އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއިލުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ/ ރޮއިޓާސް

އެމެރިކާ

އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރައީސް ކަމާ ހަވާލުވުމަށް ފަހު މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިސްރާއީލްގެ ތެލްއަވީވަށް ވަޑައިގެންފި އެވެ.

އެއާފޯސް ވަން ބެން ގުރައިން އެއާޕޯޓަށް އިއްޔެ ޖެއްސި އިރު ބައިޑެންގެ އިސްތިގުބާލުގައި ތިއްބެވީ އިސްރާއީލުގެ އޮފިޝަލުންނެވެ. ބައިޑެން ވަނީ އެމެރިކާ އާއި އިސްރާއީލުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ވިދާޅުވީ އެމެރިކާ އާއި އިސްރާއިލުގެ ގުޅުމަކީ "ކަށިން ގުޅިފައިވާ" ގުޅުމެއް ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލަށް އޮތް ހައްލަކީ ދެ ދައުލަތުގެ ހައްލު ކަމަށް ބައިޑެން ތަކުރާރު ކުރެއްވި އެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ޔައިރު ލަޕިޑްގެ ވާހަކައިގާ ވިދާޅުވީ ބައިޑަން އަކީ "އާދަޔާ ހިލާފު ޔަހޫދީއެއް" ކަމަށެވެ. އަދި ވިދާޅުވީ ބައިޑެންއަކީ އަބަދު ވެސް އިސްރާއީލުގެ ގާތް ރައްޓެއްސެއް ކަމަށެވެ.

މިއީ ބައިޑެން އިސްރާއީލަށް ކުރައްވާ 10 ވަނަ ދަތުރެވެ. އޭނާ ފުރަތަމަ އިސްރާއީލަށް ވަޑައިގަތީ 1973 ވަނަ އަހަރު އެވެ. އެއީ ފުރަމަތަ ސެނެޓަށް ހޮވިވަޑައިގަތުމަށް ފަހު އެވެ.

ބައިޑެން ދެ ދުވަހު ޖެރޫސަލަމްގައި ހުންނަވާނެ އެވެ. އަދި އެ ދެ ދުވަހުގެ ތެރޭގައި ބޮޑު ވަޒީރު ލަޕިޑް އާއި ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. ބައިޑެން ފަލަސްތީނިއަން އޮތޯރިޓީގެ ރައީސް މަހަމޫދު އައްބާސް އާ ބައްދަލު ކުރައްވާނީ ހުކުރު ދުވަހު ވެސްޓް ބޭންކްގަ އެވެ.

އެ އަށް ފަހު ބައިޑެން ވަޑައިގަންނަވާނީ ސައުދީ އަރަބިޔާގެ ޖިއްދާ އަށެވެ. އެއީ ސައުދީގެ އޮފިޝަލުންނާ އަދި ގަލްފް ގައުމުތަކުގެ ގުޅިފައިވާ ފަރާތްތަކުގެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ސައުދީ އަރަބިޔާއަކީ އިސްރާއިލު ބަލައިގަންނަ ދައުލަތެއް ނޫނެވެ.

އަލް ޖަޒީރާއިން ބުނީ ބައިޑެން އިސްރާއީލް - ފަލަސްތީނު ހަމަނުޖެހުމުގެ ހައްލަކީ ދެ ދައުލަތް ހެދުން ކަމަށް ވިދާޅުވިއަސް އެ ވާހަކަ އެހާ ވަރަށް ނުދައްކަވާ ކަމަށެވެ. އަދި މުޅިން ވެސް ދެއްކެވީ އިސްރާއިލުގެ ވާހަކަ އާއި އިސްރާއީލާ އޭނާއާ އޮންނަ ގުޅުމުގެ ވާހަކަ ކަމަށެވެ. އަދި ފަލަސްތީނުގެ ނަން ވެސް ނުކިޔާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް