އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެމްޑީޕީ

ފައްޔާޒު 7 ދުވަސް ތެރޭގައި މަގާމާ ހަވާލުވާނެ؛ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް: އެމްޑީޕީ

އިމްތިޔާޒު އިއްޔެ ވަނީ ބަލި ގަބޫލުކުރައްވައި ފައްޔާޒަށް މަރުހަބާ ދަންނަވާފައި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ކަމަށާއި ޖުމްލަ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ވާދަވަރި އިންތިހާބުގައި ޖުމްލަ ފަސް މަގާމަކަށް މީހުން އިންތިހާބު ކުރި އިރު، އެންމެ ވާދަވެރިވި ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ފައްޔާޒެވެ. ނަތީޖާ ދައްކާ ގޮތުން މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކޮށް އޭނާ، އެ މަގާމު ހޯއްދެވީ %59 ވޯޓުންނެވެ.

އިންތިހާބު ކޮމިޓީން މައުލޫމާތު ދެއްވާ ގޮތުގައި ޖުމްލަ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް. އެހެންކަމުން ހަތް ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުުރުމާ އެކު ފައްޔާޒު މަގާމާ ހަވާލުވާނެ.

ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު

ތަފްސީލު - ޗެއާޕާސަންގެ މަގާމުން ހުސްވެފައިވާތީވެ، އިދާރީ ގޮތުން ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ގަވައިދުތަކުގައިވާ ގޮތަށް، ހަތް ދުވަހުގެ ތެރޭގައި ދާއީމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބު ކޮމިޓީން މައުލޫމާތު ދެއްވާ ގޮތުގައި ޖުމްލަ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް. އެހެންކަމުން ހަތް ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުުރުމާ އެކު ފައްޔާޒު މަގާމާ ހަވާލުވާނެ،" މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަލީ ނިޔާޒު ވިދާޅުވި އެވެ.

"މިއަދު ހަވީރު ނުވަތަ މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ."

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެ ޕާޓީން މިދިޔަ ބުރާސްފަތި ފުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިމްތިޔާޒު ވަނީ ބަލި ގަބޫލުކުރައްވައި ފައްޔާޒަށް އިއްޔެ މަރުހަބާ ވެސް ދަންނަވާފަ އެވެ.

މި އިންތިހާބުގައި އިމްތިޔާޒު ފަޅީގައި ހުންނެވި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒަށް މަރުހާބާ ދަންނަވާފަ އެވެ. ނަޝީދު އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފައްޔާޒުގެ ޗެއާޕާސަންގެ ކަމުގައި ޕާޓީއަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މި އިންތިހާބާ ގުޅޭ ގޮތުން 'ދައުރު'ގެ ރިޕޯޓުތައް -

ކޮމެންޓް (1)

ފަހުދު

16 މޭ 2022
މި ވޯޓް އިން އެނގިގެން މިދިޔައީ އަންނި ބޭނުން ނުވާކަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް