ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ދަރިފުޅުގެ މުސްތަގުބަލަށް ރަނގަޅު ގޮތް ހަދަން ކަމަށް ބުނެ ގައުމު ދޫކޮށް އައިސް ހުރި ނަތާ، އަހަރެން ގާތުން ވަރިވާން އެ އުޅެނީ، ދަރިފުޅަށް ކޮން ގޮތަކުން ރަނގަޅުވާނެތީ ހެއްޔެވެ؟
13 އޮކްޓޯބަރު 2022

އެޕިސޯޑް 22

ކޮޅަށް ހުރި ނަމަ އެނބުރުން އަރައިގެން މީހާ ވެއްޓޭނެކަން ޔަގީނެވެ.

"އިވިއްޖެތަ އަހަރެން މި ބުނި އެއްޗެއް؟" ނަތާ ބުނި އަޑު އިވުނެވެ. "އަހަރެން ވަރިކޮށް ދޭށޭ."

އަހަރެންނަށް ހުރީ ހަރަކާތްކޮށްލަން ނޭނގިފައެވެ. އެފަދަ ކަމަކަށް ތައްޔާރު ވެގެންނެއް ވެސް ނޫނެވެ. އަނބިމީހާ ފިރިމީހާ ގާތު ވަރިއަށް އެދޭނީ ފިރިމީހާގެ ފަރާތުން އަނބިމީހާ ބޭނުންވާ ކަންކަން ނުވުމުންނެވެ. ނުވަތަ އަތް އިސްކޮށް އަނިޔާވެރިވުމުންނެވެ. ނުވަތަ އެހެން ވެސް ނޭދެވޭ ނުރަނގަޅު ސިފަތަކެއް ހުރުމުންނެވެ. އެހެންނޭ ކިޔައި އަހަރެންގެ ކިބައިގައި ނަތާ ނޭދޭ ހުރީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެން ގަބޫލު ކުރަމެވެ. މިއީ ފުރާ ފުރިހަމަ މީހަކަށް ނުވެދާނެވެ. އެކަމަކު ކަމުނުދާ އެންމެ ކަމެއް ދެއްކި ނަމަވެސް އެކަން އަހަރެން ރަނގަޅު ކުރާނީ ހިތުން ރުހުމުންނެވެ.

"ހަމަ އެންމެ ސުވާލެއް. ކޮން ކަމެއް އަހަރެންނަށް ގޯސްކޮށް ކުރެވުނީ؟" ބެދިފައިވާ އަޑަކުން އަހަރެންނަށް ބުނެވުނެވެ.

"ދަރިފުޅަށް އަޅާނުލާތީ. އަނބިމީހާއަށް ހަރަދު ނުދޭތީ. މި ސަބަބުތައް މަދުތަ؟" ނަތާ އެހެން ބުނީ ޖެއްސުމަށްކަން އަހަންނަށް ވިސްނުނެވެ. ފައިސާ ފޮނުވުން ހުއްޓާލީމާ އެކަމަށް އިޝާރާތްކޮށް ބުނި އެއްޗެއްކަން ވެސް އެނގުނެވެ.

"ނަތާ ތިހެން ނުބުނޭ. ދަރިފުޅަށް އަޅާނުލާފައި ކޮބާ؟ ފައިސާ ފޮނުވުން މި މަހު ކުޑަކޮށް ލަސްވީއޭ،" އަހަރެންނަށް ދޮގެއް ހަދަން ޖެހުނެވެ. ހިތަށް އެރިއެވެ. ފައިސާ ފޮނުވުނު ނަމަ މިއަދު މިހެންނެއް ނުވީހެވެ.

"ލަސް ވިޔަސް އަވަސް ވިޔަސް އެންމެ ރަނގަޅޭ. ދެން އަހަރެން ބޭނުމެއް ނޫން ލިފާންއާ އެއްކޮށް އުޅޭކަށް. އަހަރެން މި އެދޭ އެދުން ފުރިހަމަ ކޮށްދީ. އަހަރެން މިނިވަން ކޮށްދީ. މިއީ ލިފާން ގާތުގައި އަހަރެން އެދޭ އެންމެ ފަހު އެދުން ކަމަށް ބަލާ." އިތުރު އެއްޗެއް ނުބުނެ ނަތާ ފޯނު ކަނޑާލިއެވެ.

ޖަހާފައި އިން ބުދެއްހެން އަހަރެންނަށް އިނދެވުނީއެވެ. ދަރިފުޅާ މެދު ވިސްނާލެވުނެވެ. އެހާ ޅައުމުރެއްގައި އޭނާ ތަހައްމަލު ކުރަން ޖެހޭނެ ހިތްދަތިކަން ހިތަށް އަރުވާލެވުނެވެ. ނަތާ ބުނި އެއްޗަކަށް ވިސްނާލެވުނެވެ. ނަތާ ބޭނުންވީ ދަނޑިވަޅެކެވެ. މައްސަލައަކަށްވީ ފައިސާއެއް ނޫނެވެ. ބޭނުންވީ އަހަރެން ކިބައިން މިނިވަންވާށެވެ. މިފަދަ ވަގުތަކަށް އިންތިޒާރު ކުރާކަން ނަތާގެ އެ ޖުމްލައިން އަހަންނަށް ފާހަގަ ކުރެވުނެވެ. ނަތާގެ އެ އެދުން ފުރިހަމަ ކޮށްދޭނެ ހިތްވަރު އަހަރެން ނެރޭނީ ކޮންތާކުން ހެއްޔެވެ؟ ކަށިން މަދު ނަގާފައި އަހަރެން މަސައްކަތް ކުރީ ހަޔާތުގެ ނައު، އުފާ ފާގަތި އައްސޭރިއަކަށް ބަނދަރު ކުރެވޭތޯއެވެ. ނަމަވެސް މަންޒިލެއް ނެތި ދަތުރު ކުރަމުން ދިޔަ ނައު މިއަދު ކޮޅިގަނޑުގައި ޖެހިއްޖެއެވެ. ރިޔާ ވީދައިގެން ދިޔައެވެ. ތަންތަނުން ފޫގޮސް ލޮނު އަރައި ދިޔަވެއްޖެއެވެ. ދިޔަ ހިއްކާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ.

ދިރިއުޅުމުގެ ބިނާގެ ބިންގާ އެޅުނީ ކަތިކޮށް ކަން މިއަދު ވިސްނިއްޖެއެވެ. އެކަމަކު މިހާރު ވަގުތު ފާއިތުވި ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކިތަންމެ ސީދާ ކުރަން އުޅުނު ކަމުގައި ވިޔަސް އެ ކަމެއް ނުވާނެކަން ހިތަށް އެރިއެވެ.

ނަތާގެ އެ އެދުމަށް އަހަރެން ބީރު ކަންފަތެއް ދިނީމެވެ. ނަތާ އެދޭ ގޮތަށް އެ ކަމެއް ނުކުރާނަމޭ އަހަރެންގެ ހިތަށް އެރިއެވެ. ފޯނު ނުނަގައި އުޅެން ފެށީމެވެ. ދަރިފުޅާ ވާހަކަ ދައްކަނީ ލަތީކާގެ ފޯނުންނެވެ. އަހަރެން ނަތާއަށް ފައިސާ ފޮނުވަމެވެ. އަހަރެންނަކީ އެހާ ހިތް ހަރު މީހެއް ނޫނެވެ. އަދިވެސް ނަތާ އަކީ އަހަރެންގެ އަންހެނުންނެވެ. ނަމަވެސް ނަތާ އެކަމެއް ނުދަތެވެ. އެންމެ ފަހުން އަހަންނަށް ޖެއްސުން ކުރަން ފެށިއެވެ. ލަތީކާގެ ފޯނަށް ނުގުޅޭ ގޮތް ހެދިއެވެ. ނަތާއަށް އެނގުނެވެ. ދަރިފުޅު ދެކެން ބޭނުން ނަމަ އަހަރެން ދެން ޖެހޭނީ މެލޭޝިއާއަށް ދާށެވެ. ނަތާއާ ކުރިމަތިލާށެވެ. އެންމެ ފަހުން ނަތާ އަހަރެންނަށް އިންޒާރު ވެސް ދޭން ފެށިއެވެ. ހިތަށް އެރިއެވެ. އިންޒާރުދީގެން އޭނައަށް ކުރެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު އެއީ އުފެދެންވީ ސުވާލެއް ނޫނެވެ. އުފެދެންވީ މި ސުވާލެވެ. ނަތާއަށް ކުރަން ހަމަ ނޫން ހަމަ އެއް ކަމެއް ވެސް ނޯވޭ ހެއްޔެވެ؟

އެންމެ ފަހު ގޮތެއް އަހަރެން ނިންމީމެވެ. ނަތާ ގާތަށް ދިޔުމަށެވެ. ދަރިފުޅު ނުފެނި ވާހަކަ ނުދައްކާ މާ ގިނަ ދުވަހަކު އަހަންނަކަށް ނުހުރެވޭނެއެވެ. އެކަން ނަތާއަށް އެނގެއެވެ. ނަތާ ފެނުމުން އެހެންޏާ ނުވާ ގޮތެއް އަހަރެންނަށް ވިއެވެ. ޒާތެއްގެ އުނދަގުލެއް ވިއެވެ. ހިތަށް ތަދުވިއެވެ. ބޭވަފާތެރިކަމުގެ ލާމަސީލެއް ފެންނަހެން ހީވިއެވެ. ކުރިމަތިން ފެންނަން ހުރީ އަހަރެން ދަންނަ ނަތާއެއް ނޫނެވެ. މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ނަފުރަތުގެ ކުލަވަރެވެ. ނަތާއަށް ވެގެން ވާ ނަމަ އަހަރެންނާ ކުރިމަތި ވެސް ނުލާނެއެވެ. މީހާގެ މޫނުމަތިން ނުދައްކަން ބޭނުންވާ ކިތަންމެ މާނައެއް ދެއްކިދާނެއެވެ.

އަހަރެން ޒުފާން ގައިގައި ބައްދާލީ އަސަރާއެކުގައެވެ. ހިފަހައްޓަން މަސައްކަތް ކުރި ކަރުނަތައް ބޭއިހުތިޔާރުގައި ލޮލުން އޮހިގަތެވެ. ޒުފާންގެ މޫނުގައި އެތައް ފަހަރަކު ބޮސް ދެވުނެވެ. ޒުފާން ގޮވައިގެން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. ޒުފާންގެ ކޮޓަރިއަށެވެ. އަދި ވަށައިގެން ބަލާލީމެވެ. މިއީ އެތަން ހެއްޔެވެ؟ ދަރިފުޅުގެ ކޮޓަރީގައި ހިލޭ ފިރިހެނެއްގެ އުނގުގައި ރޭތައް ހޭދަ ކުރި އިރު ނަތާ ހެއްދެވި ފަރާތް މަތިން ބިރު ވެސް ނުގަންނަނީ ހެއްޔެވެ؟ ނަތާގެ ގޮތްކުޑަކަން އަހަރެންގެ ހިތަށް އެރިއެވެ. އެއް ދޮގު ފޫ ބައްދަން ހާސް ދޮގު ހެދިއެވެ. އެއް ކަންތައް ސިއްރު ކުރަން ހާސް ކަންތައް ކުރިއެވެ.

"އަހަރެން ބުނި ކަންތައް ކޮށްދޭނީ ކޮން އިރަކު؟" ފަހަތުން ނަތާގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ.

"ނަތާ ޕްލީޒް..." އަހަރެން އެދުނީމެވެ.

"ލިފާން ޕްލީޒް. އަހަރެން ބޭނުމެއް ނޫން މާ ގިނަ ވާހަކަ ދައްކާކަށް. އަހަރެންނަށް ވަގުތެއް ނެތް. ލިފާން ބޭނުން ނަމަ މިއަދުން މިއަދަށް ވެސް މިކަން ކޮށްދީ،" ނަތާ އަހަރެންނާ ދިމާލަށް އަތް ދިއްކޮށްލަމުން ބުންޏެވެ.

އަހަރެން އެ ކޮޓަރިން ނުކުތީމެވެ. ފަހަތުން ނަތާ ވެސް އައެވެ.

"ބުނެބަލަ ދެން. ކޮން އިރަކުން މި ކަން ވާނީ؟" ނަތާ ކުރެއް ނުކުރިއެވެ.

"ހިނގާ މާލެ ދާން،" އަހަރެން އެދުނީމެވެ.

"އޯކޭ. މާލެ ގޮސްފައި ޖެހޭނެ ވަރި ކުރަން. އަހަރެން ބޭނުމެއް ނޫނޭ މިހާރު ލިފާންއާ އެއްކޮށް އުޅޭކަށް. އަހަންނަށް މަޖުބޫރު ނުކުރާތި." ނަތާ ހިނގައިގަތެވެ. އަދި އެއްޗެއް ހަނދާން ވެގެން ހުއްޓުނެވެ. "ލިފާން ބޭނުން ކޮންމެ ގަޑިއެއްގައި ދަރިފުޅާ ބައްދަލު ކުރެވޭނެ."

އަހަރެން ހައިރާންވިއެވެ. ނަތާ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަހަރެން އިތުރަށް ދެރަ ކުރުން ހެއްޔެވެ؟ ނަތާއަށް އޭނާ ބެލެހެއްޓޭނީއެއް ނޫނެވެ. ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެއެވެ. ވުމާއެކު އެކަން ކުރަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ ދަރިފުޅާ ނުލައި އުޅުން ވާނީ އަހަރެންނަށް ބޮޑު ވޭނަކަށެވެ. ނަތާ ގާތުގައި އާދޭސް ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެ ނޫން ގޮތެއް ވެސް ނެތެވެ.

"ނަތާ ތިހެން ނުހަދާ. އޭނަގެ ކޮން ކުށެއް މި ކަމުގައި އޮތީ؟ އޭނަގެ މުސްތަގުބަލަށްޓަކައޭ ކިޔާފައި ނަތާ މެލޭއަށް ޗޭންޖްވީ. އަމިއްލަ އުފަލަށްޓަކައި ދަރިފުޅަށް މިހާ ބޮޑު ދެރައެއް ދޭކަށް ހެޔޮނުވާނެ. ތި ނިންމުން ބަދަލު ކުރޭ." އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

"އަހަރެން ބޭނުމެއް ނޫން ތި ހާސަރުތައް އަޑުއަހާކަށް." ނަތާ ފަސް އެނބުރި ބަލާވެސް ނުލައި ނުކުމެގެން ދިޔައެވެ.

އަހަރެންގެ ދުލުން ބަސް ހުސްވަންދެން ނަތާއަށް ވިސްނާ ދެވޭތޯ އުޅުނީމެވެ. އެނބުރި މާލެ އައީ ކުޑަ ނަމަވެސް ހެޔޮ ބަދަލެއް ހަޔާތަށް އަންނާނެ ކަމަށް އުންމީދު ކުރަމުންނެވެ. އަޑެއް ނޭހިއެވެ. ބަސް ގަބޫލެއް ނުކުރިއެވެ. ނަތާގެ މަންމައާ ވެސް ވާހަކަ ދެއްކީމެވެ. މައިދައިތައަށް ގޯސްވީ އަހަރެންނެވެ. ނަތާގެ ވާހަކަ އަލިފުން ޔާއަށް ހުރިހާ ހަގީގަތެއް އޭނާއަށް އެނގެއެވެ. އެކަމަކު ވެސް އާހިރުގައި ހުރިހާ ނުބައެއް ހަދާފައި އޮތީ އަހަރެން ކަމަށް ވިއެވެ. ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ދެކެވުނު ވާހަކަ ބޭރަށް ލެވުނެވެ. އަހަރެންގެ އާއިލާއަށް އެނގުނެވެ. މަންމަ އާއި މާމަގެ އިތުރުން ދޮންބެ ވެސް ނަތާއަށް ނަސޭހަތް ދިނެވެ. ވީ ކަމެއް ހަރާމެވެ. ނަތާގެ ނަޒަރުގައި އަހަރެން މިއީ ގޮތް ބޮޑު ފިރިއެކެވެ. ކުދިކުދި ކަންކަން ފަރުބަދަ ވަރު ކުރާ މީހެކެވެ. މިއަދު އަހަރެން ކިބައިގައި ނަތާއަށް ކަމުދާ އެއްވެސް ކަމެއް ނެތެވެ.

އެންމެ ފަހުން ނަތާ ވަރިކުރީމެވެ. ދަރިފުޅުގެ މޫނު ފެނިފައި ވަރަށް ގިނަ އެއްޗެހި ހިތަށް އެރިއެވެ. އަހަރެންގެ ބަސް ގަބޫލުކޮށް ކިޔަމަންތެރިވެގެން ހުރި ނަމަ މިއަދު ނަތާ އާއި ޒުފާންގެ މުސްތަގުބަލު ކިހާ އުޖާލާ ވީސް ހެއްޔެވެ؟ ދަރިފުޅު ހަރުދަނާ މީހަކަށް ހެދުނީހެވެ. މިއަދު އޭނާގެ ހަޔާތް ވެއްޔާ އެ މޮޑެލީ ނަތާގެ ދެ އަތުންނެވެ. ވިޔާނުދާ މަންމައެއްގެ ދެއުޅިއެއްނުވާ ދިރިއުޅުމުގެ ހިތި ރަހަ ދަރިފުޅަށް އެ ދެވުނީ އޭނާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ ދަރިފުޅު ގާތުގައި ބުނަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުއްޓެވެ. ނަމަވެސް ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ.

ނަތާގެ އުޅުން ބަދަލު ކުރައްވާތޯ ކެނޑިނޭޅި އަހަރެން ދުއާ ކުރީމެވެ. ޒުފާން ހުންނަނީ ނަތާގެ މަންމަ ކައިރީގައެވެ. ހަފުތާއަކު ހަތަރު ދުވަހު އަހަރެން ޒުފާންއާ ބައްދަލު ކުރަމެވެ. ޕާކްތަކަށް ދަމެވެ. މަންމަގެ ގެއަށް ވެސް ގެންނަމެވެ. މަޖާ ވާހަކަތައް ދައްކާ ސަކަރާތްޖަހަމެވެ. ވަރިކުރި ފަހުން އަހަރެން ނަތާއެއް ނުދެކެމެވެ. ނަތާ ވީ މެލޭޝިއާގައޭ މީހަކު ބުނާތީ އަޑުއެހީމެވެ.

އޭގެ އަހަރެއް ފަހުން ނަތާ ފެނުނެވެ. ނަތާއަށް އައިސްފައި ހުރި ބަދަލު ފެނުމުން އަހަރެން ހައިރާންވިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް