މައުރޫފް އިބްރާހިމް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހުވަފެން ކަނޑައި ނަގައި މައުރޫފް ވިރުވައިއެޅި ކާމިޔާބީ

އޭނާގެ ޖިމުން ބައްދަލުވިއިރު މައުރޫފް އިބްރާހިމް ފެނުނީ މުޅިން ބަދަލުވެފައިވާ މޫނެއްގެ ގޮތުގައި. އޭނާގެ ހަޔާތުގައި ހިތްދަތި ފެށުމެއް އޮތަސް ހިތްވަރު މި ކިޔައިދެނީ މުޅިން އެހެން ވާހަކައެއް.
8 ސެޕްޓެމްބަރު 2022

އެންމެ ކުޑައިރުގެ ހަނދާންތަކުން ކިޔައިދޭ ނަމަ މައުރޫފް އިބްރާހިމް އަބަދުވެސް ބޭނުންވީ ސައިންސްވެރިޔަކަށް ވާށެވެ. ވަކިން ހާއްސަކޮށް އޭނާގެ ހިތުގައި ފޮރެންސިކް ސައިންސަށް އުފެދިފައިވީ ޝައުގުވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް އޭލެވެލްގެ ކިޔެވުމަށް ފަހު އެ ހުރިހާ ހުވަފެންތަކެއް ބޮލަށް ލައިގެން ގޮސް އެންމެ ފުރަތަމަ މަޑުކުރަން ޖެހުނީ އައިޖީއެމްއެޗުގަ އެވެ. ކިޔަވަން ދާން ކިތަންމެ ބޭނުންވިޔަސް އެ ތަނަވަސްކަން އޭރު ލިބިފައި ނެތުމުންނެވެ. އެހެންކަމުން، ހުވަފެންތައް ހަގީގަތަކަށް ހަދާނެ ބޭސްވެރިކަމެއް ހޯދަން ހަޔާތުގެ 'ކިޔޫއެއްގައި' އަމިއްލަ އަށް ޖެހެން މަޖުބޫރުވީ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓްގައި އުޅެމުން އާންމުންގެ ޝަކުވާތައް އެއްކުރަމުން ދިޔައިރު އޭނާ ގަވާއިދުން ކުރި އަނެއް ކަމަކަށް ވެފައި އޮތީ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތަކަށް އެދި ލިޔުނު ސިޓީތަކެވެ. ދީލަތި ފަރާތްކަށާއި މަހުޖަނުންނަށެވެ. ގާތްގަނޑަކަށް 300 އެއްހާ ސިޓީ އެކި މީހުންނާއި ތަންތަނަށް ފޮނުވި ފަހުން އޭނާ އަށް އެންމެފަހުން ފުރުސަތެއް ލިބުނީ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައި އޮތް ޖާގައެކެވެ. ގާތްގަނޑަކަށް 500އެއްހާ ކުދިންގެ ތެރެއިން ހޮވި ހަތް ކުދިންގެ ތެރޭގައި ހިމެނިގެން ކިޔެވުމުގެ ދެ ބައިކުޅަ އެއްބައި ހަރަދު ހަމަޖެހުމުން، އަމިއްލަ އަށް އެއްކުރި ފައިސާ އާއި ހެޔޮއެދޭ ފަރާތްތަކުން ދިން ދީލަތި އެހީތައް ހިފައިގެން އޭނާ ފުރައިގެން ދިޔައީ މެލޭޝިއާއަށެވެ. ލިމްކޮކްވިންގް ޔުނިވާސިޓީ އަށް ގޮސް ކިޔެވީ އެނިމޭޝަން އެވެ.  

ނަމަވެސް ހަގީގަތަކީ މި އެވެ. ހދ. މަކުނުދޫ އަށް ނިސްބަތްވާ މި ޒުވާނާގެ 'ލައިފުގައި' އޭރަކު 'އެނިމޭޝަން'ގެ އެއްވެސް ހާލަތެއް ނެތެވެ. ފޯރި އާއި ޖޯޝާއި ކެރުމާއި ސަޅިކަމުގެ ކަންފުޅެއް ވެސް ނެތެވެ.

މައުރޫފްގެ އޭރުގެ މިޒާޖާއި ސިފަތަކުން ކިޔައިދޭ ނަމަ، އޭނާ އަކީ ވަރަށް ލަދުރަކި، މީހުންނާ ވަރަށް ގުޅުން ކުޑަ، އެހާމެ މަޑުމައިތިރި އަދި އެވަރަށް ބަސް މަދު ޒުވާނެކެވެ. ހެދިހުރި ކަމީނާކަމާއި ހަލްކާ ސިފަތަކާ ހެދި އަބަދުވެސް އެހެން މީހުންގެ ހަސްކަލާއި ފުރައްސާރަ އާއި މަލާމާތް އަމާޒުވި މީހެކެވެ. އަދި އެ ބަދު ބަސްތައް ބޮލުގައި ހަރުލައި ގަނޑުވިއިރު ނަފުސަށް އޮތް އިތުބާރު ބޮލުން ދޫވެފައި ހުރި ޒުވާނެކެވެ. އަނެއްކޮޅުން އުފެދުމުގައި ދިމާވެފައިވާ ސިއްހީ މައްސަލަތަކަކާ ގުޅިގެން ނޭވާހިއްލުމާއި ހިނގައިބިނގައިވެ އުޅުމުގައި ކޮންމެ ދުވަހަކު ވެސް އުނދަގުލާއި ވަރުބަލިކަމާ ކުރިމަތިލާން ޖެހި ދިރިއުޅުމުގައި ހަގީގީ ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރި ޒުވާނެކެވެ.

އެކަމަކު މި އިންޓަވިއު ނަގަން މިދިޔަ ހަފުތާގައި ބައްދަލުވިއިރު މައުރޫފް އަހުމަދު ފެނުނީ މުޅިން ބަދަލުވެފައިވާ މޫނެއްގެ ގޮތުގައެވެ. އޭނާގެ ހަޔާތުގެ ދަތުރުގައި އޮތް މި ހިތްދަތި ފެށުން ފިލާވަޅަކަށް ބަދަލުކޮށްފައި އޮތްއިރު މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އޭނާގެ ދިރިއުޅުމަށް ގެނެސްފައިވާ އާރޯކަމަކީ ބަލައިފޫހިނުވާ ވަރުގެ މަންޒަރެކެވެ. – އެތުލެޓިކާގެ ނަމުގައި ބޮޑީބިލްޑިން އާއި ފިޓްނެސް އަށް ހާއްސަ ޕްރޮޑަކްޓްސް އާއި އާލާތްތައް ވިއްކާ ފިހާރައެއް ހިންގަމުން، ފޯޖުގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމެއް އޭނާ މިދިޔަ މަހު މާލޭގައި ހުޅުވިއިރު މިއީ ހަގީގަތުގައި ވެސް އޭނާގެ ހަޔާތުގައި އެޅި ވޭނާއި އޮހޮރުވި ދަލުން ވިރުވައިއެޅި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މިއީ މައުރޫފް އަހުމަދު އޭނާގެ 'ފިޓް-ނޫން' ދިރިއުޅުން އަމިއްލަ ދެ އަތުން ބަދަލުކޮށްލި ވާހަކަ އެވެ.

މައުރޫފް އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބަލި އެނދުގައި އޮންނަން ބޭނުންނުވީ

އިންޓަވިއު އޭނާ ފަށައިގަތީ ޖިމަށް ދީފައިވާ ނަމުގެ ފަހަތުގައިވީ މާނަ ކިޔައިދެމުންނެވެ.

"ފޯޖުއޭ މިކިޔަނީ ވަރަށް އުނދަގުލުން ކަމެއް ކުރުމަށް، ވަރަށް އުނދަގުލުން، ބުރަ މަސައްކަތުން އެންމެފަހުން ކަމެއް ހާސިލުކުރުމަށް. އެ ކާމިޔާބީ ސިފަކުރުމަށް."

އެއީ ތެދެކެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޕްރޮފެޝަނަލް މިންގަނޑާއި ކުލަތަކުން ދިއްލާފައިވާ މި ޖިމަށް ވަދެގެންދާއިރު، ކޮންމެ ދިމާލަކުން ވެސް ކިޔައިދެނީ މައުރޫފު އޭނާގެ އަޑިގުޑަންތަކުން އަރައިގެން އައި ގޮތެވެ. ވަރަށް ބުރަ މަސައްކަތުން ވިރުވައި އެޅި ހަޔާތުގެ އެންމެ އުސް ބިންގަލެވެ. އެންމެ އުސްއަލިތަކެވެ.

ސަބަބަކީ މިއަދު މާ ސިންގާ ޖިމެއްގެ ވެރިޔަކަށް ބަދަލުވެ، އެ ޖިމު ހިންގުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުން ދިޔަ ނަމަވެސް މިއީ މީގެ އަހަރުތަކެއް ފަހަތަށް ގޮސް ބަލައިލަނީ ނަމަ މީހަކަށް ދުވަހަކު ވެސް މައުރޫފުގެ ހަޔާތުން ފެނިދާނެ ސިފަތަކަކާއި މާހައުލެއް ނޫނެވެ. އެހެންވީމަ މުޅިން އެހެން ދާއިރާއަކުން ކިޔަވައިގެން އަދި މުޅިން އެހެން ދާއިރާއަކުން ހުވަފެން ބަލަމުން ދިޔަ މި ޒުވާނާ އާއި ފިޓްނެސްއާ ދެމެދު ހިތާއިހިތުގެ ގުޅުމެއް އުފެއްދި ސަބަބަކީ ކޮބައި ހެއްޔެވެ؟

އޭނާގެ ބަލި ނިކަމެތި ހާލާތުކަން ޔަގީނެވެ. ނަމަވެސް އެހެން ބުނާކަށް މައުރޫފު ބޭނުމެއް ވެސް ނުވެ އެވެ. އަދި ވަކިން ހާއްސަކޮށް އޭނާގެ ކިބައިގައިވީ ޖިސްމާނީ ބަލިކަމުގެ ކުރިމަތީގައި އަމާންދޭކަށް ވެސް ބޭނުމެއް ނޫނެވެ.

"މިހާރު ވެސް ހިނގާފައި ތަނަކަށް ދާ ނަމަ ކޮންމެ 10 މިނެޓަކުން ޖެހޭނެ ރެސްޓު ނަގަން. ހިނގީމަ އުނަގަނޑަށް ވަރަށް ބާރުކުރާނެ. ނޭވާހިއްލުން މިހާރު ވެސް ހުރޭ. އެކަމަކު ނޭވާ ހިއްލިޔަސް، ހިނގަން އުނދަގޫވިޔަސް، އެ ކަންކަން އެއްވެސް އިރަކު މާ ބޮޑު ކަމަކަށް ހަދައިގެން ކަމެއް ނުކޮށް، ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެއޭ ހިތަށް އަރުވައިގެނެއް އަހަރެން ނޯންނަން،" ޖިމުގައި ހުރެ ހަޔާތުން ސަފުހާތައް އުކަމުން މައުރޫފް ކިޔައިދިނެވެ.

"ކިޔަވައިގެން އެނބުރި އައިސް އަހަރެން ފުރަތަމަ މަސައްކަތްކުރީ ވީޓީވީގައި. އެއީ ފިޒިކަލީ އަދި މެންޓަލީ ވެސް ވަރަށް ގިނަ ކަންކަން ދަސްވި ތަޖުރިބާއެއް. އަދި އެންމެފަހުން އަޅުގަނޑު ވަރަށް ބޮޑަށް ބަލިކޮށްލި ތަޖުރިބާއެއް. ޑެސްކް ޖޮބެއްގައި ވަރަށް ގިނަ ވަގުތު އުޅެން ޖެހި، މީހާ ފަލަވެ، ބަރުހެލިވެ، ބުރަކަށީގައި ރިއްސައި، އުނަގަނޑުގައި ރިއްސައި މަސައްކަތްކުރަން އޮފީހަށް ވެސް ނާދެވޭ ވަރަށް ބަލިވީ އެންމެފަހުން."

"ނަމަވެސް އަހަރެން ހިތަށް އެރީ ބަލިވެ ގޭގައި އެއްވެސް ކަމެއް ނެތިފައި އޮންނާކަށް ނުވާނެއޭ. ބަލިވިޔަސް، ހިރި ނުލެވުނަސް، ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނެއޭ ދިރިއުޅުމުގައި ކުރިއަށް ދާން."

މައުރޫފް އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފަހަރު ބަލިވި ގޮތަށް ހަތަރު މަސްވަންދެން އޭނާ ބަލި އެނދުގައި އޮތެވެ. ނަމަވެސް އެ ބަލި އެނދާއި ހާލަތު ގެނެސްދިން މާޔޫސްކަން ފޮޅާލާއި ނުކުމެ އޭނާ ފެށީ ގަވާއިދުން ކަސްރަތުކުރާށެވެ. މައުރޫފު ބުނިގޮތުގައި ޖިމާއި ކަސްރަތަކީ އޭނާގެ ހިތް އަބަދުވެސް ދޫވެފައި އޮތް ދިމާލެކެވެ. ނަމަވެސް މިޒާޖުގައިވީ ސިފަތަކާ ހެދި އޭނާ އަށް އޭރު އެ ފިޔަވަޅު ނަގަން ނުކެރުނީ އެވެ. ނުވަތަ ކަސްރަތާއި ފިޓްނެސްގެ މުހިންމުކަން އޭނާގެ ހަޔާތުގެ ދަތުރަށް ގެނެސްދޭނެ 'އެނިމޭޝަން' ވިސްނައިނުގަނެވުނީއެވެ.

މައުރޫފް އެންމެ ފުރަތަމަ ޖިމަކަށް ދިޔައީ ކަސްރަތާ ރައްޓެހި އޭނާގެ މަންމަ ވަރަށް ކުރިން ދިން ލަފައަކަށެވެ. ނަމަވެސް އޭރު ޖިމަށް ދިޔައީ ހުސް ވަގުތު ފުރާލައި ދާ ކައްކައި އޮހޮރުވާލުމަށެވެ.

"ވޯކްއައުޓެއް ކޮށްލީމަ އެ ލިބޭ ހިތްހަމަޖެހުން އެއީ އަބަދުވެސް ވަރަށް ކަމުދިޔަ އިހުސާސެއް،" މައުރޫފް ކިޔައިދިނެވެ.

ނަމަވެސް ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ކަސްރަތަށް ވަގުތުނުދެވި މަސައްކަތުގެ މާހައުލުގައި ތާށިވެ އޭނާގެ ދިރިއުޅުން ކުރިމަތިކުރި ގޮންޖެހުންތައް ހުރަސްތަކެއްގެ ސިފައިގައި ކުރިމަތިން ފެންނަން ފެށީ އެވެ. މައުރޫފް ބުނަނީ އޭނާ އަލުން ހޭލަން މަޖުބޫރުކުރުވި ހާލަތަކީ އެއީ ކަމަށެވެ.

"ދެން ހިތަށް އެރީ އެނިމޭޝަން (ރަސްމީ މަސައްކަތް) ވެސް ކުރެވޭނީ ވަކި ވަރަކަށޭ، އަބަދަކު ޑެސްކް ޖޮބެއްގައި އެގޮތަކަށް ވެސް ނޫޅެވޭނެއޭ. އަނެއްކޮޅުން ޖިމަކަށް ގޮސް ފިޓްވުމަކީ އަހަރެން އަބަދުވެސް ބޭނުންވި ކަމެކޭ ކުރަން،" މައުރޫފު ބުންޏެވެ.

"ސަބަބަކީ އަހަރެންނަށް ވެސް އެނގޭ، މަންމަ ބުނެދިން ގޮތަށް، އަހަރެންނަށް ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސޭހަވާނީ ފިޓްކޮށް ހުރެގެންކަން. އެހެން ހަރުފަތަކަށް ދެވޭނީ އަހަރެންގެ ބަލިކަށި ދިފާއީ ނިޒާމް ފިޓްކޮށްގެންކަން."

އެ ޖޯޝުގައި ބަލި އެނދުން ފުންމައިގެން ތެދުވެ ޖިމަށް ދާން ނިންމި ގޮތަށް އޭނާ ފަސްއެނބުރި ބަލައެއް ނުލަ އެވެ.

މައުރޫފް އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މީހުން ކުރީ މަލާމާތް، ބުނީ ނުވާނެއޭ

މައުރޫފް ބުނިގޮތުގައި އޭނާ ފިޓް މީހަކަށް ބަދަލުވުމުގެ އަސްލު ގުޅިފައި އޮތީ ފުރައްސާރަ އާއި މަލާމާތާ އެވެ. އަދި ވަކިން ހާއްސަކޮށް ޖިމެއް މިގޮތަށް ހުޅުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޭނާ ފިޓްވުމަށް ފެށި ދަތުރުގައި އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު ހިތްދަތި ކަންކަމާ ބައްދަލުނުވާނެ ފަދަ މާހައުލެއް ޒުވާނުންނަށް ކަށަވަރުކޮށްދިނުމެވެ.

"މި ޖިމު އުފެއްދީ ވަރަށް ގިނަ މާލޭގެ ޖިމުތަކުގައި އެކި ކަހަލަ ތަޖުރިބާތައް އަމިއްލަ އަށް ކުރުމަށް ފަހު. އޭގެ ތެރެއިން ކުރެވުނު ގޯސް ތަޖުރިބާތަކުގެ ސަބަބުތައް ހޯދައި ބަލައިގެން ދަސްކޮށްގެން. އެފަދަ މާހައުލަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ތަޖުރިބާއެއް މި ޖިމުން ހޯދައި ދިނުމުގެ ބޭނުމުގައި،" މައުރޫފް ބުންޏެވެ.

"ފޯޖު އުފެއްދުމުގެ އެންމެ ބޮޑު އެއް ޓާގެޓަކީ ފިޓްނެސްގައި އެތުލެޓިކްސްގައި ކުރިއަށް ދާން ބޭނުންވާ މީހަކު ހާސިލުކުރަން ބޭނުންވާ ގޯލުތަކަށް އެމީހަކު ގެންގޮސްދޭނެ ބްރޭންޑަކަށް މިތަން ހެދުން. އެ ފެންވަރަށް ދާން ބޭނުންވެގެން ޖިމަށް ދާ މީހާ އަށް މަލާމާތާއި ފުރައްސާރަ އަމާޒުނުވާނެ މާހައުލެއް ފޯޖު ޖިމަކީ."

މައުރޫފް ބުނީ މިފަދަ މާހައުލެއް ތަރައްގީކުރަން ޖެހުމުގެ އަސްލަކީ ޖިމުތަކަށް ގޮސްގެން ކުރެވިފައިވާ ހިތްދަތި ތަޖުރިބާތަކެވެ.

"މިހެން މި ބުނަނީ މާލޭގެ ބައެއް ޖިމުތަކަށް ގޮސްގެން މިފަދަ ނެގެޓިވް އެކްސްޕީރިއަންސްތަކެއް ބައެއް މީސް މީހުންނަށް ކުރެވިފައި ހުރީމަ. އަދި ވަކިން ހާއްސަކޮށް އަޅުގަނޑު އަމިއްލަ އަށް ވެސް އެ ފުރައްސާރަ އާއި މަލާމާތާ ޖިމުތަކުގެ މާހައުލުގައި ކުރިމަތިވެފައި ހުރީމަ،" އޭނާ ބުންޏެވެ.

"އެ ޓޮކްސިކް މަސްކިއުލިނިޓީ ވަރަށް ބޮޑަށް ޖިމުތަކުން އަމިއްލަ އަށް ތަޖުރިބާކުރެވިފައި ހުރި މީހެއް އަޅުގަނޑަކީ."

  • މައުރޫފްގެ ޖިމް 'ފޯޖު'
  • މައުރޫފްގެ ޖިމް 'ފޯޖު'
  • މައުރޫފްގެ ޖިމް 'ފޯޖު'

މައުރޫފަކަށް ނުވާނެއޭ އެތައް ބަޔަކު ބުންޏެވެ. ފުރައްސާރަކޮށް ބުލީ ވެސް ކުރި އެވެ. ނަމަވެސް ވިރުވައި އަޅަމުންދާ ހިތްވަރާއި ކާމިޔާބީން އެ ހުރިހާ ވިހައެއް އޭނާ މި ވަނީ ފޮރުވައި ނައްތާލައިފަ އެވެ.

"އަހަރެންގެ އެންމެ ބޮޑު އަމާޒަކީ މި ޖިމަށް އަންނަ މީހަކަށް، އަހަރެން އެ ތަޖުރިބާކުރި ކަންކަން، އެ ފުރައްސާރަ އާއި މަލާމާތް އިހުސާސްވިޔަ ނުދިނުން. މިއީ އެކަހަލަ މާހައުލެއް އޮތް ޖިމެއް ނޫންކަން ކަށަވަރުކޮށްދިނުން،" މައުރޫފް ބުންޏެވެ.

"އެމީހެއްގެ ސްކިލް ލެވެލްގައި ނުވަތަ ގޭމުގައި އެންމެ މައްޗަށް އަރަން ބޭނުންވާ މީހުންނަށް ވަރަށް ހާއްސަ މާހައުލެއް މިއީ. ސަބަބަކީ މިތަނުގައި ނެތް އޭގެ އެއްވެސް މީހަކު ހުއްޓުވަން ނުވަތަ ވައްޓާލަން ބޭނުންވާ މީހެއް."

އެއީ ތެދެކެވެ. މައުރޫފް ވެސް އެހެރީ ދެގޮތެއް ނުވެ ސާބިތުކަމުގައި ކޮޅަށެވެ. ބަލިވެގެން ވެއްޓުނަސް ނުވަތަ ކޮއްޕައި ވައްޓާލިޔަސް އަނެއްކާވެސް ތެދުވެ، އާ އުސްމިންތަކަކަށް އަމާޒު ޖަހައިގެންނެވެ. އޭނާގެ ވާހަކަ މި ލިޔުމުގައި މިހިސާބުން ނިމުމަކަށް އަޔަސް މައުރޫފް ބުނަނީ މިހެންނެވެ.

"މި ދަތުރު އަދި މި ޖިމާ ހަމައިން ނިމުނީކީއެއް ވެސް ނޫން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް