ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ، ފިނޭންސް މިނިސްޓަރުގެ ޒިިންމާތަކާ މިދިޔަ މޭ 25ގައި ހަވާލުވެވަޑައިގެން އެ މަގާމުގެ ހުވާކުރައްވަނީ. (ފޮޓޯ/އޭޕީ)

ސްރީ ލަންކާ

ލަންކާ އިން ތެޔޮ ހުސްވުމުން ރައްޔިތުން ގޭގައި މަޑުކުރަން އަންގައިފި

ސްރީ ލަންކާ އިން ތެޔޮ ހުސްވުމާ ގުޅިގެން ރޭ ދަންވަރު 12 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރައްޔިތުން ގޭގައި ތިބުމަށް ކެބިނެޓްގެ ތަރުޖަމާނު ބަންޑުލާ ގުނަވަރުދަނާ އަންގަވައިފި އެވެ.

ލަންކާގެ ތާރީހުގައި ނުދެކޭ ފަދަ ތަދުމަޑުކަމެއް އެ ގައުމުން އަންނަނީ ބަރުދާސްތު ކުރަމުންނެވެ.

ލަންކާގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މި ދުވަސްވަރު މުހިންމު ތަންތަނަށް އެކަނި ތެޔޮ ފޯރުކޮށްދިނުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޯޓާއި ސިއްހީ ތަންތަނާއި ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކާއި ދަނދުވެރިކަމާ ބެހޭ ސާމާނާއި ދަނޑުވެރިން އުފައްދާ ތަކެތި އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދޭ ފަރާތްތަކެވެ.

ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ވިދާޅުވީ އެ ނޫން ހުރިހާ ސެކްޓަރުތަކުގެ މީހުން ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި މި ދަތި އުނދަގޫ ދަނޑިވަޅުގައި އެގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެދޭ ކަމަށެވެ. ގުނަވަރުދަނާ ވިދާޅުވީ އެ ގޮތަށް އަމަލުނުކޮށް މިހާރު އަތުގައި ހުރި މަދު ތެލުގެ ސްޓޮކް ހެޔޮ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

މާ ބޮޑު ތަފުސީލެއް ނުދެއްވައި ގުނަވަރުދަނާ ވިދާޅުވީ އަންނަ މަހުގެ 10 އިން ފެށިގެން ތެލުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

ދައުލަތުގެ ބަހުގެ ހިދުމަތް ދޭ ކުންފުނިން ވެސް ކުރަނީ ހަމައެކަނި ކުރު ދަތުރުތަކެވެ. އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ކުރާ ދަތުރުތައް ހުއްޓޭނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ އުންމީދު ކުރައްވަނީ ޓޫރިޒަމްގެ ހިދުމަތާއި އެކްސްޕޯޓްގެ ހިދުމަތް ކުރާ އަމިއްލަ ފަރާތްތަކުން ހުއްޓުމެއް ނެތި ހިދުމަތް ދޭނެ ކަމަށެވެ.

ލަންކާގައި ބޭރު ފައިސާ ތާށިވެ، އިގްތިސާދު ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. އަދި ހައްދެއް ނެތި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަން ވަނީ އަތް ނުފޯރާ ހަމައަށް މައްޗަށް ގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް