(ފޮޓޯ/ބީބީސީ)

އިންޑޮނީޝިއާ

އިންޑޮނީޝިއާ ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ

މި ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައި
23 ނޮވެމްބަރު 2022

އިންޑޮނީޝިއާ އަށް ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 268 އަށް އަރާފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ. 

ބިންހެލުން ކުރިމަތި ވިއިރު 14 އަހަރުގެ އަފްރީޒާލް މުލިޔަދީ ހުރީ ސްކޫލުގަ އެވެ. އޭނާ ކިޔައިދިން ގޮތުގައި ބިންހެލުމާ އެކު ވެއްޓުނު އިމާރާތުގެ ބައިތަކުގެ ތެރޭގައި އޭނާ ދަށުވި އެވެ. އަދި އޭނާ ސަލާމަތް ކޮށްދިނީ ޒުލްފިކާރު ކިޔާ ރަހުމަތްތެރިއެއް ކަމަށާއި ނަމަވެސް އެ ރަހުމަތްތެރިޔާ ފަހުން ވަނީ އެހެން ތަނެއްގެ ތާށިވެ މަރުވެފައި ކަމަށް މުލިޔަދީ ކިޔާދިނެވެ. 

ބިންހެލުމާ ގުޅިގެން 1،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 151 ގައި ހުރި އިރު، 22،000 ގެޔަށް ގެއްލުންވެ، 58،000 މީހުން ގެދޮރުން ނުކުންނަށް ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

ރިކްޓާ މިންގަނޑުން 5.6ގެ ބާރުމިނުގައި ފަރުބަދަމަތީ ސަރަހައްދަށް ކުރިމަތިވި މި ބިންހެލުމާ ގުޅިގެން ހުޅަނގު ޖާވާގައިވާ ސިއަންޖޫރު ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ގިނަ އަވަށްތަކެއް ވަނީ ވަޅުލެވިފަ އެވެ. އަދި މަރުވި ބަޔެއް މީހުން މަރުވެފައި ވަނީ ފާރާއި ފުރާޅުފަދަ އިމާރާތުގެ ބައިބައި ވެއްޓިގެންނެވެ. 

އިންޑޮނީޝިއާގެ ގައުމީ މީހުން ސަލާމަތް ކުރުމާ ބެހޭ އެޖެންސީއިން ވާހަކަ ދެއްކި އޮފިޝަލަކު ވަނީ މި ހާދިސާގައި ވަރަށް ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

"ގިނައިން މަރުވެފައި ވަނީ ކުޑަކުދިން. އެއީ މެންދުރުން އަނބުރާ 1 ޖެހިއިރު އެކުދިން ތިބީ އަދިވެސް ސްކޫލުގައި،" ހެންރީ އަލްފިއަންދީ ވިދާޅުވި އެވެ. 

ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ފުރަތަމަ ބިންހެލުމަށް ފަހު އިތުރަށް ކުރިމަތިވި ގިނަ އަދަދެއްގެ ލޮޅުންތަކާ އެކު  އިތުރު ބޮޑެތި ގެއްލުންތަކެއް ސިއަންޖޫރު ސަރަހައްދަށް ވަނީ ލިބިފަ އެވެ. 

ބިންހެލުމުގެ ކުރިންނާއި ފަހުން ގެޔެއްގެ ފޮޓޯއެއް (ފޮޓޯ/ގެޓީ އިމޭޖެސް)

އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ ވަނީ ބިންހެލުން އައި ސަރަހައްދަށް އިއްޔެ ވަޑައިގެން، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލު ކުރައްވާފަ އެވެ. 

"އަަހަރެންގެ އިރުޝާދަކީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އެންމެ އިސްކަމެއް ދިނުން،" ރައީސް ވިޑޯޑޯ ވިދާޅުވި އެވެ. 

މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު އެތައް ސަތޭކަ ފުލުހުންނެއް ވެސް އަންނަނީ ބައިވެރިވަމުންނެވެ. އަދި މި ކާރިސާގައި ގެއްލުންވި އަވަށްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިޑޯޑޯ ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް