ޒުވާން ޑިފެންޑަރު ބޮޓްމަން ނިއުކާސަލް އަށް
ފްރެންޗް ލީގުގެ ލިލްގެ ޒުވާން ޑިފެންޑަރު ސްވެން ބޮޓްމަން ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ވިއްކާލަން އެ ކްލަބުން އެއްބަސްވެއްޖެ އެވެ.
ނެދަލެންޑްސްގެ ބޮޓްމަން އަކީ މިވަގުތު މުޅި ދުނިޔެ އިން އެންމެ ފާހަގަކޮށްލެވޭ އެއް ޒުވާން ޑިފެންޑަރެވެ. އޭނާ ހޯދަން ޕްރިމިއާ ލީގުގެ ލިވަޕޫލުން ވެސް މަސައްކަތްކުރި އެވެ. އަދި އޭނާއާ އެކު އިޓަލީގެ އޭސީ މިލާނުން އަނގަބަހުން އެއްބަސްވުމަކަށް އަ އެވެ. އެކަމަކު ނިއުކާސަލް އިން ބޮޑު އަގެއް ހުށަހެޅުމުން ލިލް އިން ނިންމީ އޭނާ އެ ޓީމަށް ވިއްކާލާށެވެ.
ސައުދީ އަރަބިއާގެ ސޮވެރިން ވެލްތު ފަންޑުން ހިންގާ މުއްސަނދި ނިއުކާސަލް އިން ބޮޓްމަން ގަތީ 32 މިލިއަން ޕައުންޑަށެވެ. އަދި އިތުރު 2.5 މިލިއަން ޕައުންޑް ދޭނެ އެވެ.
އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ވަނީ ނިއުކާސަލްގެ މެޑިކަލް ޓެސްޓް ފުރިހަމަކޮށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދަން އެއްބަސްވެފަ އެވެ. އެކަމަކު ރަސްމީކޮށް ހުރިހާ ކަމެއް ފައިނަލް ވާނީ މި ހަފުތާގަ އެވެ.
ނިއުކާސަލް އިން ވަނީ އެސްޓަން ވިލާގެ ވާތު ބެކް މެޓް ޓާގެޓް އާއި ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕް ގެނެސްފަ އެވެ. އިންގްލެންޑުގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ކަމަށްވާ ނިއުކާސަލް އަތުގައި މިހާރު ފައިސާ ހުރުމުން އެ ޓީމުން އަންނަނީ އަނެއްކާ ވެސް އިނގިރޭސި ފުޓްބޯޅައިގެ މަތީ ހަރުފަތަށް އަރަން މަސައްކަތްކުރަމުންނެވެ. އެލެން ޝިއެރާގެ ޒަމާނަށް ފަހު އެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވެސް އޮތެވެ.
އެ ޓީމަށް ގެންދިޔަ ބޮޓްމަން އަކީ ނެދަލެންޑްސްގެ މަޝްހޫރު އަޔަކްސް އެމްސްޓްރެޑަމް އެކަޑަމީގެ އުފެއްދުމެވެ. އެކަމަކު އޭނާ އަށް އެ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އޭނާ ކުޅުނީ އަޔަކްސްގެ ދެ ވަނަ ޓީމާއި ހީރެންވީން އަށެވެ. އޭނާ ވިދާލީ 2020 ވަނަ އަހަރު ލިލް އަށް ބަދަލުވީ ހިސާބުންނެވެ.
މިހާތަނަށް ނެދަލެންޑްސް ސީނިއާ ޓީމަށް މެޗެއް ނުކުޅުނު ނަމަވެސް އޭނާ ވަނީ އެ ގައުމުގެ ހުރިހާ އުމުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.