ޔޫކްރެއިނުން މި ހަނގުރާމަ ކާމިޔާބުކޮށްފާނެ ކަމަށް ވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖޮންސް ސްޓޮލްޓެންބާގް ވަނީ ވިދާޅުވެފައި. (ފޮޓޯ/ ރޮއިޓާސް)

ހަނގުރާމަ ހިނގަމުން ދަނީ ރަޝިޔާއިން ރޭވި ގޮތަކަށް ނޫން: ނޭޓޯ

ޔޫކްރެއިނުން މި ހަނގުރާމަ ކާމިޔާބުކޮށްފާނެ ކަމަށް ވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖޮންސް ސްޓޮލްޓެންބާގް ވަނީ ވިދާޅުވެފައި

ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމަ ކުރިއަށް ދަނީ ރަޝިޔާއިން ރާވާފައިވާ ގޮތަށް ނޫން ކަމަށާއި، އިރުމަތީ ޑޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތައް "މަޑުޖެހިފައި"ވާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖޮންސް ސްޓޮލްޓެންބާގް އިއްޔެ ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން ވެސް، ޔޫކްރެއިނުން މި ހަނގުރާމަ ކާމިޔާބުކޮށްފާނެ ކަމަށް ވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖޮންސް ސްޓޮލްޓެންބާގް ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އެއްގަމުން ހަނގުރާމަ ކުރާ ފައުޖުތަކުގެ ތިންބައި ކުޅަ އެއްބައި ހަނގުރާމަ ފެށުނު ފަހުން ގެއްލިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ އަންދާޒާކޮށްފަ އެވެ. މި އަންދާޒާތަކުގައި ހިމެނެނީ މަރުވެފައިވާ އަދި އަނިޔާވެފައިވާ ރަޝިޔާގެ ސިފައިންނާއި ގެއްލުން ލިބި ނުވަތަ ހަލާކުވެފައިވާ އަސްކަރީ ވަސީލަތްތައް ކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.

ރަޝިޔާގެ އުދުވާން ކާމިޔާބު ނުވުމުގެ މައިގަނޑު ދެ ސަބަބަކީ ޔޫކްރެއިނުގެ ހަނގުރާމަވެރިންގެ ގަދަ ހިތްވަރާ އަދި ރާވާފައިވާ ގޮތަށް ކަންކަން ނުކުރެވުމުގެ މައްސަލަތަކެވެ.

މި ހަނގުރާމަ ފެށިގެން އައިރު ރަޝިޔާގެ އަސްކަރިއްޔާގެ އަމާޒަކަށްވީ ޔޫކްރެއިނުގެ މުޅި ސަރަހައްދު މައްޗަށް ހުޅުގަނޑެއް ފަދައިން ފެތުރިގަނެ، ސަރުކާރު ވައްޓާލުން ކަމަށް ހީވެގެން ދިޔަ އެވެ. ނަމަވެސް އޭގެ ބަދަލުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވް ހިފުމަށް ފޮނުވި ފައުޖުތައް ފަހަތައް ޖައްސައި ޔޫކްރެއިނުގެ އިރުމަތީގައިވާ ދެ ސަރަހައްދަކަށް ފޮނުވާފަ އެވެ.

ނަމަވެސް ޔޫކްރެއިނުގެ އިރުމަތީގައި އޮތް ކާކީވް ސިޓީގައި ތިބި ރަޝިޔާގެ ސިފައިން ބޯޑަރާ ހިސާބަށް ފަހަތަށް ޖައްސާފައިވާ ކަމަށާއި އެ ސިޓީގެ ރައްޔިތުން އެނބުރި އަންނަމުންދާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

"މޮސްކޯއިން ރާފައިވާ ގޮތަކަށް ނޫން ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ދަނީކީ،" ނޭޓޯގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ސްޓޮލްޓެންބާގް ވިދާޅުވި އެވެ.

"ކީވް ހިފުމުގައި އެ މީހުން ފޭލުވި. ކާކީވްގައި އެ މީހުން އެ ދަނީ ފަހަތަށް ޖެހެމުން. ޑޮންބާސް ހިފުމުގެ ހަނގުރާމަ އެ ވަނީ މަޑުޖެހިފައި. ރަޝިޔާއިން ބޭނުންވާ ކަންތައްތައް ހާސިލެއް ނުވޭ."

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ދެއްވި ބަސްދީގަތުން. (ވީޑިއޯ/ އިންޑިޕެންޑެންޓް)

އަސްކަރީ ގޮތުން ރަޝިޔާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ އިތުރުން، މި ހަނގުރާމައާ ގުޅިގެން ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ނިންމި ނިންމުން ވެސް ވާނީ ރަޝިޔާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ.

ނޭޓޯއަކީ ރަޝިޔާއަށް އޮތް ބިރެއް ކަމަށް ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ދެކެވަޑައިންނަވާއިރު، ޔޫކްރެއިނު ހަނގުރާމަ ވެސް ޕޫޓިން ފައްޓަވާފައި ވަނީ ޔޫކްރެއިނުން ނޭޓޯއާ ގުޅިދާނެތީ އެވެ.

ޑޮންބާސް ސަރަހައްދުގައި ރަޝިޔާއިން ހިންގަމުން ގެންދާ އޮޕަރޭޝަން "މަޑުޖެހި، ކަނޑައެޅި އަންދާޒާތަކާ އެއްގޮތަށް ނުދަނީ" ރަޝިޔާގެ ސިފައިންގެ "ހިތްވަރު އެލި، ހަނގުރާމަައިގެ އުކުޅު ދަށްވުމުން" ކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެ އެވެ. 

"ރަޝިޔާ ޔޫކްރެއިނުން ބޭރުކޮށްލުމަށް" ހުޅަނގުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން ދެމެހެއްޓުމަށް އިނގިރޭސި ހާރިޖީ ވަޒީރު ލިޒް ޓްރަސް ވަނީ ގޮވާލައްވާފަ އެވެ.

ރަޝިޔާއިން ޑޮންބާސް ސަރަހައްދު ހިފުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ޔޫކްރެއިނުން އިޒްޔުމް ސިޓީގައި ކުއްލި ހަމަލާތަކެއް ދެމުންދާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޯލޭ ސިނެގުބޯވް ވިދާޅުވި އެވެ.

ނަމަވެސް އެ ސަރަހައްދުގެ ގިނަ ހިސާބުތަކެއްގައި ރަޝިޔާގެ ފައުޖުތަކުން ކުރިއަށް ޖެހެމުންދާ ކަމަށް ވެސް ޔޫކްރެއިނުގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ރިޕޯޓުތަކުން ވަނީ ހާމަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް