Majlis 2024

އެޕަލް އައިފޯން 13 (ފޮޓޯ/ އެޕަލް)

އައިފޯން

ޗައިނާ-ޓައިވާނު މައްސަލައާ ހެދި އެޕަލްއިން އައިފޯން 14 ލޯންޗުކުރުން ފަސްކޮށްފާނެ: ރިޕޯޓު

ޗައިނާއިން ދަނީ ޓައިވާނުން ފޮނުވާ އުފެއްދުންތައް ގަވާއިދަށް ފެތޭތޯ ހަރުކަށިކަމާ އެކު ބަލަމުން

ޗައިނާ އާއި ޓައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ހެދި އެޕަލްގެ އައިފޯން 14ގެ ޝިޕްމަންޓުތައް ލަސްވެ، އައިފޯން 14 ލޯންޗުކުރުން އެޕަލް އިން ފަސްކޮށްފާނެ ކަމަށް ޖަޕާނުގެ ނިކޭއިން ރިޕޯޓުކޮށްފި އެވެ.  

ޓައިވާނުގެ އުފެއްދުންތައް ރަނގަޅަށް ލޭބަލްކޮށްފައި ހުންނަން ޖެހޭ ގަވާއިދެއް ޗައިނާއިން ވަރުގަދައަށް ތަންފީޒުކުރަން ފަށާފައިވާ ކަމަށް މި ރިޕޯޓުގައި ވެ އެވެ. އަދި މި ގަވާއިދާ ހިލާފުވެއްޖެ ނަމަ ޝިޕްމަންޓުތައް ލަސްކޮށް ނުވަތަ އެކީ ބޭރުކޮށްލުމުގެ ބާރު ވެސް ޗައިނާގެ އޮފިޝަލުންނަށް އޮވެ އެވެ.

ޗައިނާއިން ޓައިވާނުގެ އުފެއްދުންތަކާ މެދު ހަރުކަށިކޮށް ފިޔަވަޅު އަޅަން ފަށާފައި މި ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރި ގޭގެ ރައީސް މިދިޔަ ހަފްތާގައި ޓައިވާނަށް ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެނެވެ.

އެޕަލް އައިފޯނަށް ބޭނުންވާ ޗިޕުތައް އުފައްދަމުން ދަނީ ޓައިވާން ސެމީ ކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ ލިމިޓެޑް (ޓީއެސްއެމްސީ) އިންނެވެ. އަދި ދުނިޔޭގެ އެކި މާކެޓުތަކަށް އައިފޯނުތައް ފޯރުކޮށްދިނުމަށް ޗައިނާއަކީ އެޕަލްގެ މައި ހަބެވެ. ޗައިނާ-ޓައިވާނު ގުޅުމުގެ ސަބަބުން އެޕަލްގެ ޝިޕްމަންޓުތަކަށް މަޅި އަރާފާނެކަމުގެ ހަބަރުތައް އައިސްފައި މިވަނީ އެޕަލްއިން އާދައިގެ މަތިން މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އައިފޯނުގެ 14 ވަނަ މޮޑެލް ލޯންޗުކުރަން ތައްޔާރުވަމުން ދަނިކޮށެވެ. 

ޓައިވާނުގައި އުފައްދާ ބައިތައް ލޭބަލްކުރުމުގައި 'ޓައިވާން، ޗައިނާ' ނުވަތަ 'ޗައިނީސް ޓައިޕޭ' ޖެހުމަށް ޝަރުތުކުރާ ޒަމާންތަކެއްވީ ގަވާއިދެއް ޗައިނާއިން ހަރުކަށިކޮށް ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެޕަލްއިން ވަނީ މިފަހުން އެ ކުންފުނީގެ ޗައިނާ ސަޕްލަޔަރުންނަށް އަންގާފަ އެވެ. ޓައިވާނުގެ އުފެއްދުންތަކުގައި ޗައިނާގެ ނަން ނުހިމަނައި ހަމައެކަނި 'މޭޑް އިން ޓައިވާން' ޖަހާފައިވާ ނަމަ މި ގަވާއިދާ ހިލާފުވާނެ އެވެ. އަދި މި ގޮތަށް ހިލާފުވާ ކޮންމެ ފަހަރަކު 4،000 ޗައިނީސް ޔުއާން (590 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް، ޝިޕްމަންޓުތައް އަނބުރާ ފޮނުވާލުމުގެ އިހްތިޔާރު ވެސް ޗައިނާގެ ކަސްޓަމްސްއަށް އޮންނާނެ އެވެ.

މި ގޮތަށް ކަންތައްތައް މެދުވެރިވާން ފަށައިފި ނަމަ އައިފޯން 14 ލޯންޗުކުރުން ފަސްކުރަން އެޕަލްއަށް މަޖުބޫރުވާނެ ކަމަށް ނިކޭއިން ރިޕޯޓުކޮށްފައި ވެ އެވެ. އަދި މިދިޔަ ހަފްތާގައި ޓައިވާނުން އުފައްދާފަވާ ޗިޕުތަކުގެ ޝިޕްމަންޓެއް ޗައިނާގެ ކުންފުންޏަކަށް ފޯރުމުން އެ ތަކެތި އިމްޕޯޓު ގަވާއިދުތަކަށް ފެތޭތޯ ޗައިނާއިން ބަލާފައިވާ ކަމަށް ވެސް ނިކޭއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޕަލްގެ ސަޕްލައިތަކަށް ކުރިމަތިވެދާނެ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ނިކޭގެ ރިޕޯޓުގައިވެ އެވެ.

ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ، އެކި ސަބަބުތަކާ ހެދި، އޮރިޖިނަލް ސާމާނު އުފައްދާ ގިނަ ކުންފުނިތަކަކަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ކުރިމަތިވި ސަޕްލައިގެ ގޮންޖެހުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިޔާ-ޔޫކްރެއިނު ހަނގުރާމައާ ގުޅިގެން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ، އަދި މިހާރު ޗައިނާ-ޓައިވާނު މައްސަލައާ ގުޅިގެން އިތުރަށް ކަންކަން ގޯސްވާން މިވަނީ ތައްޔާރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް