Majlis 2024

ކުޑަހުވަދޫގައި ބިނާކުރާ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ ބިންގާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ކ) މިއަދު އަޅުއްވައިދެއްވަނީ. (ފޮޓޯ/ހޯމް މިނިސްޓްރީ)

ކުޑަކުދިން

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހަދާ ފަރުވާ ދޭ ފުރަތަމަ މަރުކަޒު ކުޑަހުވަދޫގައި

ކުށުގެ ވެއްޓަށް ހުށަހެޅޭ އަދި ކުށްކުރި ކަމަށް ސާބިތުވާ ކުދިން ބައިތިއްބައިގެން އެ ތަނުގައި ފަރުވާ ދޭނެ
26 ނޮވެމްބަރު 2021

މިދިޔަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިންނަށް ފަރުވާ ދިނުމަށް ހަދާ ފުރަތަމަ މަރުކަޒުގެ ބިންގާ، ދ. ކުޑަހުވަދޫގަައި މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - އަދުލުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ފަރުވާ ދީ، އެ ކުދިން ބެލެހެއްޓުމަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކެއް އަޅަން ޖެހެ އެވެ.

ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބިންގާ އަޅުއްވައިދެއްވި ސެންޓަރަކީ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެވެ. މިއީ ކުއްޖާގެ ހާލަތަށް ބަލައި، އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ދޭ މުއްދަތަށް ދިރިއުޅުމަށް ކަނޑައަޅާފައިވާ ތަނެކެވެ. 

ތަފްސީލް - ކުޑަކުދިންގެ ރެސިޑެންޝަލް މަރުކަޒުތައް ބަހާލާފައި ވަނީ:

  • 1-

    ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު

  • 2-

    ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސް

  • 3-

    ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން އިސްލާހު ކުރުމަށް މަގެއް

ކުށުގެ ވެށިން ގެންނަ ކުއްޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް، އެ ކުއްޖާ އެ ކަމުގައި ކުށްވެރިވާ ނަމަ، މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާނެ އެވެ. އަދި ޕީޖީން އެ މައްސަަލަ ކޯޓަށް ފޮނުވައި ކުށް ސާބިތުވެއްޖެ ނަމަ:

  • 1-

    ފިޔަވަޅެއްގެ ގޮތުން ދެން ގެންދާނީ އެ ކުއްޖާ އިސްލާހު ކުރުމަށް ފަރުވާ ދޭ ކޮންމެވެސް މަރުކަޒަކަށް 

  • 2-

    އޭގެ ތެރޭގައި ރެސިޑެންޝަލް ޓްރީޓްމެންޓްގެ އިތުރުން، ޖުވެނައިލް ޑިޓެންޝަލް ސެންޓަރާއި ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހިމެނޭ

ބުނީ ކީކޭ؟ - ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު 'ދައުރު'އަށް ވިދާޅުވީ ކުށްކުރާ ކުދިން އިސްލާހު ކުރުމަށް މީގެ ކުރިން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގި ކަމަށާއި އެކަމަކު ކުޑަހުވަދޫގައި އަޅާ މަރުކަޒު ވާނީ، އެ ކުދިން އިސްލާހު ކުރުމަށް، ގާނޫނުގެ ދަށުން ހަދާ ފުރަތަމަ މަރުކަޒަށް ކަމަށެވެ. އެ ތަނުގައި ކުދިންނަށް ތަފާތު ތެރަޕީތައް ދޭއިރު، މީގެ ކުރިން ހިންގި ޕްރޮގްރާމްތަކުން ލިބުނު ތަޖުރިބާ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މި ފަދަ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ، ބޮޑެތި ކުށްތައް ކުރާ ކުޑަކުދިން އިސްލާހު ކުރުމަށް ދ. ވާނީގައި ކުރިއަށް ގެންދިޔަ ހަރަކާތެވެ. ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ވެސް ކުދިންނަށް ތެރަޕީތަކާއި ފަރުވާތައް ދޭނީ ހަމަ ގާތްގަނޑަކަށް މި ކޮންސެޕްޓަށެވެ.

އެކަމަކު، ނަޒީރު ވިދާޅުވީ، ގާނޫނަކުން މިކަން ކުރާއިރު ވަރަށް ބޮޑަށް ރެގިއުލޭޓް ކުރާނެ ކަމަށެވެ.

"ކުރީގެ ޕްރޮގްރާމްތައް ހިންގި ބޭފުޅުންގެ ތަޖުރިބާއާ ލަފާގެ މަތިން މި މަރުކަޒުގައި ވެސް ޓްރީޓްމެންޓްތައް ކުރިއަށް ގެންދާނީ. އެ ބޭފުޅުން ވިދާޅުވޭ ކުރީގެ ޕްރޮގްރާމްތަކުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން:

  • ކުޑަކުދިންގެ 88 މައްސަލައެއް އެ ތަނަށް ވަނީ ހުށަހަޅާފައި 

  • އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި އެ އެއްޗެހި ގެންގުޅުމުގެ މައްސަލަތައް 

  • މީހުންގެ މުދަލަށް ގެއްލުންދިނުމާއި އަދި މާރާމާރީ ހިންގުން ފަދަ މައްސަލަތައް ވެސް ގިނަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް