Majlis 2024

މެލޭޝިއާގެ ބަންގްސާގައި ހުންނަ އަބޫބަކުރު އައްސިއްދީގު މިސްކިތުގެ 40 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވަނީ: އިސްލާމީ މަރުކަޒު ހަދާފައި ވަނީ މި މިސްކިތުގެ ނަމޫނާއަށް.

މައުމޫން ބަންގްސާ މިސްކިތުގައި، އިސްލާމީ މަރުކަޒުގެ މުހިންމު ހަނދާންތަކަކާ އެކު

މައުމޫންގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ހެދީ މެލޭޝިއާގެ ބަންގްސާގައި ހުންނަ އަބޫބަކުރު އައްސިއްދީގު މިސްކިތް ނަމޫނާއަކަށް ބަލައިގެން
24 ސެޕްޓެމްބަރު 2022
1

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ މެލޭޝިއާގައި، އެ މަނިކުފާނުގެ ހަނދާންފުޅާ ވަރަށް ބޮޑަށް ގުޅިފައި އޮތް މިސްކިތަކަށް ވަޑައިގަތެވެ. ވެރިރަށް ކުއާލަ ލަމްޕޫރުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ ބަންގްސާގައި ހުރި އަބޫބަކުރު އައްސިއްދީގު މިސްކިތުގައި ހުކުރުކުރެއްވި އެވެ. އެތަނުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، އެ މަނިކުފާނު ވަނީ ކުރީގެ ހަނދާންތައް ވެސް އާކުރައްވައިފަ އެވެ.

އެއީ އެ މިސްކިތުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެކެވެ. ޚާއްސަ މެހެމާނެއްގެ ގޮތުން މައުމޫން ބައިވެރިވެވަޑައިގެންނެވި އިރު އެ މިސްކިތުގެ އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދުއަކީ މާލޭގެ އިސްލާމީ މަރުކަޒުގެ ވެސް އާކިޓެކްޓެވެ. އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ވެސް އެންމެ އިސް ބޭފުޅަކަށް ހުންނެވީ ހާޖީދާރު އެވެ.

އިސްލާމީ މަރުކަޒު ހަދާފައި ވަނީ ބަންގްސާ މިސްކިތް ނަމޫނާއަކަށް ބަލައިގެންނެވެ. ރާއްޖޭގެ ވެރިކަމާ 1978 ގައި މައުމޫން ހަވާލުވެވަޑައިގަތުމާ އެކު އިސްލާމީ ޝަހުސިއްޔަތު ދައްކުވައިދޭ ދީނީ ބިނާއެއް ހެއްދެވުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެކެވެ. 

 އަބޫބަކުރު އައްސިއްދީގު މިސްކިތުގެ އާކިޓެކްޓް އަދި ރާއްޖޭގެ އިސްލާމީ މަރުކަޒުގެ ވެސް އާކިޓެކްޓް ހާޖީދާރު އަބްދުލް މަޖީދު، ކުރީގެ ރައީސް މައުމޫނަށް މިސްކިތާ ބެހޭ މައުލޫމާތު ދެއްވަނީ

އިއްޔެ އޮތް ހަފުލާގައި މައުމޫން އެ ވާހަކަ ވެސް ވިދާޅުވި އެވެ.

"މުސްލިމުންނަށް ވީތީ ދިވެހިން އަބަދުވެސް ފަހުރުވެރިވޭ. އެހެންވެ ވެރިރަށުގައި ގިނަ ދުވަހަށް ދެމިގެންދާނެ އިސްލާމީ ރަމްޒެއް ހުންނަން އެ މީހުން ބޭނުންވޭ،" ބަންގްސާ މިސްކިތާއި އިސްލާމީ މަރުކަޒު ގުޅިފައި އޮތް ގޮތުގެ ކުރު ތަފުސީލެއް ދެއްވަމުން، މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ އަމާޒު ބާއްވަވައިގެން ސައުދީ އަރަބިއްޔާ އާއި ބުރުނާއީ އާއި މެލޭޝިއާ އާއި ކުވެއިތު އަދި ޔޫއޭއީއަށް ވަޑައިގެން، އެހުވަފެން ހަގީގަތަކަށް ހެދުމާ ބެހޭ ގޮތުން އެ ގައުމުތަކުގެ ވެރިންނާ މަޝްވަރާކުރެއްވި އެވެ.

"އެ ހިޔާލަށް އެ ބޭފުޅުން ވަރަށް ބޮޑަށް ގަޔާވި، އަދި މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން މަޝްރޫއުއަށް އެހީތެރިވި،" މައުމޫން ވިދާޅުވި އެވެ.

އިއްޔެ ހަފުލާގައި މެލޭޝިއާގެ އިސް ބައެއް ބޭފުޅުންނާ އެކު މައުމޫން

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގެ މަޝްރޫއުއަށް ހާޖީދާރު އާއި މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.

"މިއަދު އަޅުގަނޑުމެންގެ މި އެއްވުމަކީ ވެސް ގުޑިގެންނުދާނެ އެ މާތް ގުޅުމުގެ ބައެއް ކަމަށް ގަބޫލުކުރަން،" މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ އިސްލާމީ މަރުކަޒު ހެދުމުގެ ދައުވަތު ހާޖީދާރަށް މައުމޫން ދެއްވީ ބަންގްސާ މިސްކިތް ހުޅުވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން 1983ގަ އެވެ. އެކަމަކު އިސްލާމީ މަރުކަޒުގެ ބިންގާ އެ މަނިކުފާނު އޭރު ވަނީ، 11 ނޮވެމްބަރު 1982 ގައި އަޅުއްވައިފަ އެވެ.

މެލޭޝިއާގެ ކުންފުންޏަކުން އިމާރާތްކޮށް، 11 ނޮވެމްބަރު 1984 ގައި ހުޅުވި އިރު، މަސައްކަތަށް ހޭދަވީ އެންމެ 10 މަސް ދުވަހެވެ.

އަބޫބަކުރު އައްސިއްދީގު މިސްކިތް: އިސްލާމީ މަރުކަޒުގެ ނަމޫނާއަކީ މި މިސްކިތް 
ބަންގްސާ މިސްކިތުގެ އެތެރެ: މި ތަނާއި ރާއްޖޭގެ އިސްލާމީ މަރުކަޒު ޑިޒައިންކުރީ މެލޭޝިއާގެ އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދު

އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ކޮންކްރީޓް ބޭނުންކުރި ފުރަތަމަ އިމާރާތެވެ. އަދި އެތަން ބިނާކޮށްފައި އެ ހުރީ ރާއްޖޭގައި އެޅި ފުރަތަމަ ރާފްޓް ފައުންޑޭޝަން މަތީގަ އެވެ. އެ ފައުންޑޭޝަންގެ ބޯމިނުގައި ހަ ފޫޓު ހުރެ އެވެ.

ބަންގްސާ މިސްކިތަކީ 3،200 މީހުންގެ ޖާގައިގެ މިސްކިތެއް ނަމަވެސް އިސްލާމީ މަރުކަޒުގައި އެއްފަހަރާ 4،200 މިހުންނަށް ނަމާދުކުރެވެ އެވެ.

"އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދުގެ ދީލަތި އެހީތެރިކަން ފާހަގަކުރަން، އޭނާގެ ކޮންޓްރެކްޓް ފީން ވެސް ވަރަށް ބޮޑު އެއްޗެއް އުނިކޮށްދިން،" މީގެ 38 އަހަރު ކުރިން އިސްލާމީ މަރުކަޒު ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން: މި މަޝްރޫއު ކުރިއަށް ގެންދިޔައީ 1984 ގައި
އިސްލާމީ މަރުކަޒުގެ ގުއްބުގެ އޮނިގަނޑު ހަދާފައި: އިސްލާމީ މަރުކަޒު 1984 ގައި ހަދާ ނިންމީ އެންމެ 10 މަސް ދުވަހުގެ ތެރޭގައި

އިއްޔެ ވެސް އެ މަނިކުފާނު ވަނީ ހާޖީދާރުގެ އެ ދީލަތި އެހީގެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން އުފެދުނު އުޚުވަތްތެރިކަން ބޮޑުކަން ވެސް ފާހަގަކުރެއްވި އެވެ.

އިސްލާމީ މަރުކަޒު ހެދުމުގެ ކުރިން މައުމޫން ބަންގްސާ މިސްކިތަށް ވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު އޭގެ ފަހުން އެތަނަށް ޒިޔާރަތްކުރެއްވި އެވެ.

ބަންގްސާ މިސްކިތުގެ 40 ވަނަ އަހަރީ ދުވަހާއި މެލޭޝިއާގައި މައުމޫން ހުންނެވުމާ ދިމާވީ އިއްތިފާގަކުން ކަމަށް، އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ދަތުރަކާ މި ވަގުތު ދިމާވި އިރު އެއްގޮތަކަށް ވެސް ނޭނގޭ މިއީ މި ހިތްގައިމު މިސްކިތުގެ 40 ވަނަ އަހަރީ ދުވަސް ކަމެއް،" މައުމޫން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން: 

ކޮމެންޓް (1)

ބަންގްސާރ

26 ސެޕްޓެމްބަރު 2022
މައުމޫނު ވަރެއް އަދިވެސް ހަމަ ނެތް ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް