Majlis 2024

ޝައިހު ފަޒްލޫން: ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައި

ފަޒްލޫން ބަންދުން ދޫކުރަން އެންގި ކޯޓު އަމުރު ބާތިލްކޮށްފި

ހަތް ދުވަހުގެ ތެރޭގައި ފަޒްލޫންގެ ބަންދާމެދު ގޮތެއް ނިންމަން ހުށަހަޅައިފި ނަމަ އެކަމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް އެންގި
22 ސެޕްޓެމްބަރު 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ހަރަކާތެއް ބާއްވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ގަލޮޅު ދަނޑަށް ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި 20އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ފަޒްލޫން ވެސް ހިމެނެ އެވެ.

ފަޒްލޫންގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލީ ޖުލައި 21 ގަ އެވެ. ފަޒްލޫން ބަންދުން ދޫކުރަން އަމުރުކުރީ އުސޫލާ ހިލާފަށް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ފަޒްލޫން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ނޫން ކަމަށެވެ. ހައި ކޯޓުން އެގޮތަށް ނިންމީ:

  • ފަޒްލޫންގެ މައްޗަށް ކުރެވޭ ތުހުމަތު އެގޮތުގައި އޮތުން 

  • އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް އެގޮތުގެ މަތިން ހުރުން 

  • އެފަދަ ސަބަބެއް ނެތް ކަމަށް ފަނޑިޔާރަށް ބުރެވެވުނު ސަބަބު ބަޔާންކޮށްފައި ނެތުން

ތަފްސީލް - ހައި ކޯޓުގެ ހުކުމްގައި ބުނީ ޖުލައި 5 ވަނަ ދުވަހު ފަޒްލޫންގެ ބަންދަށް 16 ދުވަސް އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެވަގުތަށް ހުރި ހެއްކަށް ބަލައިގެން ކަމަށެވެ. އަދި ޖުލައި 21 ގައި ފަޒްލޫން ބަންދުން ދޫކުރަން އަމުރުކުރި އިރު، ޖުލައި ފަސް ވަނަ ދުވަހު ހުށަހެޅި ލިޔުންތަކަށް ވުރެ އިތުރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ހުރި ކަން ހައި ކޯޓުން ފާހަގަކުރި އެވެ.

ނަމަވެސް 21 ޖުލައި ދުވަހުގެ  އަމުރުގައި ހެކީގެ ނިސްބަތް ނުވަތަ ހެކީގެ ދަރަޖަ ދަށަށްގޮސްފައިވަނީ ކިހިނަކުން ކަމެއް ކޯޓު އަމުރުން ސާފު ނުވާ ކަމަށާއި، އެ ހާލަތުގައި، ހެކީގެ ދަރަޖައަށް އަންނަ ފަރަގު ތަފްސީލުކޮށްދޭން ޖެހޭނެ ކަމަށް ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔުގައި ވިދާޅުވި އެވެ.

ހައި ކޯޓުގެ ހުކުމްގައި އިތުރަށް ބުނީ، ކްރިމިނަލް ކޯޓުގެ އަމުރުތަކަށް ބަލާއިރު، ފަޒްލޫން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކަމަށެވެ.

ނަމަވެސް އޭގެން އެއްވެސް އަމުރެއްގައި، އެކަމުގެ މައްޗަށް ރިއާޔަތްކޮށް، އެކަން ވަޒަންކޮށްފައިނުވާ ކަމަށް ހައި ކޯޓުން ބުންޏެވެ.

ބުނީ ކީކޭ؟ - "މި މައްސަލައިގެ ތެރޭގައި ފަޒްލޫން މުހައްމަދަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމުގެ އިހުތިމާލު އޮތް މީހެއްކަމުގައި ބެލެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ،" ހުޒައިފާ ވިދާޅުވި އެވެ.

ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ސަބަބެއް ކަމުގައި ދެން ބުނެފައި ވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެނުމެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ހެކީގެ ހުށަހެޅި ސްނެޕްޝޮޓްތަކުން:

  • ގަލޮޅު ދަނޑު ބޭރުގެ ސަރަހައްދުގައި ފަޒްލޫން ހަރަކާތްތެރިވެފައިވާކަން އެނގޭ 

  • ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންނާއެކު ދަނޑުގެ ބޭރުގައި ފަޒްލޫން ހަރަކާތްތެރިވެ، އެ މީހުންނާ މުއާމަލާތްކުރާ މަންޒަރު ފެނޭ 

ނަމަވެސް ޖުލައި 21 ވަނަ ދުވަހު ފަޒްލޫން ބަންދުން ދޫކޮށްލަން އެންގި ކޯޓު އަމުރުގައި ސަބަބެއް ކަމުގައި ބުނެފައި ވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް ވުޖޫދުވެފައިވާކަން ދަލާލަތުކޮށްދޭ ހަރުދަނާ ސަބަބުތައް ހުށަހަޅާފައިނުވުމެވެ.

ހައި ކޯޓުން ބުނީ، ބަންދުކޮށްފައިވާ މީހެއްގެ ބަންދަށް ލުޔެއް ދޭނަމަ ނުވަތަ ޝަރުތުތަކާއެކު ދޫކޮށްލަން ނިންމާ ހާލަތުގައިވެސް ކަންކަން ވަޒަންކުރަންވާނީ ތުހުމަތުކުރެވޭ މީހާގެ ނިސްބަތުން ކަމަށެވެ.

އެ މީހާއަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކޮށްފައިވާ މީހެއްނަމަ، މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ސީދާ އެ މީހާގެ ފުށުން ނެތިގޮސްފައިވޭތޯ ބަލަންޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ. އަދި އެމީހެއްގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަވި ގޮތް ވެސް ބަޔާންކޮށްދޭން ވާނެ ކަމަށެވެ.

ނަމަވެސް ފަޒްލޫން ބަންދުން ދޫކޮށްލި އަމުރުގައި އެފަދަ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށް ހައި ކޯޓުން ފާހަގަކުރި އެވެ.

އެހެންކަމުން، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ. އަދި ފަޒްލޫން ބަންދުގައި ބަހައްޓައިދިނުމަށް އެދި މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް