މާގަސް ލައިޑްރޭ އަކީ 2018 ވަނަ އަހަރުން ފެށިގެން ރަޝިޔާގައި އެސްޓޯނިއާގެ ސަފީރުކަން ކުރައްވަމުން އަންނަ ބޭފުޅާ.

ރަޝިޔާ

އެސްޓޯނިއާ ސަފީރު ނުކުންނަން ރަޝިޔާ އިން އަމުރުކޮށްފި

ރަޝިޔާގައި ހުންނަވާ އެސްޓޯނިއާގެ ސަފީރު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ގައުމުން ނުކުތުމަށް ރަޝިޔާ އިން އަމުރުކޮށްފި އެވެ.

ކްރެމްލިން އިން އެ ގޮތަށް އަމުރުކުރީ އެސްޓޯނިއާ އިން ރަޝިޔާއާ ދެކޮޅު ސިޔާސަތެއް ގެންގުޅޭ ނުވަތަ "ރުސޯފޯބިއާ"ގެ ތުހުމަތުކޮށްފަ އެވެ.

ރަޝިޔާގެ ހާރިޖީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެސްޓޯނިއާ އިން މޮސްކޯއާ އެކު އޮތް ގުޅުން "ގަސްތުގައި ހަލާކުކޮށްލާފައި"ވާ ކަމަށެވެ.

މާގަސް ލައިޑްރޭ އަކީ ރަޝިޔާ އިން މިދިޔަ އަހަރު ޔޫކްރޭނަށް ހަމަލާ ދިން ފަހުން ރަޝިޔާ އިން ބޭރުކުރާ ފުރަތަމަ ސަފީރެވެ.

ރަޝިޔާގެ އެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އެސްޓޯނިއާ އިން ވަނީ އެ ގައުމުގައި ހުންނަވާ ރަޝިޔާގެ ސަފީރު ވެސް އެ ތާރީހުގެ ކުރިން އެ ގައުމުން ފުރުމަށް އަމުރުކޮށްފަ އެވެ.

ރަޝިޔާ އިން ލައިޑްރޭއާ ދެކޮޅަށް ފިޔަވަޅު އަޅާފައި މިވަނީ ދާދި ފަހުން އެސްޓޯނިއާ އިން ޓަލިންގައި ހުންނަ ރަޝިޔާ އެމްބަސީގެ ސައިޒު ކުޑަކުރަން އަންގާފައި ވަނިކޮށެވެ.

މި މަސް ނިމުމުގެ ކުރިން މޮސްކޯގެ އެމްބަސީގައި ތިބޭ މީހުންގެ އަދަދު 17 އިން އަށަކަށް ދަށްކުރުމަށް ވަނީ އަންގައިފަ އެވެ.

މި މަހު އެސްޓޯނިއާ އިން ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުންތައް ފެށުނު ފަހުން އެމްބަސީގެ މުވައްޒަފުން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރަން މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ނޭޓޯގެ 11 ގައުމެއްގެ މަންދޫބުން އެސްޓޯނިއާގެ އަސްކަރީ މަރުކަޒަކަށް އެއްވެ، ޔޫކްރެއިންގެ ސަރަހައްދުތައް ހިފަހައްޓައި ރަޝިޔާގެ އިތުރު ކުރިއެރުންތައް ހުއްޓުވުމަށް އެހީގެ އާ ޕެކޭޖްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާ ގުޅިގެން ވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

މީގެ އިތުރުން، ލެޓްވިއާގެ ހާރިޖީ ވުޒާރާ އިން ވެސް ވަނީ ރަޝިޔާ ސަފީރު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ފުރާވަޑައިގަތުމަށް ވެސް އަންގައިފަ އެވެ. އަދި ރަޝިޔާއާ އެކު އޮންނަ ސިޔާސީ ގުޅުންތައް ދަށްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ލައިޑްރޭ އައްޔަންކޮށްފައި ވަނީ 2018ގަ އެވެ. އޭނާ ވަނީ މީގެ ކުރިން އިނގިރޭސިވިލާތާއި ފިންލޭންޑްގައި ވެސް އެ މަގާމު ފުރުއްވައިފަ އެވެ.

މޮސްކޯގައި ހުންނަ އެސްޓޯނިއާ އެމްބަސީ ދެން ބަލަހައްޓާނީ ޗާޖް ޑި އެފެއާޒް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް