Majlis 2024

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ހަރަދުކުޑަކުރަން އަންގާފައިވަނިކޮށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން

ހަރަދަށް ވުރެ މައްސަލަތައް ނިންމުން މާ މުހިއްމު ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި

ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވަނިކޮށް، މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީން ނުރަސްމީ ގަޑީގައި މަސައްކަތް ކުރައްވާ ނަމަ އިތުރު އެލަވަންސެއް ދޭން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - ފިނޭންސް މިނިސްޓްރީން ވަނީ ހަރަދުތައް ކުޑަކުރަން ސަރުކާރުގެ އޮފީސްތަކަށް މި މަހުގެ 19ގައި އަންގާފަ އެވެ. އެގޮތަށް އެ މިނިސްޓްރީން އެންގީ އަގުތައް އިންތިހާއަށް އުފުލި، ދައުލަތުގެ ހަރަދުތައް އަދާޒާކުރި މިންވަރަށް ވުރެ މާ ބޮޑަށް އިތުރުވަމުން ދާތީ އެވެ. 

މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ މައްސަލަ

  • ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން؛ މި ކަމަށް ބަޖެޓްކޮށް ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފައި

  • ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް އިތުރު ގަޑީގައި ފަނޑިޔާރުން މަސައްކަތް ކުރުމަށް، އެ ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ން ހުށަހެޅި

  • ކޮމިޓީން ފާސް ކުރީ، ޖޭއެސްސީ އަދި ޑީޖޭއޭން ހުށަހެޅި ގޮތަށް ފާސް ކުރަން

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު. (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުން ދާއިރު ވެސް ހަރަދު ބޮޑުވާ ގޮތަށް ސަރުކާރުންނާއި މަޖިލީހުން އަމަލުކުރަމުން ދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރަން އަންގާފައި ވަނިކޮށް ވެސް ހަރަދު ބޮޑުވާ ގޮތަށް ކަންކަން ކުރަނީ ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ނިންމި ނިންމުމަކީ ނުފޫޒު ފޯރުވުގެ އަމަލެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މި ތަނަށް ހުށަހެޅިގެން އަންނަ ރިޕޯޓެއް ވެސް ގޮސް މި ނިމެނީ މުސާރަ ބޮޑުކުރުމާއި އެލަވަންސް ދިނުމާއި ވަކި ގޮތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ކަންކަން ބައްޓަން ކުރުމަށް ކުރާ މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

"ރައްޔިތުން ބިކަ ކުރުން ނޫން އެހެން ގޮތެއް އަޅުގަނޑަކަށް ނުވިސްނުނު މިހާ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހަކުން ގެނެސްފި ކަމަށް. އެއްވެސް އުސޫލެއް، ގޮތެއް ފޮތެއް ނެތި ދައުލަތެއް ހިންގަމުން މި ދަނީ."

މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވެ، ހަރަދު ކުޑަކުރަން ޖެހޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާދީފައި ވާއިރު، ސަރުކާރުން އަމަލުކުރަމުން ދަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ލަފާތަކާ އިދިކޮޅަށެވެ.

"އެހެންވީމާ، މި ކަހަލަ ހާލަތެއްގައި، މި އުނދަގޫ ހާލަތެއްގައި މި ގައުމު އޮތް އިރުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މި ހާލަތު އިތުރަށް އުނދަގޫކުރަން މަސައްކަތް ކުރާ ތަން،" ޝިޔާމް ވިދާޅުވި އެވެ.

ހަރަދަށް ވުރެ މައްސަލަތައް ނިންމުން މާ މުހިއްމު: އެމްޑީޕީ މެމްބަރުން

އިދިކޮޅު މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ ކޮމިޓީގެ މަގްސަދަކީ ފަނޑިޔާރުންނަށް އެލަވަންސެއް ދީގެން ނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން ނުނިމި ކްރިމިނަލް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭ ގޮތް ހެދުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މި 600،000ރ. ހަރަދުކޮށްގެން އެ ކަންކަން ހައްލު ވެގެން ދިއުމަކީ އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް. (ފޮޓޯ/ މަޖިލިސް)

ނާޝިޒަށް ފަހު ވާހަކަ ދެއްކެވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ އިދިކޮޅަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކަށް އިންސާފު ލިބެން އިދިކޮޅުން ނޭދޭނެ ކަމަށެވެ.

"ޕީޕީއެމް އަކީ ދިވެހި ރައްޔިތަކަށް އިންސާފުގެ ކަންފުޅެއް ލިބޭކަށް ވެސް ޕީޕީއެމްއަކުން ނޭދޭތީވެ، މިއަދު މި ރިޕޯޓަށް ޕީޕީއެމްގެ މެމްބަރުން ވެސް ތާއީދު ނުކުރާ ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މި ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ކޮމިޓީގެ ނިންމުމަށް ތާއީދު ކުރެއްވި އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބަލައި އަވަހަށް ނިންމޭނެ ގޮތެއް މަގުފަހިކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް