ފިންލެންޑުން ވަނީ އަސްކަރިއްޔާއަށް ކުރާ ހޭދަ ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުކޮށްފައި. (ފޮޓޯ/ ގެޓީ އިމޭޖެސް)

ޔޫރަޕް

ފިންލެޑުން ނޭޓޯއާ ގުޅުން ވާނީ ގޯހަކަށް: ޕޫޓިން

ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމާ މެދު ވަކި ގޮތެއް މި ހަފްތާގައި އިއުލާނުކުރާނެ ކަމަށް ބެލެވޭ

ފިންލެންޑުން ގެންގުޅޭ ވަކިކޮޅަކަށް ނުޖެހޭ ސިޔާސަތު ދޫކޮށްލައި ނޭޓޯއާ ގުޅުމަށް ނިންމުން ވާނީ ގޯހަކަަށް ކަމަށް ވިދާޅުވެ، ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ފިންލެންޑުގެ ރައީސަށް އިންޒާރު ދެއްވައިފި އެވެ.

ފިންލެންޑުން ނޭޓޯއާ ގުޅެން ބޭނުންވާކަން މި ހަފްތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޕޫޓިން މި އިންޒާރު ދެއްވާފައި ވަނީ ފިންލެންޑުގެ ރައީސް ސައުލީ ނީނިސްޓޯ ޕޫޓިންއަށް ކުރެއްވި ފޯނު ކޯލެއްގަ އެވެ.

މި ފޯނު ކޯލުގައި ފިންލެންޑުގެ ސަލާމަތަށް އެއްވެސް ބިރެއް ނެތް ކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން އަވަށްޓެރި ސްވީޑެން އިން ވެސް ވަނީ ނޭޓޯއާ ގުޅުމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ފިންލެންޑުން ރަޝިޔާއާ އެކު 1،300 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާ ކުރާއިރު، މިހާތަނަށް ފިންލެންޑުން ނޭޓޯއާ ގުޅިފައި ނުވަނީ އިރުމައްޗަށް އޮތް ރަޝިޔާ ރުޅިއަތުވެދާނެތީ އެވެ.

ދެ ރައީސުންގެ މެދުގައި ކުރިއަށް ދިޔަ މި ފޯނު ކޯލުގައި ފިންލެންޑުން ނޭޓޯއާ ގުޅުމަށް ނިންމައިފި ނަމަ، ބަދަލުގައި އަޅާނެ ފިޔަވަޅެއްގެ ވާހަކަ ޕޫޓިން ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރަޝިޔާގެ ހާރިޖީ ވުޒާރާއިން ވަނީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފިންލެންޑުގެ ކުޑަ ސަރަހައްދަކަށް ރަޝިޔާއިން ފޯރުކޮށްދެމުން ދިޔަ ކަރަންޓު ރަޝިޔާއިން ވަނީ މި ހަފްތާ ބަންދުގައި ކަނޑާލާފަ އެވެ. އަދި މިއީ މިފަދަ އިންޒާރުގެ ފިޔަވަޅުތަކުގެ އެއް ނިޝާން ކަމަށް ގިނަ މާހިރުން ދެކެވަޑައިގަންނަވަ އެވެ.

ކަރަންޓު ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ ފައިސާގެ މުއާމަލާތްތަކެއްގެ ސަބަބުން ކަމަށް ރަޝިޔާގެ ހަކަތަ ސަޕްލައިކުރާ އާރްއޭއޯ ނޯޑިކް އިން ވަނީ ބުނެފަ އެވެ. ނަމަވެސް މި ފިޔަވަޅާ ގުޅިގެން އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށް ފިންލެންޑުގެ ކަރަންޓު ގްރިޑުގެ އެގްޒެކެޓިވް ރެއިމާ ޕައިވިނެން ބީބީސީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަޝިޔާއިން ފޯރުކޮށްދެމުން ދިޔައީ ފިންލެންޑަށް ބޭނުންވާ ޖުމުލަ ކަރަންޓު %10 އެވެ. އަދި އެ މިންވަރު އެހެނިހެން ގޮތްގޮތުން ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިންލެންޑުގެ ރައްކާތެރިކަމަށް އެއްވެސް ބިރެއް ނެތް އިރު، ޒަމާންތަކެއް ވަންދެއް ގެންގުޅެފައިވާ އަސްކަރީ ގޮތުން ވަކިކޮޅަކަށް ނުޖެހުމުގެ ސިޔާސަަތު ނިމުމަކަށް ގެނައުން ވާނީ ގޯހަކަށް" ޕޫޓިން ވިދާޅުވި ކަމަށް ދެ ރައީސުންގެ މެދުގައި ކުރި ފޯނު ކޯލަށް ފަހު ކްރެމްލިން އިން ނެރުނު ބަޔާނެއްގައިވެ އެވެ.

"ގައުމަކަށް އަންނަ ސިޔާސީ މިފަދަ ބަދަލެއްގެ ސަބަބުން ރަޝިޔާ އާއި ފިންލެންޑުގެ ދެމެދުގައި އެތައް އަހަރެއް ވަންދެން ގާއިމްކޮށްފައިވާ ރަހްމަތްތެރިކަމާއި އަވަށްޓެރިކަމާއި އެއްބާރުލުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ."

ނަމަވެސް ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި "ފިންލެންޑުގެ ރައްކާތެރި މާހައުލު ބަދަލުވެފައިވާ" ކަމަށް ރައީސް ނީނިސްޓޯ ވަނީ ޕޫޓިން އަރިހުގައި ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް