވަނަ ފިޔަވަހި ތަފާތެވެ. ބަޖެޓުގައި ހިމަނައިގެން ކައުންސިލުން މި ފިޔަވައްސަށް ތަކެތި ފޯރުކޮށްދެ އެވެ. އަމަލީ މަސައްކަތްތަކުގައި މިހާރު އިސްކޮށް ހަރަކާތްތެރިވަނީ ރަށުގައި ހިންގާ ސަރުކާރުގެ މަޝްރޫއުތަކުގައި އުޅޭ މީހުންނެވެ. އެއީ އެ މީހުންގެ ރަސްމީ މަސައްކަތުން ލިބޭ ހުސް ދުވަސްތަކުގައި ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތެވެ. 

އީކޯ ޕާކު ހެދުމުގައި މިހާރު އަމަލީ ގޮތުން ހަރަކާތްތެރިވާ މީހުން މަސައްކަތުގައި ކުޅި ތެރޭ

އެ އެއްބާރުލުމަކީ ޒުވާނުންގެ ގްރޫޕު އަމިއްލައަށް އިސްނަގައިގެން ދެއްކި ޖޯޝުން އެހެން މީހުންނަށް ލިބުނު ހިތްވަރެވެ. އެކަމަކު ކައުންސިލާއި ބައެއް ވިޔަފާރިތަކާއި ޖަމާއަތްތަކުގެ އެހީއަށް ވުރެ ކުރިން، ތަން ފެންނަން ފެށި ހިސާބުން، އާއްމުންގެ ޝައުގުވެރިކަމާއި ތަރުހީބު ލިބެން ފަށައިފި އެވެ. ފުރަތަމަ ފިޔަވަހި ނިމެން ކައިރިވަމުންދިޔަ ވަރަކަށް، އެކަމުގައި ބައިވެރިވާ މީހުން އިތުރުވި އެވެ. ގޭގެއިން ކެއުން ގެންގޮސްދޭން ފެށި އެވެ. މިހާރު، އުމުރުން ދުވަސްވީ މީހުން ވެސް، އެ މީހުންގެ އިނާޔަތުގެ ފައިސާއިން ހަރަދުކޮށްގެން ތަކެތި ފޯރުކޮށްދެ އެވެ. ކުދިބޮޑު މީހުން ނުކުމެ ތަން ސާފުކޮށްދެ އެވެ. އަމަލީ މަސައްކަތްތަކުގައި ބައިވެރިވެ އެވެ.

ޓޫރިސްޓުން ރަށަކަށް ގެންނަންޏާ އެ ރަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ. އެހެންވީމާ އަޅުގަނޑުމެން އެކަން މި ފެށީ

އަލީ އިރުހާމް
އީކޯ ޕާކުގެ ސަރަހައްދެއް ކުނިކަހައި ސާފުކުރުމުގެ މަސައްކަތުގައި އަންހެނުން: މިއީ މިހާރު ގިނަ ބަޔަކު ބައިވެރިވާ މަޝްރޫއުއެއް (ފޮޓޯ/ފޭސްބުކް/ކެނދިކުޅުދޫ އީކޯ ޕާކްސް)
އީކޯ ޕާކު ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއް ސާފުކުރުމުގެ މަސައްކަތުގައި ދެ މީހަކު ބައިވެރިވަނީ (ފޮޓޯ/ފޭސްބުކް/ކެނދިކުޅުދޫ އީކޯ ޕާކްސް ޕްރޮޖެކްޓް)
ހަސަން ހިލާލް: ޕާކަށް ޖެހިފައިވާ ލޯތްބާ އެކު އަމިއްލައަށް އެ ތަން ކުނި ކަހައި ސާފުކުރާ ޒުވާނެއް.

މަސައްކަތް ރާވައި މަސައްކަތަށް މީހުން ނެރެ، ހިތްވަރުދިނުމުގައި އިސްކޮށް ހުރި މުހައްމަދު ސުޖާއު އާއި އިތުރު ހިޔާލުތަކުން މަޝްރޫއު މުއްސަނދިކޮށްދޭ އެއްބަނޑު އެއްބަފާ އިހުސާން މުސްތަފާއާ އެކު އިރުޝާދާއި އިރުހާމް ތިބީ އީކޯ ޕާކުގެ ކުރިއަށް ހުރި ބައިތައް ވެސް އެންމެންނަށް ދައްކާލުމުގެ އިންތިޒާރުގަ އެވެ.

އޭރުގައި ކުޅިތައް ހިއްކި ނަމަ މިއަދު އަޅުގަނޑުމެން ހިތާމަކުރާނެ

އަލީ އިރުހާމް
މަޝްރޫއުގައި އިސްކޮށް އުޅޭ މީހުންގެ ތެރެއިން (ކ-ވ) އަލީ އިރުހާމް، ހުސެއިން އިރުޝާދު އަދި މުހައްމަދު ސުޖާއު

އިރުޝާދު ފާހަގަކުރި ގޮތުގައި އެ ތަންތަން ހަދަމުންދާ އިރު އެ މީހުން އެންމެ ބޮޑަށް ބަލަނީ ކުޅީގެ މާހައުލަށާއި ދިރުންތަކަށް ގެއްލުމެއް ނުދީ އެކަން ކުރުމަށެވެ.

"އެއަށް ވުރެ ބޮޑު އިސްކަމެއް އަޅުގަނޑުމެން އެހެން އެއްވެސް ކަމަކަށް ނުދެން،" އޭނާ ބުންޏެވެ.

ލޯކަލް ޓޫރިޒަމަށް ބޮޑު އުއްމީދެއް

ދިވެހިން ޗުއްޓީ ހޭދަކުރާ ގޮތް ކޮވިޑާ އެކު ކޮންމެވެސް ވަރަކަށް ބަދަލުވެ، އަތޮޅު ތެރެއަށް ދަތުރުކުރުން އިތުރުވި ދަނޑިވަޅުގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަން ފެށި އެއް ރަށަކީ ކެނދިކުޅުދު އެވެ. އޭގެ އަސްލަކަށް ވީ ސޯޝަލް މީޑިއާ އިން ފެންނަމުންދިޔަ ފޮޓޯތަކެވެ. އިރުޝާދު ބުނިގޮތުގައި ޕާކު ބަލަން މީހުން އެ ރަށަށް ގޮސް، އެ ތަނުގައި ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ފޮޓޯ އަޅާ ވަރަކަށް އިތުރު މެހުމާނުން ރަށަށް ދަތުރުކުރެ އެވެ. އޭގެ ތެރޭގައި ރ. އުނގޫފާރާއި ޅ. ނައިފަރާއި ކުރެންދޫން ދާ މީހުން ހިމެނެ އެވެ. 

"ފެނުނީމަ، ނުފެންނަ މީހުންނަށް އެ ވާހަކަ ކިޔައިދިނީމަ، ދެކެން ބޭނުންވެގެން ހަމަ އަންނަނީ. އަޅުގަނޑުމެން ކައިރީ އެ މީހުން ވަރަށް ގިނައިން ކިޔާ ހާދަ ވަރުގަދަ މަސައްކަތެކޭ މިއީ. ދެން އަޅުގަނޑުމެން އަމިއްލައަށޭ މިކަން ފެށީ، އަޅުގަނޑުމެން އަމިއްލައަށް އެއްޗެހި ހޯދައިގެންނޭ ބުނީމަ އެ މީހުން ހަމަ އަންތަރީސް ވެގެންދޭ،" އިރުޝާދު ބުންޏެވެ.

ފުރަތަމަ ފިޔަވަހީގައި އެލުވާފައިވާ އުނދޯލީގައި ކުޑަކުއްޖަކު އިށީނދެލައިގެން: މި ތަން ބަލައިލަން އެހެން ރަށްރަށުން މީހުން ޒިޔާރަތްކުރޭ.

މަތީ ފެންވަރުގެ ރިސޯޓުތައް ހުރި އަތޮޅެއްގައި އޮތް ކެނދިކުޅުދުއަކީ ރަސްމީ ސިފައެއްގައި ޓޫރިޒަމް އޮތް ރަށެއް ނޫނެވެ. ހަދަމުން އަންނަ އެންމެ ތަނެއް ފިޔަވައި ގެސްޓް ހައުސްއެއް ނެތެވެ. ކެނދިކުޅުދޫ ކުޅިތަކުގެ ބޭނުންހިފޭނެ ގޮތް ހެދުމަށް އިސްނެގި ޒުވާނުންގެ އުއްމީދަކީ، ރަށަށް ލޯކަލް ޓޫރިޒަމް ތައާރަފްވާ އިރު، އެހެން ރަށްރަށާ ތަފާތު މަންޒިލަކަށް ވެގެން ދިޔުމެވެ. އީކޯ ޓޫރިޒަމަށް ވެސް ފުރުސަތު ހުޅުވިފައި އޮތުމެވެ.

"ޓޫރިސްޓުން ރަށަކަށް ގެންނަންޏާ އެ ރަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ. އެހެންވީމާ އަޅުގަނޑުމެން އެކަން މި ފެށީ،" އިރުހާމް ބުންޏެވެ.

އިގްތިސޯދީ ފޮނި އުއްމީދު އޮތް މަޝްރޫއު ޖަރީވެފައި ވަނީ އިޖުތިމާއީ ނަމޫނާތަކުންނެވެ. އިރުޝާދަށް އެންމެ ބޮޑު އެއް ފިލާވަޅަކީ އިޖުތިމާއީ ހަރަކާތްތަކުގައި އެންމެންނަށް މަރުހަބާ ކިޔުމުގެ ހެޔޮ އަސަރެވެ. އޭނާ ބުނިގޮތުގައި އެ މީހުން މަސައްކަތްކުރީ ވަޒީފާއެއް ނެތިފައި ރަށުގައި "ހޭލަމޭލައަށް" އުޅޭ ޒުވާނުން ވެސް ބައިވެރިކޮށްގެންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރަށުގެ އެހެން ބައެއް ތަންތަނަށް ކުރިން ވެފައި ހުރި ގޮތާ ހިލާފަށް، އީކޯ ޕާކު ހަލާކުރާނެ ބަޔަކު ނޫޅެ އެވެ.

"ހުރިހާ ކުދިން ވެސް އެއީ ވަރަށް މުހިއްމު ތަނެއްގެ ގޮތުގައި ދެކިގެން ބަލަހައްޓާ،" އިރުޝާދު ބުންޏެވެ.

"އެހެންވީމާ މި މެސެޖު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވެސް ދޭން އަޅުގަނޑުމެން ބޭނުންވޭ. އިޖުތިމާއީ ކަންކަން ކުރާ އިރު ރަށުގައި ތިބި ހުރިހާ އެންމެން ވެސް ބައިވެރިކުރާށޭ، މިއީ ވިޔާނުދާ ކުއްޖެކޭ، މީނަ ނުލާނަމޭ އެހެން ނުބުނާށޭ، އެ ކުއްޖާއަށް ވެސް އޭނާއަކީ މުހިއްމު މީހެއްކަން ވިސްނައިދީގެން، ބައިވެރިކޮށްގެން ކުރާށޭ."

ކެނދިކުޅުދޫން މި ފެންނަނީ ޗާލު މަންޒަރެއް އެކަންޏެއް ނޫނެވެ. ތަފާތު ތަޖުރިބާތަކަކުން މުއްސަނދިވެގެންވާ އިޖުތިމާއީ މަޝްރޫއުއެކެވެ. އިސްނެގުމާއި ހުނަރުވެރިކަމާއި ރަށު ލޯބީގެ ނަމޫނާއެކެވެ. 

ކޮމެންޓް (2)

ޢަލީ

5 ޖޫން 2022
ތަރައްޤީއަށް ތިޔަކުރާ ހިތްވަރު ގަދަ މަސައްކަަތަށް ހަމަ ސާބަސް
0 0

މުޙައްމަދު

3 ޖޫން 2022
އަތޮޅުތަކުގެ ތެރެއިން ތި ގެންނަ ސަޅި ސަޓޯރީތައް ވަރަށް ކަމުދޭ. ސަޅި
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް