އައިޝާ އާއި މުހައްމަދު އެމީހުންގެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި: ދެ މީހުންގެ ލޯތްބާއި ޒަވާޖީ ހަޔާތުގައި ވަރަށް ކުލަހެޔޮވަރު.

ހުވަފެނީ ވަޒީފާއަކާއި ހުވަފެނީ ބައިވެރިއެއް އަދި ހިތުންހިތަށް

ވަން އެންޑް އޮންލީ ރީތި ރަށުގައި ވަޒީފާއަދާކުރާ އައިޝަތު ސާދާ އާއި މުހައްމަދު އިބްރާހިމްގެ ސަކަ ސާދާ ލޯބި މިޒާޖާއި ދަތުރަކީ މި ހަފުތާގައި އަޅުވާ ލޯބީގެ އެންމެ ރީތި ފިލްމު
22 ޖެނުއަރީ 2023
1

ހުވަފެނީ ވަޒީފާއަކާއި ހުވަފެނީ ބައިވެރިއެއް ޒަވާޖީ ހަޔާތުގައި ހުވަފެނީ މަންޒިލަކުން ލިބުން ވެގެންދާނީ ބަޔާންކޮށްދޭން ނޭނގޭވަރުގެ އުފާވެރިކަމަކަށްކަން ޔަގީނެވެ. 'ޖޯޑެއްގެ ސާފު ލޯބި' ދައުރުގެ ކިޔުންތެރިންނާ ހަމައަށް އެނބުރި އަންނައިރު ލޮނުމެދަކާއި ދެ ފިޔަޔަކާއި، ލޮނު ލުނބޮޔާއި ދެ މިރުހަކުން ރަހަހެޔޮވަރުކޮށް، މި ލަވަ ލޯބީގެ އިމާއި މިނުން ގަތައި ކިޔައިދޭ ދެ ފުރާނައަކީ، ވަން އެންޑް އޮންލީ އައިޝާ އާއި ކައްޕި އެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި ވަޒީފާއަދާކުރާ މި ދެމަފިރިން، ދެ މީހުންގެ ފުރިހަމަ ނަމުން ނަމަ، އައިޝަތު ސާދާ އާއި މުހައްމަދު އިބްރާހިމްގެ ސަކަ ސާދާ ލޯބި މިޒާޖާ ޓިކްޓޮކުގެ އަހުލުވެރިން މިހާރު ވެސް ހިސާބަކަށް ރައްޓެހިވާނެ އެވެ. ޓިކްޓޮކާއި އިންސްޓަގުރާމުގައި ލޯބީގެ ގަނޑުވަރެއް ބިނާކޮށް މީހުން ހެއްވަމުން، ހައްދަމުން ނަށަމުން މާފޮޅުވަމުން ގެންދާއިރު އައިޝާ އާއި މުހައްމަދަކީ ހަމަ އަސްލަށް ވެސް 'ވަން އެންޑް އޮންލީ' ރޭންޖުގައި ގުނާލެވޭ ޖޯޑެކެވެ.

"ހިތްހަމަނުޖެހޭ މީހުންނާއި ހިތްހަމަޖެހޭ މީހުން ދޯ އުޅޭނީ ކޮންމެ ކަމެއްގައި ވެސް؟ އެކަމަކު އާންމުކޮށް ލިބެނީ ވަރަށް ޕޮޒިޓިވް ރިއެކްޝަނެއް. މީހުން ކިޔާ އެއްޗަކަށް އަޅުގަނޑުމެން މާ ބޮޑު ސަމާލުކަމެއް ނުވެސް ދެން،" އަބަދުވެސް ހެވި ދިއްލިފައިވާ ސަކަ މިޒާޖެއްގައި ބައި ލައްކައަށް ވުރެ ގިނަ ބޮޑު އޯޑިއެންސަކާ ކޮންމެ ދުވަހަކުހެން ޓިކްޓޮކާއި އިންސްޓަގުރާމުގައި ބައްދަލުކުރާ ޒުވާން ދެމަފިރިން ބުނެލި އެވެ.

ދެ މީހުން ތިބީ އެ މީހުން ވަޒީފާ އަދާކުރާ 'ރީތި ރަށުގައި' މި ރީތި ޒޫމް ކޯލުގަ އެވެ.

"ސޯޝަލް މީޑިއާގައި އަހަރެމެން ދެ މީހުން މި އުޅެނީ ދެ މީހުންގެ އުފަލަކަށް. އަހަރެމެން ކުރާ ކަންތައް ނުވަތަ ލާ ވީޑިއޯތައް އެހެން ބަޔަކަށް ކަމުނުދިޔަޔަސް އެ ވީޑިއޯތަކުން އަހަރެމެން ދެ މީހުންނަށް ވަރަށް ބޮޑު އުފަލެއް ލިބޭތީ."

އެއީ ތެދެކެވެ. ޖޯޑެއްގެ ސާފު ލޯތްބެވެ.

އައިޝާ އާއި މުހައްމަދު އެމީހުންގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއެއް: ދެ މީހުން ވަޒީފާ އަދާކުރަނީ އަދި ދިރިއުޅެނީ ވެސް ވަން އެންޑް އޮންލީ ރީތި ރަށުގައި.

ދެ މީހުންގެ މި ސާދާ ދިރިއުޅުމާއި  އެމީހުންގެ ސަކަ މިޒާޖާއި ލޯބީގެ މި ވާހަކަ ހާއްސަވެގެން އަންނަ ސަބަބުތައް ހަގީގަތުގައި ވެސް ވަރަށް ހާއްސަ އެވެ. އެހެންވީމާ މިހައި ހިސާބުން ސުމަކަށް އެނބުރިދަމާ ހިނގާށެވެ. އަދި މިހައި ހިސާބުން އަހަރެމެން 'ކައްޕި' ވެސް ދޫކޮށްލާނީ އެވެ. – އައިޝާގެ ހަޔާތުގައި ރިޔައު ކޮށައިދޭން 'ކައްޕިއެއް' އެއް ނެތް ޒަމާނަށެވެ. އެކަމަކު ކުރަން ބޭނުންވި ކަންކަމާއި ހުވަފެންތަކުން ވިދައި ބެބުޅި ދުވަސްތަކަށެވެ.

އުމުރުން 35 އަހަރުގައި އައިޝާ އަކީ ވަން އެން އޮންލީ ރީތި ރަށަށް ކަނޑުމަގުން ދަތުރުކުރާ ގެސްޓުންނަށް އެމީހުންގެ ސްޕީޑްބޯޓުގައި ހިދުމަތްދޭ ޔޮޓް ހޮސްޓެސް އެކެވެ. އަންހެނަކަށް އަދާނުކުރެވޭނެ ކަމަށް ވަރަށް ގިނަ މީހުން އޭނާ ގާތު ބުނި މި ވަޒީފާގައި މިއީ އޭނާގެ ހަވަނަ އަހަރެވެ. ރިސޯޓު އިންޑަސްޓްރީގައި ފުރާވަރުން ފެށިގެން އައިޝާ ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު މިއީ ރަން ޖަވާހިރުން އަގުކުރާ ވަރުގެ ތަޖުރިބާއަކާއި ކާމިޔާބީއެކެވެ.

"ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ފްރޮންޓް އޮފީހުގައި، ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރަން ފެށިއިރު އަޅުގަނޑުގެ އުމުރުން ވާނީ 16 އަހަރު،" ހިޔާލެއް ފިކުރެއް ނެތި އުދުއްސައިގެން ދިޔަ ގޮތަށް ގޮސް ވެއްޓުނު ސުވަރުގެއިން އޭނާ ފަށައިގަތެވެ.

"އަޅުގަނޑު އުޅެބޮޑުވީ އަސްލު އެހާ ބޮޑު މިނިވަންކަމެއް ނެތް މާހައުލެއްގައި. ވަރަށް ހިފަހައްޓައިގެން ގެންގުޅުނު ގެއެއްގައި. އެހެންވީމަ ރިސޯޓެއްގައި މަސައްކަތްކުރަން ދެވުނީމަ ކުއްލިއަކަށް ލިބުނު މިނިވަންކަމާ އެކު އައި އުފާވެރިކަން ވަރަށް ބޮޑުވި."

އެކަމަކު އުޅުމާއި އަހުލާގުން އޭނާ ދުވަހަކު ވެސް ހަނދާން ނައްތާނުލި ތަގުރީރެއް ދެން ކިޔައިދިނެވެ.

"ކޮންމެ ކަމެއް ދިމާވިޔަސް ކޮންމެ ކަހަލަ ތަޖުރިބާއެއް ކުރިމަތިވިޔަސް މި ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނާދޭ އެއްވެސް އިރަކު. ސަބަބަކީ އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ މަންމަ އަބަދުވެސް ބުނާނެ، ދަރިފުޅާއޭ، ކޮންމެ މީހަކު ކޮންމެ ގޮތެއް ހެދިޔަސް އެ ބަޔަކު ހެދި ކޮންމެ ގޮތެއް ހެދިގެން ނުހުންނައްޗޭ،" އައިޝާ ކިޔައިދިނެވެ.

"ތިއީ އަންހެން ކުއްޖެކޭ. ރިސޯޓަށް ދިޔަޔަސް އުޅޭނެއޭ ކިތަންމެ ފާޑެއްގެ ބަޔަކު ވެސް. އެކަމަކު ވެސް އެމީހުން ކުރާހާ ކަމެއް ނުވަތަ ބުނާހާ ގޮތެއް ނަހަދައްޗޭ. ދައްކާހާ ކަމެއް ނުކުރައްޗޭ. އެއީ މަންމަ އަޅުގަނޑަށް އަބަދުވެސް ދިން ނަސޭހަތަކީ."

ދެން އައިޝާ ބުނީ މިހެންނެވެ.

"މަންމަ އަށް އަޅުގަނޑުވި ވައުދަކީ އެއީ. މަންމާއޭ ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަމޭ ރިސޯޓް ވަޒީފާއެއްގައި އުޅުނަސް. އިރާދަކުރެއްވިއްޔާމު މިއަދު ވެސް މިހިރީ މަންމަ އަށް އެ ދުވަހުވީ ވައުދުމަތީގައި. މިއަދު އަޅުގަނޑު އެންމެ ފަހުރުވެރިވާ ކަމަކީ ވެސް އެއީ."

އައިޝާ އާއި މުހައްމަދު ފޮޓޯއަކަށް ހުއްޓިގެން.
އައިޝާ ބުނަނީ އޭނާގެ ދިރިއުޅުމުގައި ކުރިއަށް ދާން ފިރިއެއްގެ ގޮތުގައި ލިބިފައި ވަނީ އެންމެ މޮޅު 'ކައްޕި' ކަމަށް.

ރީތި ރަށަކީ އޯލެވެލްގެ ކިޔެވުން ނިންމާލި ދުވަހު ނުކުތް ރިސޯޓް ވަޒީފާގައި އޭނާގެ އަށްވަނަ މަންޒިލެވެ. އެކަމަކު މި މަންޒިލް އޭނާ އަށް އަދި ހާއްސަވަނީ ލޯބިވާ ފިރިމީހާއާ އެކުގައި، އެއް މާހައުލެއްގައި ވަޒީފާ އަދާކުރެވޭތީއެއް ވެސް ނޫނެވެ.

"އަންހެން ކުއްޖަކަށްވީމަ ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރައިގެ އަމަލުތަކާ ހެދިގެން ބައެއް ރިސޯޓްތަކުގައި މަސައްކަތްކުރުންވީ، އަންހެން ކުއްޖަކަށްވެ ހުރެ ވަރަށް އުނދަގޫ ކަމަކަށް ފުރަތަމަ ދުވަސްކޮޅު،" އައިޝާ ކިޔައިދިނެވެ.

"ވާގޮތަކީ އަންހެން ކުއްޖަކަށްވީމަ، އެމީހުން ހީކުރަނީ ރިސޯޓެއްގައި މަސައްކަތްކުރާތީ އެ އަންހެން ކުއްޖަކާ އެކު ބޭނުން ކޮންމެ ކަމެއް ވެސް ކުރެވިދާނެއޭ. އަޅުގަނޑު ކުރިން މަސައްކަތްކުރި ރިސޯޓެއްގައި އިސް އެހެން މުވައްޒަފަކު އަޅުގަނޑުގެ ގަޔަށް އަތްލައި ވެސް ހެދި."

ނަމަވެސް އައިޝާ ބުނީ ރީތި ރަށާ ހަމަ އަށް އާދެވުނުއިރު އޭނާ އަށް ދަސްވި އެންމެ ބޮޑު ތަޖުރިބާ އަކީ އެކި ހިޔާލާއި މިޒާޖުގެ މީހުންނާ އެކު ވެސް އަމިއްލަ ގޮތެއްގެ މަތީގައި ދެމިހުރުން ކަމަށެވެ. އަދި ގޯސްކޮށް ކަމެއް ހިނގާ ނަމަ އަބަދުވެސް އެކަމަކާ ދެކޮޅަށް ތެދުވުމަށް ކަމަށެވެ.

"ދަސްވި އެންމެ ބޮޑު ތަޖުރިބާ އަކީ ހިތްހަމަނުޖެހޭ ކަންކަން ދިމާވީމަ ނުވަތަ ކޮށްގެން ނުވާނެ ކަހަލަ ކަންކަން ދިމާވީމަ އެކަންކަމާ ދެކޮޅަށް ތެދުވުމުގެ މުހިންމުކަން. ކުރިން އެގޮތަށް ދިމާވާ ކަންކަމުގައި ކުރިމަތިލާން ނުކެރުނަސް މިހާރު އެއްވެސް ޖެހިލުމެއް ނުވާނެ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމަކާ ކުރިމަތިލާކަށް،" އައިޝާ ބުންޏެވެ.

"އެހެން މީހުންނަށް ވެސް އެނގޭނެ އަދި އަމިއްލަ ނަފުސަށް ވެސް އިތުބާރު އޮވޭ މިހާރު ހަމަ އައިސް ކޮންމެ ކޮންމެ އެއްޗެކޭ ކިޔާފައި އެއްވެސް މީހަކަށް އައިޝާއަކާ ދިމާކޮށްލާކަށް ނުކެރޭނެކަން، ސަބަބަކީ އަޅުގަނޑު މިހާރަކު މަޑަކުން ނުހުންނާނެކަން އެނގޭނެ އެންމެނަށް ވެސް. އަޅުގަނޑު ރައްދު ދޭނެކަން އެނގޭނެ."

އައިޝާގެ މި ދަތުރުގައި އޭނާގެ ދިރިއުޅުން އައު އުސްމިނަކަށް ގެންގޮސްދިނީ 'ކައްޕިއެއް'ގެ ގޮތުގައި އޭނާގެ ހަޔާތަށް އައި މި ޒުވާނާ އެވެ.

"އަޅުގަނޑާ ދިމާލަށް މީހުން ކައްޕި ކިޔަން ފެށީ ރަށުގައި ހަވީރު ފިންޏަށް ގޮސް ފުޓްބޯޅަކުޅުނުއިރު އަޅުގަނޑު ވެސް އޭރުގެ ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިބްރާހިމް (ކައްޕި) ހެދިގެން އުޅުނު ވަރުންހެން ހީވަނީ،" ހަރުވެފައިވާ ވަނަމުން ފަށައިގެން މުހައްމަދު ބުނެލި އެވެ.

އެއާއެކު އައިޝާ ބުނެލީ މިހެންނެވެ.

"އަސްލު މި ކައްޕި އަކީ އަޅުގަނޑު ހޯދި މީހެއް ނޫން އިނގޭ. އަޅުގަނޑު ހޯދީ ކައްޕި."

"އެއީ ތެދެއް. އެންމެ ފުރަތަމަ އިންސްޓަގްރާމުން މެސެޖުކުރަން ފެށުނީ. ދެ މީހުން އަލަށް ވެސް ބައްދަލުވީ އޭގެ މަހެއްހާ ދުވަސް ފަހުން."

އޭރު އަދި ދެ މީހުން ތިބީ ވަރަށް ދުރުގަ އެވެ. ހިތާއި މަސައްކަތުގެ މާހައުލުގައި ވެސް މެ އެވެ. ދެ މީހުން އޭރު މަސައްކަތްކުރަމުން ދިޔައީ ދެ ރިސޯޓެއްގަ އެވެ.

އައިޝާ އާއި މުހައްމަދު އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯއެއް: މުހައްމަދު ބުނަނީ އައިޝާގެ ސަކަ މިޒާޖުން އޭނާގެ ހިތް އެއްކޮށް 'ވިހަވިޔަސް' އެއީ ޒަހަރެއް ނޫން ކަމަށް.

މުހައްމަދު ކިޔައިދިން ގޮތުން ނަމަ ރިސޯޓް ލައިފަކީ އަދި ރިސޯޓް ވަޒީފާ އަކީ އޭނާގެ ސްކޫލް ދައުރަށް ފަހު ވަޒީފާގެ މާހައުލަށް ނުކުތް ހިސާބުން ނޭވާލަމުން އަންނަ ދާއިރާ އެވެ. ޅ. ނައިފަރަށް އުފަން 35 އަހަރުގެ މި ޒުވާނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ ކޮމަންޑޫ އައިލެންޑް ރިސޯޓްގަ އެވެ.

"އެތަނުގައި އަޅުގަނޑު ވެސް އުޅުނީ ރިސެޕްޝަނިސްޓެއްގެ ވަޒީފާގައި. ރީތި ރަށް މިއީ އަޅުގަނޑުގެ ތިންވަނަ ރިސޯޓް. އެންމެ ގިނަ ދުވަސްވަންދެން އަޅުގަނޑު މަސައްކަތްކުރި ރިސޯޓަކީ ވެލައްސަރު. އެތަނުގައި ނުވަ އަހަރު އުޅެފައި އެ ވަޒީފާ ދޫކޮށްލީ މި ދިރިއުޅުމަށްޓަކައި،" މުހައްމަދު އޭނާގެ ސިގްނޭޗާ ހިނިގަނޑަށް ބިނދިގަތެވެ.

އައިޝާ ވެސް ހީގަތެވެ. އެކަމަކު އެއީ ހަމަ ތެދެކެވެ. މި ދެ ހިތް އެއްތަންކުރުވީ ލޯތްބެވެ. އެއްތަންކުރުވީއޭ ބުނާއިރު މިއީ ޅެންބަހުރުވައިން ސިފަކޮށްދޭ ލޯބީގެ އާލަމެއް ނޫނެވެ. ލޯބި ގެންގޮސް ދެ މީހުން އެއްތަންކޮށް އެއްފަސްކުރުވި ވާހަކަ އެވެ.

"ކައްޕި ބޭނުންވީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއް. ނަމަވެސް އަޅުގަނޑު ބުނީ އަޅުގަނޑު މެރީއެއް ނުކުރާނަމޭ ދެ މީހުން ދެ ތަނުގައި ދިރިއުޅޭކަށް، ދެ ރަށުގައި ދިރިއުޅޭކަށް،" ލޯތްބާއި ދެ ފުރާނަ އެއްފަސްކުރުމުގެ ސިޔާސަތު ފެށިގެން އައި ހިސާބުން އައިޝާ ފަށައިގަތެވެ.

"އެއީކީ ދިރިއުޅުމެއް ނޫން އަޅުގަނޑުގެ ހިޔާލުގައި. އަދި ކުރިން ކުރެވިފައިހުރި ތަޖުރިބާ އަށް ބަލާފައި ވެސް އަޅުގަނޑު ބޭނުމެއް ނުވީ އެކުގައި ދިރިނޫޅޭވޭ މީހަކާ އިންނާކަށް. އެހެންވީމަ އިންނަން ބޭނުން ނަމަ އެއް ރަށެއްގައި ދިރިއުޅެން މަސައްކަތްކުރާށޭ. އެއް ރަށަކުން ވަޒީފާ ލިބޭތޯ ބަލާށޭ ކައްޕި ގާތު ބުނީ."

އައިޝާއަށްޓަކައި މުހައްމަދުގެ ހިތުގައި އުފެދުނު ލޯތްބަކީ ސާފުތެދުވި 'ވަން އެންޑް އޮންލީ' އިހުސާސެއްކަން އޭނާ ސާބިތުކޮށްދިނީ ނުވަ އަހަރުވަންދެން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓުން ކެނޑިގެން، އައިޝާ ވަޒީފާ އަދާކުރަމުން އަންނަ ރީތި ރަށުން ވަޒީފާއެއް ކަށަވަރުކޮށްގެންނެވެ. އެތަނުގެ ހައުސްކީޕިން އިން އޭނާ އަށް ފުރުސަތެއް ލިބުނީ ތިން ބުރެއްގެ މަތިން އެޕްލައިކޮށްގެންނެވެ. ތިންވަނަ ބުރުގައި މުހައްމަދުގެ އަތުގައި ހިފީ އެ ރީތި ރަށް އެކަންޏެއް ނޫނެވެ. – އޭނާގެ ހިތަށް ފިނިކަމެއް ގެނެސްދޭ އަދި އޭނާގެ އެންމެ އުފާވެރި ހިނިތުންވުން ފުރިހަމަކަމެއް ގެނެސްދޭ އައިޝާ ވެސް މެ އެވެ.

އައިޝާ އާއި މުހައްމަދު: ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅުނަސް ދެ މީހުންނަށް އަބަދުވެސް ވަގުތު ހޯދާ ޖޯޑެއް.

އެކަމަކު ލޯބީގެ ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. ވަޒީފާ ލިބިގެން މުހައްމަދު ރީތި ރަށަށް ބަދަލުވިތަނުން ލައިގަތީ ކޮވިޑެވެ. ދެ މީހުން އެކުގައި ދެން ދިޔައީ ކަރަންޓީނަށެވެ. ވަޒީފާގެ މާހައުލަށް އަލުން ނުކުތީ އޮންލައިންކޮށް ފެށި ދަތުރުގައި އެންމެފަހުން ދެ މީހުން އެއް ތަނެއްގައި ތިބެ އޮންލައިންކޮށް ކައިވެނިކޮށް ދެމަފިރިންގެ ސިއްކަޖަހައިގެންނެވެ.

އެއަށް ފަހު މިއަށް ވުރެ އުފާވެރި ޖޯޑެއް ރާއްޖޭގެ ހޮޓެލް އިންޑަސްޓްރީގައި ވެސް ނެތްކަން ޔަގީނެވެ. ނަމަވެސް އައިޝާ އާއި މުހައްމަދު އެންމެ ބޮޑަށް ފާހަގަކުރީ އެމީހުންގެ ދިރިއުޅުމަށް ވަން އެންޑް އޮންލީ ރީތި ރަށް ގެނެސްދިން ފުރިހަމަކަމެވެ.

"ވަރަށް މަދު ރިސޯޓެއްގައި މިގޮތަށް ދެމަފިރިންނަށް އެއް ރޫމެއް ލިބޭނީ. ޕްރައިވެޓް އެކޮމޮޑޭޝަން މިގޮތަށް ކަޕްލް އަކަށް ދިނުމަކީ ވަރަށް ނުކުރާ ކަމެއް ރާއްޖޭގެ ރިސޯޓުތަކުގައި އަދިވެސް. އެކަމަކު ރީތި ރަށުން މިގޮތަށް ފަހިކޮށްދިނީމަ، މި ތަނުގައި އުޅޭއިރު މިހާރު ހީވަނީ ވަޒީފާ ނިންމާލާފައި ދެ މީހުންނަށް ދެ މީހުންގެ އަމިއްލަ ގެއަކަށް ދެވޭހެން،" އައިޝާ ބުނެލި އެވެ.

އެކަމަކު ހަމައެކަނި ބޯހިޔާވަހިކަމެއްގެ ފިނިކަމެއް ނޫނެވެ. އައިޝާ އާއި މުހައްމަދު ބުނީ މުޅި ރިސޯޓާއި މެނޭޖުމަންޓާއި ޓީމު ވެސް އެމީހުންގެ މި ލޯބީގެ ދަތުރުގައި އެއްވަރަކަށް މުހިންމު ކަމަށެވެ.

"ވަން އެންޑް އޮންލީ ރީތި ރަށް މިއީ އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް. ވަރަށް ހެލްޕްފުލް މެނޭޖުމަންޓެއް މިތަނުގައި އޮންނަނީ. އެންމެ މުހިންމު ކަމަކީ އަދި އެންމެ އުފާވާ ކަމަކީ އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި މި ރިސޯޓުން ބަލައިގަންނާތީ،" އައިޝާ ބުނެލި އެވެ.

ކޮމެންޓް (1)

ފަލާ

2 މާރިޗު 2023
ހުވަފެނަކީ ހަގީގަތެއް ނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް