ފުވައްމުލަކު ހޮސްޕިޓަލް: މިދިޔަ މަހުގެ ކުރީކޮޅު މި ހޮސްޕިޓަލްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި.
ފުވައްމުލަކުގައި ކުއްޖާ މަރުވީ އިހުމާލުން؛ ޑޮކްޓަރުންނާއި ނަރުހުންނަށް ފިޔަވަޅު އަޅަން އަންގައިފި
މިދިޔަ މަހުގެ ކުރީކޮޅު ފުވައްމުލަކު ހޮސްޕިޓަލްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު މަރުވީ އެ ކުއްޖާގެ ހާލަތު ބެލުމެއް ނެތި ދިން ނުގުޅޭ ފަރުވާތަކެއްގެ ސަބަބުން ކަމަށް ވާތީ އެ ކަމުގައި އިހުމާލުވި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން އަދި އިދާރީ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ހެލްތް މިނިސްޓްރީން އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ބަނޑުގައި ރިިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަން މަރުވީ އޮކްޓޯބަރު 3ގައި އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސަދާ މަރުވީ ހޮސްޕިޓަލްގެ ފަރުވާކުޑަކަމުން ކަމަށް ބުނެ އާއިލާ އިން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަން ފެށުމުން ހެލްތުން ނިންމީ އެ މައްސަލަ ބެލުމަށެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މިއަދު އެ ކުއްޖާގެ ބައްޕައަށް ހެލްތުން ދިން މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ފުވައްމަލަކު ހޮސްޕިޓަލުން ސަދާއަށް ފަރުވާ ދޭން ފެށުމުގެ ކުރިން އޭނާއަށް އެޓެންޑުވި ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑޮކްޓަރު ސަދާއަށް ދިމާވަމުން އައި ސިއްހީ މައްސަލަ ދެނެގަތުމަށް އެއްވެސް ވަރަކަށް އިވެލުއޭޝަނެއް ހަދައި ކުއްޖާއަށް ދިމާވަމުން އައި ސިއްހީ މައްސަލަ ބަލާފައި ނުވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ސަދާއަށް ހޮސްޕިޓަލުން ނުބައި ފަރުވާތަކެއް ދެވުމުގެ ސަބަބުން ކުއްޖާ މަރުވީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، ރިޕޯޓުގައި ފާހަގަކޮށްފައި ހުރި އެހެން އިހުމާލުތަކަކީ:
-
ފުވައްމުލަކު ހޮސްޕިޓަލުން ކުއްޖާއަށް އެކި ފަހަރު މަތިން ފަރުވާ ދިން ޑޮކްޓަރުން ކުއްޖާގެ ސިއްހީ ރެކޯޑުތައް ބަލާ ހަދަން ޖެހޭ ޓެސްޓުތައް ނުހެދުމުގެ ސަބަބުން ނުބައި ފަރުވާތަކެއް ދެވި، ކުއްޖާގެ ހާލަތު ގޯސްވި
-
ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ ވިންދު ބެލުމަކީ އެންމެ އަސާސީ ކަމަކަށް ވާއިރު ސަދާއަށް ފަރުވާ ދިން ކުޑަކުދިންގެ ޑޮކްޓަރު އެކަން ކޮށްފައި ނުވާކަން
-
ހޮސްޕިޓަލްގެ އިމަޖެންސީއަށް ބަލި ކުއްޖާ ގެންދިއުމުން އެޓެންޑުވި ނަރުހުން ކުއްޖާގެ ވައިޓަލްސް ބަލާފައެއް ނުވޭ. އަދި ކުއްޖާގެ ހާލަތު ގޯސްވަމުން ދާ ކަމަށް މަންމަ ބުނުމުން ވެސް ކުއްޖާ ހޭނެތެންދެން ނަރުހުން ކުއްޖާގެ ވައިޓަލްސް ނުބަލައި ލަސްކޮށްފައިވާކަން
-
އެމަޖެންސީ ރޫމުން ކުއްޖާ ވޯޑަށް ބަދަލުކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ ޝިފްޓު ބަދަލުވަމުން ދިޔައިރު ވެސް ކުއްޖާގެ ވައިޓަލްސް ބަލާފައި ނުވާކަން
-
ވޯޑުގައި ހުރި ޑޮކްޓަރު ކުއްޖާގެ ހާލަތު ބަލާފައި ނުވާ ކަމާއި ކުއްޖާގެ ބަނޑަށް މާ ބޮޑަށް ތަދުވާ ކަމަށް ބުނެ މަންމަ ޝަކުވާ ކުރުމުން ކުއްޖާގެ ހާލަތު ނުބަލައި ބޭސް ދީފައިވާކަން
-
ހާދިސާއަށް އެއް ދުވަސް ފަހުން ހޮސްޕިޓަލްގެ ރެކޯޑުތައް ބަލަހައްޓާ 'ވިނަވި' ޕޯޓަލްގައި ޕޭޝަންޓު ބެލި ކަމަށް ބުނެ ވޯޑަށް އެޓެންޑުކުރި ޑޮކްޓަރު ސޮއިކޮށްފައިވާކަން
-
ކުއްޖާގެ އެޑްމިޝަންގެ މައުލޫމާތު 'ވިނަވި' ޕޯޓަލްގައި ރެކޯޑުކޮށް، އެޕްރޫވްކުރަން ޖެހޭ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުން އެކަން ކޮށްފައި ނުވާކަން
-
ހާދިސާއަށް އެއް ދުވަސް ފަހުން 'ވިނަވި' ޕޯޓަލްގައި ހުރި ބަލި ކުއްޖާއާ ގުޅޭ މައުލޫމާތުތަކަށް ބަދަލު ގެނެސް ސައްހަ ނޫން މައުލޫމާތުތަކެއް ޑޮކްޓަރު އަޅާފައިވުން
-
އެމަޖެންސީ ހާލަތަކަށް ގާބިލް ނަރުހުން ކުއްޖާއަށް އެޓެންޑުކޮށްފައި ނުވާ ކަމާއި ބޭސް ދިނުމުގައި ވެސް އެ ކުއްޖާގެ ސިއްހީ ހާލަތަށް ބެލުމެއް ނެތި ނަރުހުން ބޭސް ދީފައިވުން
ރިޕޯޓުގައި ބުނީ އެ އިހުމާލުތަކުގެ ސަބަބުން ބަލި މީހާގެ ހާލަތު ދެނެގަނެ، އެކަށީގެންވާ ފަރުވާ ނުދެވި، ބޮޑެތި ލަސްތަކެއް ކުރިމަތިވެ، ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައީ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުއްޖާ މަރުވީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ތަފްސީލް - މި އިހުމާލުތަކާ ހުރެ ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ފަރުވާ ދިނުމުގައި ޑޮކްޓަރުން އަމަލު ކުރަން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ފިޔަވަޅު އެޅުމަށް މެޑިކަލް ކައުންސިލަށް އަންގައިފަ އެވެ. އަދި އިހުމާލުވި ނަރުހުންނަށް ވެސް ފިޔަވަޅު އަޅަން ނަރުހުންގެ ކައުންސިލަށް ވެސް މައްސަލަ ވަނީ ފޮނުވައިފަ އެވެ.
މީގެ އިތުރުން، ބެސްޓް ޕްރެކްޓިސްތަކާ ހިލާފުވެފައިވާ ހޮސްޕިޓަލްގެ އިދާރީ މުވައްޒަފުންނާ މެދު ވެސް ފިޔަވަޅު އަޅަން ހެލްތުން ވަނީ ހޮސްޕިޓަލަށް އަންގައިފަ އެވެ. މީގެ އިތުރުން މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ހޮސްޕިޓަލްގެ އިދާރީ ކަންކަމާއި އުސޫލުތައް ހަރުދަނާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަނީ އަންގައިފަ އެވެ.
އިހުމާލުވި މީހުންގެ މައްޗަށް ދައުވާކުރާނަން: ކުއްޖާގެ ބައްޕަ
ހެލްތުގެ ރިޕޯޓް މިއަދު ލިބުމާ އެކު ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދު މިއަދު 'ދައުރު'އަށް ބުނީ ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހުމާލުތަކެއް ހުރިކަން ރަސްމީ އިދާރާއަކުން ޔަގީންކޮށް ދިނުމުން އެ މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ޖިނާއީ ތަހުގީގެއް ކޮށް ދިނުމަށް މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވެސް މައްސަލަ ވައްދާނެ ކަމަށް އޭނާ ބުންޏެވެ.
"މިކަން އަޅުގަނޑު ދޫކޮށެއް ނުލާނަން. އިންސާފު ހޯދަން ދާން ޖެހޭ ހިސާބަކަށް އަޅުގަނޑު ދާނަން،" ސައުދުﷲ ބުންޏެވެ.
އިތުރަށް ކިޔާލަން -
-
1-