Majlis 2024

ދެ ވަނަ ޑިވިޒަންގައި ރޭ ވިކްޓަރީ އާއި ނިއު ބައްދަލުކުރި މެޗުގައި ނިއުގެ އަހުމަދު ސުހެއިލް (ކ) ވިކްޓަރީގެ މުހައްމަދު އާމިރުގެ ކައިރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ: މިއީ ދެވަނަ ޑިވިޒަންގައި މި ދެ ޓީމު ކުޅޭ ފުރަތަމަ ފަހަރު (ފޮޓޯ/އެފްއޭއެމް)

ބޮޑު ދެ ކްލަބްގެ ދެ ވަނަ ޑިވިޒަންގެ ވާދަކުރުން ނިއު ކާމިޔާބުކޮށްފި

ނިއު ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެއް ވަނާގައި
25 ޖުލައި 2022

ނިއު ރޭޑިއަންޓާއި ވިކްޓަރީ އަލުން ޕްރެމިއާ ލީގަށް އެރުމުގެ ގޮތުން މިހާރު ފަށާފައިވާ ދަތުރުގައި ދެ ވަނަ ޑިވިޒަންގައި ރޭ ވާދަކޮށް 4-1 އިން ނިއު މޮޅުވެއްޖެ އެވެ.

މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ދެ ކްލަބް މިހާތަނަށް ދެ ވަނަ ޑިވިޒަންގައި ކުޅެން ޖެހުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި، ފީފާ އާއި އެފްއޭއެމްގެ ސަސްޕެންޝަންފައި އޮތް ނިއު އާއި ވިކްޓަރީ، އެ ބަންދާއި ދަރަނިން ސަލާމަތްވެ، ދެ ވަނަ ޑިވިޒަންގައި ވާދަކުރަން މި ފެށީ ޕްރެމިއަ ލީގުން ޖާގަ ހޯދުމުގެ އުއްމީދުގަ އެވެ.

ނިއުގެ ފީފާގެ ސަސްޕެންޝަނުން ސަލާމަތްވާން 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކަން ޖެހުނެވެ.

ރޭގެ މެޗުން ނިއު މޮޅުކޮށްދޭން ފުރަތަމަ ހާފުގައި ކޯފީ އޮސޫ ދެ ލަނޑު އަދި އަހުމަދު ހުސެއިން އެއް ލަނޑު ކާމިޔާބުކޮށްދިނެވެ. ނިއުގެ ފަހު ލަނޑު އައީ މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ޓޮރިކް ޖެބްރިންގެ ފަރާތުންނެވެ.

ވިކްޓަރީއަށް ލަނޑު ޖަހައިދިނީ 76 ވަނަ މިނިޓްގައި ބޭރު ކުޅުންތެރިޔާ ކުޑޯ މުހައްމަދެވެ.

ގްރޫޕް ދޭއްގައި އޮތް މި ދެ ޓީމުގެ ތެރެއިން ނިއު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ވިކްޓަރީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ތާވަލްގައި އޮތީ ތިން ވަނައިގަ އެވެ.

ދެ ގްރޫޕަށް ބަހާލައިގެން ކުޅޭ ދެ ވަނަ ޑިވިޒަންގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެވެ. ކުރިއަށް ނިއު އާއި ވިކްޓަރީއަށް ވެސް އޮތީ ތިން މެޗެވެ.

ރޭގެ މެޗުގައި ނިއުއަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އެ ކްލަބްގެ ތާރީހުގައި ސަޕޯޓަރުންނަށް ހާއްސަ އުތުރު ފަރާތު ސިޑިބަރިން ވެސް ފެނުނެވެ. މެޗު ނިމެންދެން ނިއުގެ ސަޕޯޓަރުން ގެންދިޔައީ ތަރުހީބު ދެމުންނެވެ. މިއީ ރާއްޖޭގެ އެންމެ މަތީ ޑިވިޒަން ނުވަތަ އަށް ޓީމު ވާދަކުރާ ޕްރެމިއަ ލީގުގެ އެއްވެސް މެޗެއްގައި ފެނުނު ތަރުހީބެއް ނޫނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް