Majlis 2024

ވީއައިއޭގެ އާ ޓާމިނަލް: މި ބޮޑު މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ބުނި ސްޕީޑަކު ނޫން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާ ޓާމިނަލް، ފިނިހަކަ ދުވެލީގައި، 2025ގެ ކުރިއަކުން ނުނިމޭނެ

އާ ރަންވޭގެ ސަބަބުން ޓޫރިޒަމަށް ލިބެން ޖެހޭ ކުރިއެރުން އާ ޓާމިނަލް ހުޅުވުމުގެ ކުރިއަކުން ނުލިބޭނެ
22 ޑިސެމްބަރު 2022
4

މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް، ބައެއް ފަހަރަށް، އެމްއޭސީއެލް އިން ބުނެ އެވެ. އަނެއް ބައި ފަހަރު ފެންނަނީ މަސައްކަތް ހުއްޓިފައި އޮންނަ ތަނެވެ. އަސްލު މި ވާ ގޮތެއް އެމްއޭސީއެލްގެ އިސް ވެރިންނާއި ސަރުކާރުގެ އިސް ބައެއް ވެރިންނަށް ނޫނީ ނޭނގެ އެވެ.

އެކަމަކު މިހާރު އެއް ކަމެއް ޔަގީނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންނަށް ދެއްކޭނެ ރީތި، ފުރިހަމަ މަންޒަރެއް ވީއައިއޭގެ މި ބޮޑު މަޝްރޫއުގައި ނެތް ކަމެވެ. އަންނަ އަހަރު އެކަންޏެއް ނޫނެވެ. މަސައްކަތުގެ ދުވެލި ހުރި ގޮތުން 2025ގެ ކުރިން ނިންމާލެވޭނެ ކަމަކަށް ވެސް، މައުލޫމާތު އެނގި ތިބި ބައެއް މީހުން، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ވީއައިއޭ ތަރައްގީކުރުމުގެ 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ، އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ އާ ޓާމިނަލްއަށް ކަނޑައަޅާފައި އޮތީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުން ޓާމިނަލްގެ ޑިޒައިނަށް ގެންނަ ބަދަލުތަކުގެ ސަބަބުންނާއި އޮގަސްޓް ި2018ގައި އަމަލީ މަސައްކަތް ފެށި މަޝްރޫއުއަށް ކޮވިޑް-19ގައި އައި ހުއްޓުމާ އެކު އެ އަދަދު ދަނީ މަތިވަމުންނެވެ.

މި ސަރުކާރުން ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު ޓާމިނަލް ފެންނާނެ ގޮތުގައ ކުރެހުމެއް (ފޮޓޯ/އެމްއޭސީއެލް)

'ދައުރު'ން މިދިއަ ޖުލައި މަހު ހޯދި ރަސްމީ މައުލޫމާތުން އެނގޭ ގޮތުގައި އެހާ ހިސާބަށް 48 މިލިއަން ޑޮލަރު ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް ނުރަސްމީކޮށް އެނގިފައިވާ ގޮތުގައި ތަފާތު ބަދަލުތަކާ ގުޅިގެން މަޝްރޫއުއަށް އިތުރުވާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑުވުން އެކަށީގެންވެ އެވެ.

އާ ޓާމިނަލާއި އާ ރަންވޭއަކީ، ޓޫރިޒަމް ފުޅާކުރަން އެކުއެކީ ބޭނުންވާ ދެ ތަނެވެ. ނަމަވެސް ޔާމީންގެ ސަރުކާރުގައި ވެސް ޓާމިނަލްގެ މަސައްކަތް ފެށުނީ އާ ރަންވޭ ނިންމާފައި ވަނިކޮށެވެ. އޭރު ލަފާކުރީ ލަސްވެގެން މި އަހަރު ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އިތުރު ލަސްތަކެއް އަ އެވެ.

އާ ޓާމިނަލް ހަދަން ހަވާލުކުރީ، މަޝްރޫއުއަށް މާލީ އެންމެ ބޮޑު އެހީއެއް ވާ ސައުދީ އަރަބިއްޔާގެ ބިޔަ އެއް ކުންފުނި، ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން މަސައްކަތް ސަބްކޮންޓްރެކްޓަށް ދިނީ، ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ސީސީސީސީއަށެވެ.

އާ ޓާމިނަލްގެ ޓައިމްލައިން

  • 21 މޭ 2016 - ޓާމިނަލް އަޅަން ސައުދީގެ ބިން ލާދިން ގްރޫޕާ އެކު ސޮއިކުރި

  • 1 ނޮވެމްބަރު 2016 - ޓާމިނަލް އަޅަން ބިން ލާދިން ގްރޫޕުން ސާވޭ މަސައްކަތް ފެށި

  • 6 އޮގަސްޓް 2018 - އާ ޓާމިނަލްގެ މަސައްކަތް ފަށައި ޝީޓް ޕައިލް ކުރަން ފެށި

  • 27 ޖޫން 2019 - އާ ޓާމިނަލްގެ ޑިޒައިންއަށް ބަދަލު ގެނެސް ބިންލާދިންއާ އެކު އަލުން ސޮއިކުރި

  • 17 ޑިސެމްބަރު 2019 - މަސައްކަތް އަލުން ފަށައި ފައުންޑޭޝަންގެ މަސައްކަތް ނިންމި

  • 20 އެޕްރީލް 2022 - އާ ޓާމިނަލްގެ ފަރުމާތައް ދައްކާލި

ދެ ކުންފުނީގެ ގާބިލްކަމާ މެދު ސުވާލެއް ނެތެވެ. އެކަމަކު ސުވާލު އޮތީ ރާއްޖޭގެ ފުޅާވަމުން އަންނަ ޓޫރިޒަމް އިންޑަސްޓްރީއަށް ނުހަނު މުހިންމު ޓާމިނަލްގެ މަސައްކަތަށް މި އަންނަ ލަސްކަމާ މެދުގަ އެވެ. ދިވެހި ރައްޔިތުންގެ ބޮލުގައި އެޅޭ ބޮޑު ލޯނެއް ނަމަވެސް މަޝްރޫއުގެ މައުލޫމާތު އެހާ ސާފުކޮށް ރައްޔިތުންނަށް ކިޔައެއް ނުދެ އެވެ. ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ މަސައްކަތް 'ބާރަށް ކުރިއަށް ދާކަމަށެ'ވެ.

ވީއައިއޭގެ އެރައިވަލް ޓާމިނަލުން ޓޫރިސްޓުން ނުކުންނަނީ: މިހާރު ބޭނުންކުރާ ޓާމިނަލަކީ ރާއްޖޭގެ ޓޫރިޒަމަށް އެކަށީގެންވާ ތަނެއް ނޫން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"މިވަރުގެ ޓާމިނަލަކަށް ބޭނުންވާ އެއްޗެހި އޯޑަރުކޮށްގެން މިހާ ހިސާބަށް ގެންނަން ވެސް ގާތްގަނޑަކަށް އަހަރެއް ބޭނުންވާނެ. ޔަގީނުން ވެސް އެއިން އެއްޗަކަށް އަދި އޯޑަރެއް ނުކުރޭ،" އާ ޓާމިނަލްގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އޯޑަރު ނުކުރާނީ މަސައްކަތް ދާލެއް ލަސްވީމާ. ތަން ނުނިންމާ ނުގެނެވޭނެ އެއްޗެހި ހުންނާނެ."

މި ފަހުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި ގޮތުން ނަމަ މިހާތަނަށް ނިމިފައި ވަނީ އެންމެ %35 މަސައްކަތެވެ. މިއީ އެ ބޮޑު އިމާރާތުގައި ކުރަން ޖެހޭ އެތެރޭގެ މަސައްކަތަށް ބަލާއިރު ވަރަށް ކުޑަ ނިސްބަތެކެވެ.

"ރޫފިން މަސައްކަތް މިހާރު ހިނގަމުން އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.

މި ސްޕީޑަށް ބަލާއިރު އެމްއޭސީއެލްއިން ކުރިން ބުނި ތާރީހަށް ނުނިމޭނެކަން ޔަގީނެވެ.

ޓާމިނަލްއަށް ނެގި ލޯނުތައް:

(އެ ގައުމުތަކުގެ ފައިސާއިން ޑޮލަރަށް ބަދަލުކޮށްފައި)

  • 99.8 މިލިއަން ޑޮލަރު، ސައުދީ ފަންޑް

  • 97.6 މިލިއަން ޑޮލަރު، ކުވެއިތު ފަންޑް

  • 50 މިލިއަން ޑޮލަރު، އޯޕެކް ފަންޑް

  • 50 މިލިއަން ޑޮލަރު، އަބޫ ދާބީ ފަންޑް

  • 48.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑް (ފަހުން އިތުރުކުރި)

ޓާމިނަލްގެ މަސައްކަތް ދޭތެރެ ދޭތެރެއިން ހުއްޓުމުގެ މައްސަލަ ކުރިމަތިވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާ ސަރުކާރާ އެކު މަސައްކަތް ރަނގަޅަށް ފަށައިގަތުމާ އެކު އެމްއޭސީއެލް އިން ބުނެފައި އޮތީ ޑިސެމްބަރު 2023ގައި ޓާމިނަލް ހުޅުވޭނެ ކަމަށެވެ. ނަމަވެސް މިހާރު ލަފާކުރަނީ 2024ގެ ފަހުކޮޅާ ހަމައަށް ސޮއްސާލާނެ ކަމަށެވެ. އޭގެ މާނައަކީ 2025ގެ ކުރިން ނުނިމޭނެ ކަމެވެ. 'ދައުރު'އަށް ލިބިފައިވާ މައުލޫމާތަށް ބުރަވާ ނަމަ، އެއީ 2025ގެ ފަހުކޮޅެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މިހާރު ބޭނުންކުރާ ޓާމިނަލްއަށް އޮބިއޮންނަ ވަރެއް ނޫނެވެ. ތޮއްޖެހުމުގެ މައްސަލައަށް ވަގުތީ ހައްލު ގެންނަން އެމްއޭސީއެލްއަށް ކުރެވެން އޮތް ކަމެއް ކުރެ އެވެ. އެގޮތުން މި ދުވަސްވަރު އަންނަ ޓޫރިސްޓުންނަށް ފަސޭހައަށް ވެސް ބައެއް އިންތިޒާމްތައް އެމްއޭސީއެލް އިން ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް ހައްލު އޮތީ އާ ޓާމިނަލް ނިމިގެންނެވެ. މިދިއަ އޮކްޓޯބަރުގައި އާ ރަންވޭ ބޭނުންކުރަން ފެށި ނަމަވެސް، އެ ރަންވޭއާ އެކު އަންނަން ޖެހޭ ބޮޑު ބަދަލު އާ ޓާމިނަލް ހުޅުވުމުގެ ކުރިއަކުން ނުފެންނާނެ އެވެ. އެ ދުވަސް އަންނަންދެން ޓޫރިޒަމްގެ ކުރިއެރުން އޮންނާނީ ނިސްބަތުން ހިފެހެއްޓިފަ އެވެ. ނުވަތަ ދުއްވައިގަންނަން ޖެހޭ މިންވަރަށް ދުއްވައިނުގަނެވިފަ އެވެ.

ކޮމެންޓް (4)

ޢައިނު

22 ޑިސެމްބަރު 2022
މިވަރުން ދަންޏާ އަހަރެން ކާފަ ވާއިރު ވެސް މި ކަމެއް ނުނިމޭނެ. ދުވަހެއް ދުވަހަކަށް ދަރާ ބޯ ހިކެމުން މި ދަނީ
2 1

ސަމޫދު

22 ޑިސެމްބަރު 2022
އިތުރުވަނީ ނަގާ ލޯނުގެ އަދަދު، ހަނާ ވަނީ ގައުމުގެ މުސްތަގުބަލު، ބަނަ ވަނީ ރައްޔިތުންގެ ދިރި އުޅުން. ކީކޭ ދެން ބުނާނީ.
2 1

12345687

22 ޑިސެމްބަރު 2022
އިބޫ އަލުން ހޮވީމާ ވާނެ -މިއުވާން-
1 1

ޙަހަހަ

22 ޑިސެމްބަރު 2022
ބިހަކަށް ވޯޓު ލެވުނީމަ ވާނީ މިހެން
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް