(ފޮޓޯ/ ކޮރެއާ އެރޯސްޕޭސް ރިސާޗް އިންސްޓިޓިއުޓް)
ދެކުނު ކޮރެއާގެ ތާރީހުގައި ފުރަތަމަށް ފަހަރަށް އަމިއްލައަށް އުފައްދާފައިވާ ރޮކެޓެއްގައި އިއްޔެ ޖައްވަށް ސެޓެލައިޓުތަކެއް ލޯންޗުކޮށްފި އެވެ.
އިއްޔެ ކޮރެއާ ގަޑިން މެންދުރުފަހު 4 ޖެހިއިރު ގޮހެއުންގުގައި ހުންނަ ނާރޯ ޖައްވީ ސެންޓަރުން ސެޓެލައިޓުތައް ލޯންޗުކުރުމަށް ބޭނުންކޮށްފައި ވަނީ 'ނިއުރީ'ގެ ނަން ދީފައިވާ ރޮކެޓެކެވެ.
އިއްޔެގެ ލޯންޗުގެ ކާމިޔާބުގެ ސަބަބުން މިހާރު ހޫނުވެފައިވާ ޖައްވީ ރޭހުގައި ކޮރެއާއަށް ކުރިއެރުންތަކެއް ލިބި، މުސްތަގުބަލުގައި ލޯންޗުކުރާނެ ކަމަށް ބެލެވޭ ޖާސޫސީ ސެޓެލައިޓުތަކުގެ ސަބަބުން އެ ގައުމުގެ ގައުމީ ސަލާމަތީ ދިފާއު އިތުރަށް ވަރުގަދަ ކޮށްދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިއްޔެ މިފަދަ އަސްކަރީ އެއްވެސް ސެޓެލައިޓެއް ލޯންޗުކޮށްފައި ނުވާ ކަމަށާއި، ލޯންޗުކުރި ސެޓެލައިޓުތަކުގެ ތެރޭގައި ޕާފޯމަންސް ވެރިފިކޭޝަން ސެޓެލައިޓެއް ހިމެނޭ ކަމަށް ކޮރެއާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ދުނިޔެއާ 435 މޭލު މަތީގައި އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވާ މި ސެޓެލައިޓުގެ ބޭނުމަކީ އިތުރު ސެޓެލައިޓުތައް ޖައްވަށް ފޮނުވުމަށް ކޮރެއާއަށް އެހީތެރިވެދިނުމެވެ.
އިއްޔެ ލޯންޗުކުރި ސެޓަލައިޓާ އެކު ދެކުނު ކޮރެއާ ވެފައި މި ވަނީ އަމިއްލަ ޓެކްނޮލޮޖީ ބޭނުންކޮށް ޖައްވަށް ސެޓެލައިޓެއް ފޮނުވި 10 ވަނަ ގައުމަށެވެ. ކޮރެއާގައި ފުރަތަމަ ފަހަރަށް ސެޓެލައިޓެއް ކާމިޔާބު ކަމާއި އެކު ލޯންޗުކޮށްފައި ވަނީ 2013 ވަނަ އަހަރެވެ. ނަމަވެސް އެ ފަހަރު ބޭނުންކުރި ރޮކެޓުގައި އެއް ބައި އީޖާދުކުރީ ރަޝިޔާ އިންނެވެ.
އަސްކަރީ އަދި ޖާސޫސީ ބޭނުމަށް ސެޓެލައިޓުތައް ލޯންޗުކޮށްފާނެ ކަމުގެ ބިރަށް ޖައްވަށް ސެޓެލައިޓުތައް ލޯންޗުކުރާ ޓެކްނޮލޮޖީ އަކީ ބައިނަލްއަވްވާމީ ގާނޫނުތަކުގެ ދަށުން ވަރަށް ބޮޑަށް ހަނިކޮށްފައިވާ މައުލޫމާތުތަކެވެ.
ކޮމެންޓް