ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ސައުދީގައި ފަރިތަކުރަނީ: ރޭ ވަނީ މިޔަންމާ އަތުން 7-0 އިން ބަލިވެފައި

އިންޑިއާ ކޮލިފައިވެ ރާއްޖެ އެންމެ ދަށް ދެ ޓީމުގެ ތެރޭގައި

މުބާރާތުގެ އެންމެ ފުލަށް ދިޔަ ނޮދަން މެރިއާނާ އައިލެންޑްސް ކޮޅަށް 38 ލަނޑު ވަދެފައިވޭ
10 އޮކްޓޯބަރު 2022

ރޭ މިޔަންމާ އަތުން 7-0 އިން ބަލިވުމާ އެކު އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ގްރޫޕް ޑީގައި ރާއްޖެ ކުޅޭ މެޗުތައް ސައުދީ އަރަބިއްޔާގައި ނިންލާއިފި އެވެ.

ގްރޫޕް އެންމެ ފަހު މެޗުގައި ސައުދީ އަތުން 2-1 އިން އިންޑިއާ ބަލިވި ނަމަވެސް، ސަރަހައްދީ ބޮޑު ބާރު ވަނީ އަންނަ އަހަރު އޮންނަ އޭޝިއާގެ މުބާރާތަށް ކޮލިފައިވެފަ އެވެ. އިންޑިއާއަށް އެކަން ހާސިލްކުރެވުނީ ކުވޭތު ކަޓުވާލައިފަ އެވެ.

ފަސް ޓީމު ހިމެނުނު ގްރޫޕްގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ބައި ކޮޅަށް 27 ލަނޑު ވަނެވެ. އެންމެ ލަނޑެއް ވެސް ޖެހިފައެއް ނުވެ އެވެ. 

ގްރޫޕް ބީގައި ގުއާމް ކޮޅަށް 28 ލަނޑު ވަދެފައިވެ އެވެ. އެކަމަކު އެއް ލަނޑު ޖަހާފައި ވާތީ ގެއްލުން އުޅެނީ، ރާއްޖެއެކޭ އެއްގޮތަށް، 27 ލަނޑުގަ އެވެ.

ޖުމްލަ 10 ގްރޫޕަށް ބަހާލައިގެން ކުޅުނު ކޮލިފައިން މެޗުތަކުގައި އެންމެ ގިނަ ލަނޑު ބައިކޮޅަށް ވަދެ، އެންމެ ފުލަށް ދިޔައީ އޭޝިއާގެ މުބާރާތްތަކުގައި ވަރަށް ފަހުން ވާދަކުރަން ފެށި، އެންމެ 50،000 މީހުންގެ އާބާދީއެއް އޮންނަ، ނޮދަން މެރިއާނާ އައިލެންޑްސް އެވެ. 

އޮސްޓްރޭލިޔާގައި ކުޅުނު ގްރޫޕް ޖީގައި އެ ޓީމު ކޮޅަށް 38 ލަނޑު ވަނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިޔާއިން ޖެހި 23 ލަނޑު ހިމެނެ އެވެ. ޗައިނާ އިން 11 ލަނޑު ޖަހާފައިވެ އެވެ.

މި ސަރަހައްދުން ވާދަކުރި ގައުމުތަކުގެ ތެރެއިން ރާއްޖެ އޮތީ އެންމެ ފުލުގަ އެވެ. ބޫޓާން ހިމެނުނު ގްރޫޕް އީގެ މެޗުތައް ނިންމާލީ ބައިކޮޅަށް 11 ލަނޑު ވަދެގެންނެވެ.

ގްރޫޕް އެފްގެ ފުލަށް ނޭޕާލު ދިޔަ އިރު 12 ލަނޑު ވަދެ، ދެ ލަނޑު ޖަހާފައިވެ އެވެ.

ގްރޫޕް އީގައި ބަންގްލަދޭޝް ނިންމާލީ ހަ ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެކަމަކު އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ވަނަ ޓީމުތަކުގެ ތެރޭގައި ނުހިމެނޭތީ އޭޝިއާގެ މުބާރާތަށް ކޮލިފައިއެއް ނުވެ އެވެ. ބަންގްލަދޭޝްގެ ލަނޑުގެ ތަފާތު އުޅުނީ، ގެއްލުން އެއް ލަނޑުގަ އެވެ. އިންޑިއާ އިން ފައިދާއަށް 10 ލަނޑު އޮތެވެ.

ސްރީ ލަންކާ ވަނީ ފަހު ވަގުތު މުބާރާތުން ވަކިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް