Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާއިން ދިވެހި ސިފައިންނަށް 2 ކަނޑު އުޅަނދާއި 24 ވެހިކަލް

އިންޑިއާއިން ކުރިން ދިން ކޯސްޓްގާޑު އުޅަނދެއްގެ ބަދަލުގައި ވެސް އުޅަނދެއް ދޭނެކަން އިއުލާންކުރި

އިންޑިއާއިން ދިވެހި ސިފައިންނަށް ކޮޅުވެއްޓިއަކާއި ކޯސްޓްގާޑު އުޅަނދަކާއި ހިލޭ 24 އެއްގަމު އުޅަނދު ދޭނެކަން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިން ފެށިގެން އުޅުއްވަނީ އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. އަދި ދެ ގައުމުގެ ވެރިންގެ ބައްދަލުވުންތަކުގައި އެކި މަޝްރޫއުތަކާއި ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ތަފްސީލް - ރައީސްގެ ދަތުރުފުޅުގައި މޯދީ ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ދެވަނަ ކޮޅުވެއްޓިއެއް އިންޑިއާއިން ދޭނެކަން އިއުލާން ކުރައްވާފަ އެވެ. އޭގެ އިތުރުން، ކުރިން އެ ގައުމުން ދިވެހި ސިފައިންނަށް ދިން ކޯސްޓްގާޑު އުޅަނދު، 'ސީޖީއެސް ހުރަވީ'ގެ ބަދަލުގައި އެހެން އުޅަނދެއް ދޭނެ ކަމަށް ވެސް މޯދީ ވިދާޅުވެފައި ވެ އެވެ.

އެނގުން މުހިއްމު - އިންޑިއާގެ ނޭވީއިން ރާއްޖޭގެ ކޯސްޓްގާޑަށް ބަދަލުކުރާ އުޅަނދެއްގެ ގޮތުގައި 'ސީޖީއެސް ހުރަވީ' ރާއްޖެއަށް ދީފައިވަނީ 2006 ވަނަ އަހަރު އެވެ. އެ ޓްރާންސްފާގެ ދަށުން، ޓެކްނިކަލް އެހީ އާއި އެކި އާލާތްތައް ތިން އަހަރު ވަންދެން އިންޑިއާގެ ނޭވީއިން ދިވެހި ސިފައިންނަށް ދިނެވެ. ނަމަވެސް 2018 ވަނަ އަހަރު އެ އުޅަނދު ވަނީ އަނބުރާ އިންޑިއާއަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން ހަދިޔާގެ ގޮތުގައި ދިވެހި ސިފައިންނަށް އިންޑިއާއިން ދީފައިވަނީ ސިފައިންގެ އެކި ބޭނުންތަކަށް ދުއްވޭނެ 24 އެއްގަމު އުޅަނދެވެ.

އެމްއެންޑީއެފަށް އިންޑިއާ އިން ދޭ ހިލޭ އެހީ އާއި 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށްޓަކައި ރައީސް ސޯލިހު މޯދީއަށް ޝުކުރު އަދާކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ އާލާތްތަކާއި ވަސީލަތްތައް ޒަމާނީ ކުރުމުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް