ހަތިމު އަންދާލުމާ ގުޅިގެން ސްވިޑަންގައި ވަނީ ހަމަނުޖެހުން އުފެދިފައި (ފޮޓޯ/އަލް ޖަޒީރާ)

ދީން

ސްވިޑަންގައި ހަތިމެއް އަންދާލުން ރާއްޖޭން ކުށްވެރިކޮށްފި

އެފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުތަކުގައި އިތުރުވާނީ ނަފްރަތާއި ހައްދު ފަހަނަ އެޅުން ކަމަށް ދިވެހި ސަރުކާރުން ބުނި
22 ޖެނުއަރީ 2023

ސްވިޑަންގެ ހައްދު ފަހަނަ އަޅާފައިވާ ސިޔާސީ ޕާޓީ، ސްޓްރެމް ކުރުސްގެ ލީޑަރުގެ އެންގުމަށް އެ ގައުމުގައި ހަތިމެއް އަންދާލި މައްސަލަ ދިވެހި ސަރުކާާރުން މިއަދު ކުށްވެރިކޮށްފި އެވެ.

ވީ ކިިހިނެއް - ސްޓްރެމް ކުރުސްގެ ލީޑަރު ރަސްމުސް ޕަލޫދާންގެ އެންގުމަށް ސްވިޑަންގައި ހަތިމެއް އަންދާލީ އެ ގައުމުގެ ވެރިރަށް ސްޓޮކްހޮމްގައި ތުރުކީއާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާއެއްގަ އެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި:

  • ގުރުއާނަށް ފުރައްސާރަކުރުމުގެ މި އަމަލު ސްވިޑަންގައި އިއްޔެ ހިންގިއިރު، ރޯދަ މަހާ ދިމާކޮށް ގުރުއާން އަންދާ "ޓުއާ" އެއް ނުވަތަ "ދަތުރެއް" ސްވިޑަންގައި ފަށާނެކަން ޕަލޫދާން މިދިޔަ އޭޕްރީލްގައި އިއުލާނުކުރި

  • ސްވިޑަންގެ އެކި ސަރަހައްދުތަކުގައި ވަނީ ހަމަނުޖެހުންތަކެއް އުފެދިފައި

  • އިއްޔެ ބޭއްވި އެ މުޒާހަރާގައި ޕަލޫދާން ގަޑިއިރެއް ވަންދެން އިސްލާމް ދީނަށް ފުރައްސާރަކޮށް، އެ ގައުމުގެ އިމިގްރޭޝަން ސިޔާސަތުތަކަށް ފާޑުކިޔާފައިވޭ

  • ލައިޓަރަކުން ހަތިމުގައި ރޯކޮށްލިއިރު އެ ސަރަހައްދަށް 100 އެއްހާ މީހުން އެއްވެ ތިބި

  • އެކަމާ ދެކޮޅަށް ސްވިޑަންގައި ދަނީ މުޒާހަރާކުރަމުން

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. (ފޮޓޯ/ ރައީސް އޮފީސް)

ބުނީ ކީކޭ؟ - ސްވިޑަންގައި ހިންގި އެ އަމަލު ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަފާތު ވިސްނުންތަކާ އެކު ވެސް ގުޅުން ބަދަހިކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކުގެ ސަބަބުން އެ ގުޅުންތަކާއި އެއްބައިވަންތަކަމުގެ އަސާސްތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބުރުއަރާ ކަމަށެވެ.

"އެފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުތަކުގައި އިތުރުވާނީ ނަފްރަތާއި ހައްދު ފަހަނަ އެޅުން" އެ ބަޔާނުގައިވެ އެވެ.

އެނގުން މުހިއްމު - ސްވިޑަންގައި ހިންގި ދީނަށް ފުރައްސާރަކުރުމުގެ އަމަލު ދިވެހި ސަރުކާރުން ކުށްވެރިކުރިއިރު،  ސައުދީ އަރަބިއްޔާ، އުރުދުން، ކުވެއިތު އަދި ތުރުކީ ފަދަ ގައުމުތަކުން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އެކަމާ ދެކޮޅަށް ބައެއް ގައުމުތަކުގައި ދަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް