އިންތިހާބުން ނާކާމިޔާބު ވުމާ އެކު ބޮލްސޮނާރޯއަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ މުޒާހަރާތައް ކުރަމުން (ފޮޓޯ/ރޮއިޓާސް)

ބްރެޒިލް

ބޮލްސޮނާރޯ ޕާޓީން އިންތިހާބާ ގުޅިގެން ހުށައެޅި ޝަކުވާތައް ބޭރުކޮށްލައިފި

އިންތިހާބުތަކާ ބެހޭ ކޯޓުން ވަނީ ބޮލްސޮނާރޯގެ ޕާޓީ 4.3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި
24 ނޮވެމްބަރު 2022

ބްރެޒިލްގައި މިދިޔަ މަހު ބޭއްވުނު ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޖައާ ބޮލްސޮނާރޯގެ ޕާޓީން ހުށައެޅި ޝަކުވާތައް ބްރެޒިލްގެ އިންތިހާބުތަކާ ބެހޭ ކޯޓުން ބޭރުކޮށްލައިފި އެވެ. 

ރިޔާސީ އިންތިހާބުން އެންމެ %2 އިން ނާކާމިޔާބީއާ ކުރިމަތިވި ރައީސް ބޮލްސޮނާރޯގެ ޕާޓީން ވަނީ ބަޔެއް ސަރަހައްދުތަކުގައި ބެހެއްޓުނު ވޯޓު މެޝިންތަކުގައި މައްސަލަތަކެއް ހުރިކަމަށް ޝަކުވާ ހުށައަޅާފަ އެވެ. ނަމަވެސް މިކަމާ ބެހޭ އެއްވެސް ހެއްކެތް ލިބަރަލް ޕާޓީން ހުށައަޅާފައެއް ނުވެ އެވެ. 

ލިބަރަލް ޕާޓީގެ މިޝަކުވާ ހުށައަޅާފައި ވަނީ "ނުބައި ބޭނުމެއް"ގައި ކަމަށް ބުނެ އިންތިހާބުތަކާ ބެހޭ ކޯޓުން ވަނީ އެ ޕާޓީ 4.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. 

ބޮލްސޮނާރޯއާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާ ޑަ ސިލްވާ ބްރެޒިލްގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެވެ. 

ލިބަރަލް ޕާޓީން އިންތިހާބާ ބެހޭ ގޮތުން ހުށައަޅާފައިވާ ޝަކުވާ އަކީ "ޑިމޮކްރަސީގެ އުސޫލުތަކަށް ގޮންޖަހާ" އަދި "ޑިމޮކްރަސީއާ ހިލާފު ކުށްތަކާއި ހަރަކާތްތައް" ހިނގުމަށް ހިތްވަރު ދިނުމަށް ހުށައެޅިފައިވާ ޝަކުވާއެއް ކަމަށް ސުޕީރިއާ އިލެކްޓޯރަލް ކޯޓު (ޓީއެސްއީ)ގެ ރައީސް އެލެގްޒެންޑްރޭ ޑެ މޮރާއެސް ވަނީ ވިދާޅުވެފަ އެވެ. 

އިންތިހާބުގެ ނަތީޖާއާ މެދު ބޮލްސޮނާރޯގެ ޕާޓީން ޝަކުވާ ހުށައެޅުމާ ގުޅޭ (ވީޑިއޯ/ އެންބީސީ ނިއުސް)

އިންތިހާބުން ބޮލްސޮނާރޯ ހޯއްދެވި %49.1ގެ ވޯޓުގެ މައްޗަށް ލޫލާ ހޯއްދެވި %50.9 ގެ ކާމިޔާބު ޓީއެސްއީ އިން ވަނީ ބަލައިގަނެ ރަސްމީކޮށް އިއުލާނު ވެސް ކޮށްފަ އެވެ. 

ނަމަވެސް އިންތިހާބުން ނާކާމިޔާބުވިކަމަށް ބޮލްސޮނާރޯ އަދިވެސް އެއްބަސްވެވަޑައިގެންފައި ނުވާއިރު، އިންތިހާބަށް ފަހު ބޮލްސޮނާރޯ ވަނީ މީޑިއާއާ ދުރަށް ޖެހިވަޑައިގެންފަ އެވެ. އަދި އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބްރެޒިލްގެ ބޮޑެތި މަގުތަށް ބަންދުކޮށް މުޒާހަރާކޮށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. 

ބްރެޒިލްގެ ރައީސްކަން 2003 ވަނަ އަހަރުން 2010 އަށް ކުރައްވާފައިވާ ލޫލާ ވެވަޑައިގަންނަވާނީ އުމުރުފުޅުން 77 އަހަރުގައި އެގައުމުގެ ރައީސްކަން ކުރައްވާ އެންމެ ދޮށީ ބޭފުޅާ އަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް