ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް 16 މާޗު 2022 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލިސް)

ބޯހިޔާވަހިކަން

މާލޭ މީހުންގެ ގޯތިތަކަށް ފަހު އަސްލަމް ގެންނަވަން ބޭނުންވާ ބަދަލު

އަސްލަމް ގެންދަވަނީ ދެ ބަދަލެއް ގެންނަން ވެއްޖެކަން ފާހަގަކުރައްވަމުން — ހިލޭ ގޯތި ދިނުން ހުއްޓާލުމާއި ހުރިހާ އެންމެންނަށް ހުރިހާ ރަށެއް ހުޅުވާލުން

މުހިންމު ނުކުތާތައް

އަސްލަމް އެ ހުށަހަޅުއްވަނީ ދެމެހެއްޓެނިވި ގޮތުގައި ބިން ބޭނުންކުރުމަށް މުހިއްމު ކަންކަން

ރަށްރަށުގެ މީހުން ބިންވެރިކަމުގެ ބަދަލުގައި ގެދޮރުވެރިކަމާ ދިމާލަށް ގެންދާ ތަން މިހާރު ވެސް ފެނޭ

ރަށްރަށުގައި ހިއްކާ ބިންތަކުން މިންވަރެއް އެހެން ރަށްރަށްރަށުގެ މީހުންނަށް ވިއްކުމަށް އޮތީ ނިންމާފައި

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ޕްރެޝަރަށް ދޫދެއްވުމެއް ނެތެވެ. މާލެ އިން 5،000 ގޯތި ދޭނީ، އެހެން ރަށްރަށުން ހިޖުރަކޮށް މާލޭގައި 20-40 އަހަރަށް ދިރިއުޅެމުންދާ މީހުން ވެސް ބާކީކޮށް، ހަމައެކަނި ރަސްމީ މާލޭ މީހުންނަށެވެ. އަދި މާލެ ސަރަހައްދުގެ އަގުހުރި ބިމުން އެ  ގޯތިތައް ދޫކުރާނީ ވެސް ހިލެ އެވެ.

އެކަމަކު އޭގެ އަނެއްކޮޅުން، ޒަމާންވީ އާދަކާދަ އާއި ސިޔާސަތު ބަދަލުކުރުމަށް ވެސް އަސްލަމް ގެންދަވަނީ ހުށަހަޅުއްވަމުންނެވެ — މިހާރު އޮތް، އެހެން ރަށްރަށުގެ މީހުންނަށް ގޯތި ނުދިނުމުގެ ވިސްނުމާއި ހިލޭ ގޯތި ދިނުމުގެ އުސޫލެވެ.

މާލޭގެ ގޯތީގެ ސްކީމުގައި އެހެން ރަށްށަށުގެ މީހުން ބައިވެރި ނުކުރާ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވަނީ ރަށުން ބޭރު މީހަކަށް ގޯތި ނުދިނުމުގެ އާދަކާދައެއް ރާއްޖޭގެ އެހެން ރަށްރަށުގައި ގެންގުޅުމެވެ. އެކަމަކު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ އެކި ފަހަރު މަތިން އަސްލަމް ދައްކަވާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި އެ ވިސްނުމާއި ހިލޭ ބިން ދިނުން ވެސް ނިމުމަކަށް އަންނަން ވެއްޖެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ރާއްޖޭގައި ބިން ހައްތަހާ ތަދުވެގެން އިތުރު މައްސަލަތަކެއް ނުނުކުންނާނެ ގޮތަށް ސިޔާސަތު ބައްޓަންކުރުމަށެވެ. 

"މީހުންގެ އާބާދީ ގިނަވަމުން، ގިނަވަމުން ގޮސް ވަކި ތަނަކަށް ވަކި ވަރަކަށް ވުރެ އިތުރު ވެއްޖެއްޔާ ދެން އެ ތާކު ނުހުންނާނެ ދޭނެ ތަނެއް. ދެން ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެކަން ކުރަން ވަރަށް ދަތިވާނެ،" އަސްލަމް މިދިޔަ މަހު އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން ވިސްނީ މި ވަގުތަށް އެބަ ޖެހެއޭ މާލޭގެ ރައްޔިތުންނަށް އަސްލުގައި ވެސް ހަމަ ލިބެން ހުރި މިންވަރަކުން ގޯތި ދޭން." 

ނަަމަވެސް ޖެހިގެން އައި ހަފްތާގައި އަސްލަމް ރައްޔިތުންގެ މަޖިލީހުގައި، "މިއީ އަޑުއަހަން އުނދަގޫ ވާހަކައަކަށް ވެދާނެ" ކަން ފާހަގަކުރައްވައި، ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އޮތް ހިލޭ ގޯތި ދޫކުރުމުގެ ސިޔާސަތު ބަދަލުކުރަން ވިސްނަންވެއްޖެ އެވެ. އެއީ ރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ކުރާ ކަމެއް ނޫން ކަމާއި ރާއްޖޭގައި ބިން އޮތް "އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު" ނަމަވެސް މިހާރު އެ އުސޫލަކީ ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމަށް އޮތް ހުރަހެއްކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"ރަށްރަށް ފުރިގެން އަބަދު ހިއްކަމުން ގޮސް ހިއްކާނެ ޖާގަ ހުސްވާ ހިސާބު ވެސް އަންނަނީއޭ. އަބަދަކު ނުވެސް ހިއްކޭނެ. ދިވެހިރާއްޖޭގެ އާބާދީ އިތުރުވަމުންދާނެ. ވިޔަފާރި ވެސް ބޮޑުވަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ދައްކަވަމުން ގެންދަވާ އަނެއް ވާހަކައިގައި އޮތީ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމެވެ.

"ހުޅުވާލެވޭ ހިސާބެއް އެބަ އަންނަން ޖެހޭ. މި އެއް ގައުމަކަށް ވެސް ވާން އެބަ ޖެހޭ،" މިދިޔަ މަހު 24ގައި މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިން އަސްލަމް ވިދާޅުވި އެވެ. އޭނާ ދެން ފާހަގަކުރެއްވީ ގައުމެއްގައި ރައްޔިތަކަށް ބިން ހޯދުމުގެ ފުރުސަތު ނުދޭ ތަނެއް އޮތުމަކީ ވެސް ރާއްޖެ ފިޔަވައި "ދުނިޔޭގެ އެއްވެސް ގައުމެއްގައި ވާ ކަމެއް ނޫން" ކަމެވެ. އަދި "ރަށުގެ ގޮނޑުދޮށުން ނެއްޓި، އެހެން ދިވެހި ރައްޔިތުންނަށް ވެސް އެ ރަށުގެ ބިން، އެ ރަށުގައި ދިރިއުޅެވޭނެ ގޮތް ހަދަން" ވެއްޖެ ކަމަށް ވެސް، މަޖިލީހުގައި 2020ގެ ފަހުކޮޅު، އަސްލަމް ވިދާޅުވެފައިވެ އެވެ.

ގެންނަން ޖެހިފައި އޮތް ބަދަލެއް

ހުރިހާ އެންމެންނަށް ހުރިހާ ރަށަކުން ފުރުސަތު ލިބެންވާނެކަން، މާލެއިން މިހާރު ދޫކުރަން އުޅޭ ގޯތިތަކާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ވެސް، ބައެއް މީހުން ފާހަގަކުރެ އެވެ. އަދި ގެދޮރުވެރިކަމަށް ފަރުދުންނަށް ބިން ދިނުން ނުވަތަ ހިލޭ ގޯތި ދޫކުރުން ހުއްޓާލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވާން ފެއްޓެވުމުގެ ކުރިން ވެސް އެއީ ކޮންމެވެސް ވަރަކަށް ދެކެވެމުން އައި ވާހަކައެކެވެ.

ގުޅުން ހުރި ދާއިރާއަކުން ސަރުކާރުގެ އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅަކު ގަބޫލުކުރައްވާ ގޮތުގައި ބޯހިޔާވަހިކަމަށް ބިން މިލްކުކޮށްދިނުން ކުރިއަށް ގެންދިޔުުމުގެ ނަތީޖާއަކަށް ވާނީ މާލެއަށް ދިމާވި ބިން ހުސްވުމުގެ ހާލަތު އެހެން ހުރިހާ ރަށެއްގައި ވެސް ތަކުރާރުވުމެވެ. އަދި އޭނާ ވެސް ވިދާޅުވީ އެންމެ ފަހުން ރާއްޖޭގެ ހުރިހާ ހިކިފަސްތަނެއް މީހުންގެ އަމިއްލަ ބިންތަކަކަށް ވެ، ދެން އަންނަ ޖީލުތަކުގެ ގެދޮރުވެރިކަމަށް ދައުލަތުން ބޭނުންކުރާނެ ތަންކޮޅެއް ނޯންނާނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެހެން ގައުމުތަކުގައި ގެދޮރުވެރިކުރުމަށް ގެންގުޅެނީ 50-100 އަހަރުގެ ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލުތަކެވެ. މީހަކު ގެއެއް ގަތަސް އެ ގެއެއްގެ ބިން މިލްކުކޮށް، ބިމަށް ބަދަލު ގެނެސް، ވިޔަފާރިކޮށް ހެދޭކަށް ނޯންނާނެ އެވެ.

"އެހެންވީމާ އެއީ އަބަދުވެސް ދައުލަތުގެ ބިމެއް. އޭނާގެ މިލްކަކީ ގެ. އެ ތަނުން ބިން ކުދިކޮށް، ބިމުގެ ބައެއް ވިއްކާ، އެހެނެއް ނެހެދޭނެ އެހެން ގައުމުތަކަކު،" މަސްލަހަތަށްޓަކައި ނަން ނުޖަހަން ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ. "އެކަމަކު މި ރާއްޖޭގައި ވާ ގޮތަކީ ބިން ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ދިނީމާ ނިސްބަތުން ކުޑަކުޑަ ލާރިކޮޅެއް ދައްކާފައި އޭތި އަމިއްލަކޮށްލެވޭ އަދި ބަހާ ވެސް ލެވޭ ބޭނުން ސައިޒަކަށް ހަދާލާފައި."

އޭނާ އެ ވިދާޅުވި ގޮތަށް، ދިރިއުޅެން ދޫކޮށްފައި އޮންނަ ބަންޑާރަ ގޯތި އަމިއްލަކުރާ ހިސާބުން އެ ބިމަށް އޮތީ އެ މީހަކު ބޭނުން ގޮތެކެވެ. މާލޭގައި ނަމަ އެންމެ ފައިދާ ހުރި ކުލީގެ ވިޔަފާރި ކުރުމެވެ. ގޯތިވެރިންނަށް ނަފާ ބޮޑު، އެކަމަކު މާލޭގައި އަމިއްލަ ގެދޮރު ނެތް މީހުންގެ ދިރިއުޅުން ބޮޑު ތަކުލީފަކަށް ހަދާފައިވާ ވިޔަފާރިއެކެވެ. 

ސިނަމާލެ ބުރިޖު ހުރަސް ކޮށްފައި ހުޅުމާލެއިން މާލެއަށް އަރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަސްލަމް ވެސް މިފަހުން ވަނީ މާލޭގެ ގޯތިތަކުން ކުރާ ވިޔަފާރިއަށް އިޝާރާތްކުރައްވައި ވާހަކަދައްކަވައިފަ އެވެ. ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ބޮޑުވުމުގެ ޝަކުވާއަށް ރައްދުދެއްވަމުން އެމްޑީޕީގެ ކޮންގްރެސްގައި އޭނާ ވިދާޅުވީ މީހެއްގެ ބޯހިޔާވަހިކަމުގެ ބޭނުން ފުއްދުމަށް ނަގާ ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކުރަން ތާއީދުކުރެއްވި ނަމަވެސް މާލޭގައި ގެދޮރު އިމާރާތްކުރަން ނަގާ 10-12 މިލިއަން ރުފިޔާގެ ލޯނުތަކަކީ ގެދޮރުވެރިކަމުގެ ލޯނު ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ، އޭނާ ވިދާޅުވި ގޮތުގައި، ވެރިމީހާގެ ގެދޮރުވެރިކަމުގެ ބޭނުން ވެސް އޭގެ ތެރެއިން ފުއްދޭ، ވިޔަފާރިއެކެވެ.

"ލޯނުން ލޯނު އަނބުރާ ދައްކާ. އެހެންވެއްޖެއްޔާ އެއީ ވިޔަފާރިއެއް. އެއީ ހައުސިންއެއް ނޫން،" އަސްލަމް ވިދާޅުވި އެވެ. 

"ހައުސިންއަކަށް މީހަކު ބޭނުމެއް ނުވާނެ 10 މިލިއަން ރުފިޔާގެ ލޯނެއް. ހައުސިންއަށް ބޭނުންވާނީ އެންމެ ގިނަވެގެން ދޮޅު މިލިއަން، 2 މިލިއަން ރުފިޔާގެ ލޯނެއް. އެއީ އެ މީހާގެ ހައުސިން. ދެން ހުންނާނީ އެ މީހާ ކޮމާޝަލީ އެއިން ކުރާ ކަމެއް."

އެކަމަކު މާލޭގެ ގޯތިން ވިޔަފާރިކުރުމުގެ ރަނުގެ ފުރުސަތު، އަލަށް ދޫކުރާ 5،000 ގޯތީގެ ވެރިންނަށް ވެސް، މިހާރު ކަން އޮތް ގޮތަށް ބަލާ އިރު، ހަމަ ލިބޭނެ އެވެ. 

"ބަންޑާރައިން ދީފައި ހުންނަ ގޯއްޗަކީ ވެސް އަސްލުގައި ދިރިއުޅުމަށްޓަކައި ދީފައި ހުންނަ ގޯތި،" އަސްލަމް މިދިޔަ މަހު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ. "އެހެން ނަމަވެސް އެއްވެސް އިރެއްގައި އެހެން ކަމެއް ކުރުން މަނަލެއް ވެސް ނުވެސް ކުރޭ. އެކަން އޮންނަނީ ހަމަ ކުރެވޭ ގޮތަށް." 

ބިމުގެ ބަދަލުގައި އެހެން ގޮތްތަކެއް އޮންނާނެ

ހިލޭ ގޯތި ދިނުން ހުއްޓާލުމުގެ މާނައަކީ އާއްމުން ބޯހިޔާވަހިކަމަށް ބިން ގަންނަން ޖެހުމެއް ނޫނެވެ. އެއާ އެކުއެކީގައި، ގެދޮރުވެރިކުރުމުގެ ވަށައިޖެހޭ ސިޔާސަތެއް ވެސް ސަރުކާރުން ތަންފީޒުކުރަން ޖެހޭނެ އެވެ.

އަސްލަމް އެކި ފަހަރު މަތިން ދައްކަވާފައިވާ ވާހަކަތަކުގެ ޖުމްލަ ހުލާސާއަކީ މި އެވެ: ދިވެއްސެއް ނަމަ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފުރުސަތު އޮންނަންވާނެ އެވެ. އެކަމަކު ހިލޭ ބިން ދީގެން ނުވާނެ އެވެ. އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކެއް ހަމަޖައްސާފައި ހުންނަން ޖެހޭނެ އެވެ.

"އެންމެންނަކަށް އެއް ހައްލަކުން ނުފުދޭ. އެހެންވީމާ ބައެއް މީހުންނަށް، އެއީ މާކެޓުގައި ލިބެން ހުންނަ، ބިނާކޮށްފައި ހުރި ގެއެއް. އަނެއް ބައި މީހުންނަށް އެއީ ލޯނެއް ނަގައިގެން ގެދޮރު ބިނާކުރުން. އަނެއްބައި މީހުންނަށް އެއީ، ހަމަ އެއްގޮތް ވެސް ނެތިއްޔާ، މަގުމަތިވަންޏާ ދައުލަތުގެ މައްޗަށް، އެމީހާއަށް ބޯހިޔާވަހިކަމެއް ދިނުން ލާޒިމްވާން ޖެހޭނެ،" އަސްލަމް އެމްޑީޕީގެ ކޮންގްރެސްގެ ސްޓޭޖުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، މީހެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވަންދެން އުޅުމަށް، މިލްކު ނުކުރެވޭ ގޮތަށް ކައުންސިލް ހައުސިން ވެސް ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިއްކާ ބިމުން އެހެން ރަށްރަށު މީހުންނަށް ވިއްކަން ނިންމާފައި

މާލޭ މީހުންގެ ޕްރެޝަރަށް ގޯތީގެ ސްކީމް އިއުލާންކުރުމުގެ ކުރިން ސަރުކާރުން އޮތީ އަސްލަމް އެދިވަޑައިގަންނަވާ ދެ ބަދަލު ކޮންމެވެސް މިންވަރަކަށް އެކުލެވޭ ސިޔާސަތެއް ކަނޑައަޅައިފަ އެވެ. އެއީ ރަށްރަށުގައި ހިއްކާ ބިންތަކުން އެހެން ރަށްރަށްރަށުގެ މީހުންނަށް ބިން ވިއްކުމެވެ. 

"ގޯތި ދިނުމުގައި އަޅުގަނޑުގެ ވިސްނުމެއް އެބަ އޮތް އަދި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިންނަވާ ކޮމިޓީއަކުން ފާސްކޮށްފައި ވެސް އެބައޮތް ރަށްރަށުގައި، ހާއްސަކޮށް ބިން ހިއްކާފައި ހުރި ރަށްރަށުގައި، ކޮންމެވެސް މިންވަރެއްގެ ބިން ރަށުގެ މީހުން ނޫން އެހެން ދިވެހި ރައްޔިތުންނަށް ވިއްކޭނެ އުސޫލެއް އަޅުގަނޑުމެން ގާއިމްކޮށްފައި އެކަން ކުރިއަށް ގެންދަން،" އަސްލަމް 2 ޑިސެމްބަރު 2020ގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ. 

މާލެ ސަރަހައްދުން ހިއްކާ ބިންތަކުން ގޯތި ދިނުމުގައި އެއާ ތަފާތު އުސޫލެއް ހަމަޖެއްސި ނަމަވެސް އޭގެ ކުރިން އަސްލަމް މަޖިލީހުގައި ދެއްކެވި އެ ވާހަކައިގައި ވިދާޅުވެފައިވަނީ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ފަހު ބިން ވިއްކުމާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވައިފައިވާ ކަމަށެވެ. އަދި އޭގެ ހިސާބުތައް ވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު ހުންނާނެ ރާއްޖޭގެ ރަށްތަކުގައި ބިން ހުރި މިންވަރު ކަނޑައަޅާފައި ވިއްކޭނެ މިންވަރު ކަނޑައަޅާފައި މި ވަގުތު ވިއްކޭނެ ބޭސް ރޭޓު ވެސް ކަނޑައަޅާފައި އެ ވަރަށް ވިކިއްޖެއްޔާ އެ ރަށަކަށް ލިބޭނެ އާމްދަނީއަކީ ކޮބާކަން ވެސް ކަނޑައަޅާފައި ހުންނާނެ،" އަސްލަމް އޭރު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

ރަށްރަށް މިހާރު ވެސް ބިންވެރިކަމުން ގެދޮރުވެރިކަމަށް؟

ރަށްރަށުގައި ސަރުކާރުން ފްލެޓު ނުވަތަ ގެ އަޅާފައި ވިއްކުމުގެ ގިނަ މަޝްރޫއުތަކެއް އެބަ ހިންގަ އެވެ. އަސްލަމް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި 14 ރަށެއްގައި 1،520 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ބައެއް ފަރާތްތަކަށް މިއިން ފެންނަނީ ގޯތީގެ ބަދަލުގައި ގެ ދޭ ގޮތަށް މިހާރު ވެސް ސިޔާސަތު ބައްޓަންވަމުންދާ ކަމުގެ ކުލަވަރެވެ.

"މާނައަކީ މިހާރު ސަރުކާރުގެ ވިސްނުން އެއްކޮށް ޑައިވާޓްވަމުންނޭ އެ ދަނީ ގޯތި ދިނުމުގެ ބަދަލުގައި ފިނިޝްޑް ޕްރޮޑަކްޓެއް ދޭން ރައްޔިތުންނަށް،" އިމާރާތްކުރުމުގެ މަސައްކަތްކުރާ އެސްޖޭ ކޮންސްޓްރަކްޝަންގެ އެއް ޑިރެކްޓަރު ޝިހާދު އިބްރާހީމް ވިދާޅުވި އެވެ.

"ރަސްމީކޮށް އެހެން ނުބުނި ކަމުގައި ވިޔަސް، މިހާރު އެ ދަނީ މަޑުމަޑުން އެކަން ބަދަލުވާ ގޮތަކަށް." 

ސަރުކާރުން ޅ. ނައިފަރުގައި އަޅާފައިވާ ހައުސިން ޔުނިޓުތައް (ފޮޓޯ/އާރުސީސީ)

ޝިހާދު ވިދާޅުވި ގޮތުގައި ގޯއްޗެއް ލިބުނަސް ގެ އެޅުމުގެ ގާބިލްކަމެއް ރާއްޖޭގެ ގިނަ މީހުންގެ ކިބަޔަކު ނުހުރެ އެވެ. އެތެރެ ނުނިންމާ ހަވާލުކުރި ހިޔާ ފްލެޓުތައް ހެދުން ވެސް އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވި ކަމާއި ހުޅުމާލެ އިން ގޯތި ހޯދި ބައެއް މީހުންނަށް ވެސް، އެތައް އަހަރެއް ވީ އިރު ވެސް، ގެ ނޭޅުނުކަން އޭނާ ފާހަގަކުރެއްވި އެވެ. ޝިހާދު ވިދާޅުވީ ރަށްރަށުގައި ވެސް ގެ އަޅަން މީހުންނަށް އުނދަގޫ ކަމަށެވެ.

"ވަކި ހިސާބަކުން ގޯތިތަކެއް ދޫކުރާ އިރު ގޯތި ލިބޭ މީހާއަށް ކަޑަޖަހާފައި ދިނީމާ އެ މީހާ ދާނީ ކަތިވަޅި ހިފައިގެން އެ ތަން ސާފުކުރަން. ދެން އަހަރެއް ވާ އިރު ވެސް ސާފުކޮށް ވެސް ނުނިމޭނެ ގިނަ މީހުންނަކަށް. ދެން 10 ވަރަކަށް އަހަރު ވެގެންދާ އިރު އެ ހިސާބުގައި އެއް ގެ ނޫނީ ދެ ގެ އެޅިދާނެ. އެކަހަލަ ގޮތަކަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޝިހާދު ގަބޫލުކުރައްވާ ގޮތުގައި އާއްމުން ވެސް ބޮޑަށް ބޭނުންވާނީ، ސަރުކާރުން މިހާރު ކުރިއަށް ގެންދާ ގޮތަށް، ފެނާއި ނަރުދަމާ އަދި ބޭނުންކުރާނެ ފެސިލިޓީތައް ހިމެނޭހެން ތަރައްގީކޮށްފައި ހުންނަ ނެއިބަހުޑްތަކަކުން މަހަކު ނިސްބަތުން ކުޑަ އެއްޗެއް ދައްކަމުން ގޮސް މިލްކު ކުރެވޭނެ ގެދޮރު ލިބުމެވެ. ރަށްރަށުގެ މަޝްރޫއުތަކުގައި ބުރިބުރިއަށް ނަގާ ފްލެޓް އިމާރާތްތަކުން އެޕާޓްމެންޓްގެ އިތުރުން ވަކިވަކި ގޭގެ އާއި ރޯހައުސްތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. ސަރުކާރުން ހިންގާ އެފަދަ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް އެސްޖޭ އިން އަންނަނީ ކުރަމުންނެވެ. 

"ރަށްރަށުގައި އެ ގޮތަށް ގޭގެ އެޅުމުގެ ނަތީޖާއަކަށް ވާނީ، މުސްތަގުބަލުގައި ރާއްޖޭގެ ރައްޔިތުން ބުނާނެ ތިމަންނަމެން ގޯއްޗެއް ނޫނޭ ބޭނުމީ، ގެއާ އެއްކޮށޭ ބޭނުންވަނީ،" ޝިހާދު ވިދާޅުވި އެވެ.

'ސިޔާސީ މީހަކު ދައްކައިގެން ނުވާނެ ވާހަކައެއް'

އަސްލަމް ވާހަކައިގެ ފަހު ބަޔަކަށް ވިދާޅުވެފައި އޮތީ ހާލަތުގެ ހަގީގަތެވެ. އެއީ ކުއްލިއަކަށް ގެނެވެން އޮތް ބަދަލެއް ނޫން ކަމުގެ އިޝާރާތެކެވެ. ހިލޭ ގޯތި ދިނުން ހުއްޓާލުމުގެ ވިސްނުން އޭނާ ފާޅުކުރެއްވުމާ އެކު ވެސް އާއްމުންގެ ދެކޮޅުހެދުންތައް ސޯޝަލް މީޑިއާ އިން ފެނުނެވެ. އަސްލަމް އެ ވާހަކަ ދެއްކެވީ ވެސް އެކަން ދެނެވަޑައިގެން ހުންނަވަ އެވެ.  

"އެއްވެސް މީހަކު ބޭނުމެއް ނުވެދާނެ ކަންނޭނގެ، ކައިރި މުސްތަގުބަލެއްގައި، ނޫނީ ދުރު މުސްތަގުބަލެއްގައި ވެސް، ބަންޑާރައިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ޒާތުގެ ވާހަކައެއް ކަމަށް އަޅުގަނޑުމެން ސިޔާސީ މީހަކު ވާހަކަ ދެއްކުން ވެސް،" އޭނާ މިދިޔަ މަހު މަޖިލީހުގައި ވިދާޅުވި އެވެ.

ނަމަވެސް އަސްލަމް ދެން ވެސް ވިދާޅުވީ ރާއްޖޭގައި ބިން ދެމެހެއްޓޭނީ އުސޫލުތައް ބަދަލުކޮށްގެން ކަމަށެވެ. އަދި އޭނާ ދައްކަވާ ވާހަކައިގެ ތެރޭގައި "ކަމުދާ ވާހަކަތަކެއް ހުރެއްޖެ ކަމަށް ވަންޏާ ސިޔާސަތުތަކަކަށް ބަދަލުކުރަން މަސައްކަތްކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ކަމެއް" ކަމަށް ވިދާޅުވި އެވެ. ގައިމު ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ ވާހަކަތައް ކަމުދިޔަ އެވެ. އަދި ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސަތު ބަދަލުކުރާނީ އިންތިހާބެއްގެ ވައުދުތަކުގެ ތެރެއިންނެވެ.

ނަމަވެސް އެއީ އަންނަ އަހަރުގެ އިންތިހާބު ކަމަށް ނުވެދާނެ އެވެ. އެ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ސަރުކާރަށް އެއަށް ވުރެ އިސްކޮށް އަދި އޮތީ އެހެން ކަމެކެވެ — އޮތް އާދަކާދަ އާއި އުސޫލުގެ ތެރެއިން މާލެ އިން 5،000 ގޯތި ދިނުމެވެ. އަދި އެއީ ވެސް، އަސްލަމް ވިދާޅުވެފައިވާ ގޮތުން ނަމަ، "މަދުވެގެން" 5،000 ގޯއްޗެވެ. އަދި ހިލެ އެވެ.

ކޮމެންޓް (2)

ހުސޭނު

8 ސެޕްޓެމްބަރު 2022
އަސްލަމޫ!. މިއުޅެނީ އަމިއްލަ ރަށުން ވެސް ގެވަޅު ނުލިބިގެން. މާލޭގެ ވަޒީފާއެއްގަ ހުރީމަ. ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތި ލެވޭ ގޮތަށް އޮތީ މިހާރު ވެސް. ރަށު މީހާއަށް ޕޮއިންޓް ގިނަވަނީ. ރަށުން ބޭރުގަ މަސައްކަތް ކުރާ މީހާއަށް ވެސް ވަނީ އެކަހަލަ ގޮތެއް.
2 0

ޝަފީޤް

8 ސެޕްޓެމްބަރު 2022
މިނިސްޓަރު އަސްލަމްގެ ވިންނުންފުޅު ރަނގަޅެވެ. ލޭންޑަކީ ލިމިޓެޑް ރިސޯސް އެކެވެ.ހިއްކިޔަސް އިގްތިސާދީ ސަރަހައްދު ހުސްވީމައި ނިމުނީއެވެ. ގިނަ ރަށްރަށަކީ ގާމަތި ރަށްރަށެވެ. ހިއްކޭނެ ފަޅެއްނެތެވެ. ރާއްޖޭގެ ފަޅުރަށްތަކާއި، ފަޅުތަށް އޮތީ ވިއްކާ ހުސްކޮށްފައެވެ. ވީމާ އަންނަން އޮތް ޖީލުތަކަށް ބޯހިޔާވަހިކަން ދެވޭނެ ގޮތެއް އަދު ތިބީން ވިސްނާ ހޯދައިދޭން ޖެހެއެވެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް